ބަދަލުތަކަކާއެކު ކަނބާއައިސާރަނިހިނގުމުގެ ބައެއް ހުޅުވާލައިފި
ބަދަލުތަކަކާއެކު ކަނބާއައިސާރަނިހިނގުމުގެ ބައެއް ހުޅުވާލައިފި

މާލޭގެ މަގުތައް ރަނގަޅު ފެންވަރަކަށް ހެދުމުގެ މަޝްރޫއުގެ ދަށުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުން ނިންމި ފުރަތަމަ މަގެއްގެ ގޮތުގައި، ކަނބާއައިސާރަނިހިނގުމުގެ އުތުރުކޮޅު މިއަދު ހުޅުވާލައިފި އެވެ.

ބަދަލުތަކަކާއެކު ކަނބާއައިސާރަނިހިނގުމުގެ ބައެއް ހުޅުވާލައިފި
ބަދަލުތަކަކާއެކު ކަނބާއައިސާރަނިހިނގުމުގެ ބައެއް ހުޅުވާލައިފި

މާފަންނު ކަނބާއައިސާރަނިހިނގުމުގެ މަޖީދީމަގުން އުތުރަށް އޮތްބައި ހުޅުވައިލީ ބޮޑެތި ބަދަލުތަކަކާއެކު އެވެ.

ދުއްވާ އެއްޗިއްސާއި ހިނގާ މީހުންނަށް ފަސޭހަވާނެ ގޮތަށް މަގު އޮތްއިރު، އަރިމަތި ރީތި ކޮށްފައި ވަނީ ގަސްމުށިތަކުންނެވެ. އުޅަނދުތައް ޕާކުކުރުމަށް ވަކި ސަރަހައްދެއް މަގުގައި ހަދާފައި އޮތް އިރު، މުދާ އަރުވައި ބޭލުމާއި ޓެކްސީ ހޯދުމަށް ވެސް ވަކި ސަރަހައްދުތަކެއް ވަނީ ކަނޑައަޅައިފަ އެވެ. މަގު ޑިޒައިން ކޮށްފައި ވަނީ ވެސް އެކި ބޭނުންތަކަށް މަގު ކޮންނައިރު، މެދުން ކޮނުމުގެ ބަދަލުގައި، އަރިމަތިން ކޮނެގެން މަސައްކަތް ކުރެވޭނެ ގޮތަކަށެވެ.

މިދިޔަ އަހަރުގެ ފެބުރުއަރީ މަހު ފެށި މަގު ހެދުމުގެ މަޝްރޫއުގެ ދަށުން ނިންމި މި މަގު ހުޅުވައިދިނީ، މާފަންނު ހުޅަނގު ދާއިރާ އަށް ނިސްބަތްވާ މީހުންނެވެ. އެ ރަސްމިއްޔާތުގައި މާލޭގެ މޭޔަރު ޝިފާ މުހައްމަދާއި ރައްޔިތުންގެ މަޖިލީހުގެ މާފަންނު ހުޅަނގު ދާއިރާގެ މެމްބަރު މުހައްމަދު ފަލާހު ބައިވެރިވެ ވަޑައިގަތެވެ.

މާލޭގެ މަގުތަކުގައި ފެންބޮޑުވުމުގެ މައްސަލައާއި އުޅަނދު ދުއްވުމަށާއި ހިނގައިބިނގާވެ އުޅުމަށް ހުރި އުނދަގޫތަކަށް ހައްލު ހޯދުމަށް ފެށި، މަގު ހެދުމުގެ މަޝްރޫއަށް މި ސަރުކާރުން 462 މިލިޔަން ރުފިޔާ ހަރަދު ކުރެ އެވެ. މި މަޝްރޫއުގެ ދަށުން ފަސް ގޮތަކަށް މަގު ހަދާއިރު، ޖުމްލަ 18.8 ކިލޯ މީޓަރު ތަރައްގީ ކުރާނެ އެވެ.

ކޮވިޑް-19ގެ ބަލިމަޑުކަމާއެކު މަގު ހެދުމުގެ މަސައްކަތް މެދުކަނޑާލާފައި އަލުން އެކަން ފެށީ މިދިޔަ ޖޫން މަހު އެވެ. މި ސަރުކާރުގެ އަމާޒަކީ ދޮޅު އަހަރުގެ ތެރޭގައި މަސައްކަތް ނިންމުމެވެ. މިހާރު ހަދަމުން އަންނަ ސެގްމެންޓުގެ ދަށުން، އަށް މަގެއް ތަރައްގީ ކުރާނެ އެވެ.

މާލޭ ސިޓީ ކައުންސިލުން ބުނީ މަގުތައް ގެންނަ ބަދަލުތަކުގެ ސަބަބުން، އިމާރާތް ކުރުމުގެ ޑީވޯޓަރިން އާއި މަގުތަކުގައި ފެންބޮޑުވުމުގެ މައްސަލައަށް ހައްލު ހޯދޭނެ ކަމަށެވެ. މަގުތަކުގެ މެދުން ނުކޮނެ، ޕޭވްމަންޓް ކައިރިން ކޮނެ މައްސަލަތައް ހައްލު ކުރެވޭއިރު އަލިފާން ނިއްވާ ފަޔާ ހައިޑްރަންޓްތަކާއި ކެމެރާ ސިސްޓަމް ވެސް ހަރުކުރާނެ ކަމަށް އެތަނުން ބުންޏެވެ.