01 ޖެނުއަރީ 2021 - 15:03

ރާއްޖޭގައި ޓޫރިޒަމް ފެށިތާ 50 އަހަރު ފާހަގަ ކުރުމަށް ޓޫރިޒަމް މިނިސްޓްރީން ކައުންޓްޑައުން މިއަދު ފަށައިފި އެވެ.
"ފަތުރުވެރިކަމުގެ ރަން އަހަރު 2022" ގެ ނަމުގައި ރާއްޖޭގެ ޓޫރިޒަމްގެ ރަން ޔޫބިލް ފާހަގަ ކުރުމަށް ހަމަޖެހިފައިވަނީ އަންނަ އަހަރު އެވެ. ނަމަވެސް ކައުންޓްޑައުންގެ ގޮތުގައި މިއަދުން ފެށިގެން މި އަހަރުގެ ޑިސެމްބަރުގެ ނިޔަލަށް ޓޫރިޒަމް މިނިސްޓްރީގެ ސޯޝަލް މީޑިއާގައި ތަފާތު ހަރަކާތްތައް ހިންގާނެ އެވެ.
ޓޫރިޒަމް މިނިސްޓްރީން ބުނިގޮތުގައި މި ކެމްޕޭނުގައި ރާއްޖޭގެ ޓޫރިޒަމް ފެށުމަށް އިސްކޮށް އުޅުއްވި ބޭފުޅުންގެ މެސެޖުތައް އެ މިނިސްޓްރީގެ ސޯޝަލް މީޑިއާ މެދުވެރިކޮށް އާއްމު ކުރާނެ އެވެ. އެގޮތުން މި ކެމްޕޭން ފަށައިފައިވަނީ ރާއްޖޭގެ ޓޫރިޒަމް ދާއިރާ ފެށުމުގައި އިސް ދައުރެއް އަދާ ކުރެއްވި އިޓަލީގެ ޖޯޖް ކޯބިންގެ ވީޑިއޯ މެސެޖަކުންނެވެ.
ރާއްޖޭގެ ޓޫރިޒަމްގެ ރަން ޔޫބިލް ފާހަގަ ކުރާނީ ދާއިރާގެ ހުރިހާ ފަރާތްތަކާ ގުޅިގެން ކަމަށް ޓޫރިޒަމް މިނިސްޓްރީން ބުންޏެވެ.
ޓޫރިޒަމް މިނިސްޓްރީން ވަނީ މިއަހަރުގެ ފުރަތަމަ ޓޫރިސްޓަށް ވެސް އެހެން އަހަރުތަކާ އެއްގޮތަށް ހާއްސަ މަރުހަބާއެއް ކިޔައިފަ އެވެ. އެ މިނިސްޓްރީން ލަފާ ކުރާ ގޮތުގައި މިއަހަރު 1.5 މިލިއަން ޓޫރިސްޓުން ރާއްޖެ ޒިޔާރަތް ކުރާނެ އެވެ.