ޗެލްސީގެ ޓްރާންސްފާތަކެއް ހިނގާނެ: ލަމްޕާޑް
ޗެލްސީގެ ޓްރާންސްފާތަކެއް ހިނގާނެ: ލަމްޕާޑް

ލަންޑަން (ޖެނުއަރީ 2) - މި މަހުގެ ޓްރާންސްފާ މާކެޓް ތެރޭގައި ޗެލްސީގެ ހަރަކާތްތަކެއް ހިނގާނެ ކަމަށް އެ ޓީމުގެ ކޯޗު ފްރޭންކް ލަމްޕާޑް ބުނެފި އެވެ.

މި ސީޒަނުގެ ކުރިން އޮތް ޓްރާންސްފާ މާކެޓްގައި ލަމްޕާޑް ވަނީ އާ ހަތް ކުޅުންތެރިން ގެންނަން 220 މިިލިއަން ޕައުންޑަށް ވުރެން އިތުރަށް ހަރަދުކޮށްފަ އެވެ. އޭގެ ތެރޭގައި ހިލޭ ޓްރާންސްފާއެއްގައި އެ ޓީމަށް ބަދަލުވި މަލަންގް ސާ އާއި ތިއާގޯ ސިލްވާ ހިމެނެ އެވެ. މީގެ ތެރެއިން ސާ ވަނީ ލޯން އެއްބަސްވުމެއްގެ ދަށުން ޕޯޓޯއާ ގުޅިފަ އެވެ.

ޗެލްސީން ގެންނަން ބޭނުންވި ކުޅުންތެރިންގެ ތެރެއިން އެ ޓީމަށް ނުލިބުނީ ވެސްޓް ހޭމް އަށް ކުޅެމުން އަންނަ އިނގިރޭސި މިޑްފީލްޑަރު ޑެކްލަން ރައިސް އެވެ. ކުރިން ޗެލްސީ ޔޫތު ޓީމަށް ކުޅުނު ރައިސް އަލުން އެ ޓީމަށް ގެންނަން ގާތްގަނޑަކަށް 70 މިލިއަން ޑޮލަރު ހަރަދުކުރަން ޖެހިދާނެ ކަމަށް އިނގިރޭސި މީޑިއާ ރިޕޯޓްތައް ބުނެ އެވެ.

ފިނި މޫސުމުގެ ޓްރާންސްފާ މާކެޓް މި މަހުގެ ނިޔަލަށް ހުޅުވިފައިވާއިރު ލަމްޕާޑް ބުނީ ޗެލްސީގެ ޓްރާންސްފާތައް ކުރިއަށްދިއުން ބިނާވެފައި އޮތީ އެ ޓީމު ދޫކޮށްދާ ކުޅުންތެރިންގެ މައްޗަށް ކަމަށެވެ.

"އަހަރެމެން އަވަސް އަރުވާލައިގެން ވަކި ކަންތައްތަކެއް ކުރަން ނޫޅެން. އެބަތިބި މި ޓީމުން ފުރުސަތު މަދުން ލިބޭތީ ނޫނީ އެ ނޫން ވެސް ސަބަބުތަކަށްޓަަކައި ޓްރާންސް އަކަށް ބޭނުންވެފައި ތިބި ކުޅުންތެރިން. އެ ފަދަ ކުޅުންތެރިންނާ ކްލަބުން ވާހަަކަ ދައްކައި ގޮތްތަކެއް ހޯދާނަން،" ލަމްޕާޑް ބުންޏެވެ.

"ޔަގީނުން ވެސް އަހަރެމެން ޓީމު ވަރުގަދަ ކުރެވެން އޮތިއްޔާ އެކަމެއް ކުރާނަން. އެކަމަކު މި ވަގުތު އާ ކުޅުންތެރިއަކަށް އިންވެސްޓްކުރާނީ އެހެން ޓްރާންސްފާތަކެއް ހިނގީމާ،"

ލަމްޕާޑް ބުނީ ޗެލްސީން ކުޅުންތެރިން ހޯދުމުގައި އެންމެ ބޮޑަށް ވިސްނާނީ ކްލަބްގެ ޕްރޮޖެކްޓްގައި މުހިއްމު ހިއްސާއެއް އަދާކުރަމުން އަންނަ ޗެލްސީ އަށް ނިސްބަތްވާ ޒުވާން ކުޅުންތެރިންނަށް ފުރުސަތު ނުގެއްލޭ ގޮތަށް ކުރިއަށް ދިއުމަށް ކަމަށެވެ.

މި މަހުގެ ޓްރާންސްފާ މާކެޓް ތެރޭ ޗެލްސީ ދޫކޮށްލާނެ ކަމަށް ބެލެވޭ ކުޅުންތެރިންނަކީ ގޯލްކީޕަރު ކެޕާ އަރިއްޒަބަލާގާ އާއި ޑިފެންޑަރު މާކޯސް އަލޮންސޯ އާއި އެންޓޯނިއޯ ރޫޑިގާ އާއި ފިކާޔޯ ޓޮމޯރީ އާއި މިޑްފީލްޑަރު ޖޯޖީނިއޯ އަދި އެމަސަން ޕަލްމިއޭރީ އެވެ.

އެންމެ ފަހުން ކުޅުނު މެޗުތަކުގައި މި ފަހަރު ޗެލްސީއާ ގުޅުނު ޖަރުމަނުގެ ކައި ހަވާޓްޒް އާއި ޓިމޯ ވާނާ އަށް އެންމެ ރަނގަޅު ކުޅުމެއް ދެއްކިފައިނުވާތީ އެ ދެ ކުޅުންތެރިންނަށް ވަނީ މީޑިއާގެ ޕްރެޝަރު ކުރިމަތިވެފަ އެވެ.