01 ޖެނުއަރީ 2021 - 12:35

ބެއިޖިން (ޖެނުއަރީ 1) - ޗައިނާގެ ކުންފުނި ސިނޯފާމުން ކޮރޯނާވައިރަހަށް އުފެއްދި ވެކްސިން އާއްމުންނަށް ބޭނުން ކުރުމުގެ ހުއްދަ އެ ގައުމުން ދީފި އެވެ.
ސިނޯފާމުން ބުނެފައި ވަނީ އެ ކުންފުނީގެ ވެކްސިން ކޮރޯނާވައިރަހާ ދެކޮޅަށް 79 ޕަސެންޓް މަސައްކަތް ކުރާ ކަމަށެވެ.
ޗައިނާގެ ނޭޝަނަލް މެޑިކަލް ޕްރޮޑަކްޓްސް އެޑްމިނިސްޓްރޭޝަންގެ ޑެޕިއުޓީ ކޮމިޝަނަރު ޝެން ޝިފެއި ވިދާޅުވީ ޗައިނާ ނޭޝަނަލް ފާމަޝޫޓިކަލް ގްރޫޕް ނުވަތަ ސިނޯފާމުގެ ވެކްސިނަށް ހުއްދަ ދިނުމަކީ ބޮޑު ކުރިއެރުމެއް ކަމަށެވެ.
ނޭޝަނަލް ހެލްތު ކޮމިޝަންގެ ވައިސް މިނިސްޓަރު ޒެންގް ޔިޒިން ވިދާޅުވީ ސިނޯފާމުގެ ވެކްސިނަށް ހުއްދަ ދިނުމަކީ ހައި ރިސްކް ގްރޫޕްތަކަށް ވެކްސިން ދިނުން ފުޅާކުރަން ލިބުނު ފުރުސަތެއް ކަމަށެވެ.
ޗައިނާ އިން ޖުލައި މަހު ވަނީ ތިން ވެކްސިނެއް އިމަޖެންސީގައި ފްރަންޓްލައިން މީހުންނަށް ބޭނުން ކުރުމަށް ހުއްދަ ދީފަ އެވެ. އޭގެ ފަހުން ވަނީ 4.5 މިލިއަން މީހުންނަށް ވެކްސިން ދީފަ އެވެ.
ޗައިނާ އިން ވަނީ އެ ގައުމުގެ ވެކްސިން، ކުޑަކޮށް ތަރައްގީވެފައިވާ ގައުމުތަކަށް ހެޔޮ އަގުގައި ފޯރުކޮށްދޭނެ ކަމަށް ބުނެފަ އެވެ. ޗައިނާގެ ސިނޯފާމުގެ ވެކްސިނަށް ޔޫއޭއީ އާއި ބަހުރޭނުން ވަނީ ހުއްދަ ދީފަ އެވެ. ސިނޯފާމުގެ ވެކްސިނަށް ހުއްދަ ދިނުމާ އެކު ޕާކިސްތާނުން ވަނީ 1.2 މިލިއަން ޑޯޒަށް އޯޑަރުދީފަ އެވެ.
ކޮރޯނާވައިރަސް އެންމެ ފުރަތަމަ ފެނިފައި ވަނީ ޑިސެމްބަރު 2019 ގައި ޗައިނާގެ ވޫހާން އިންނެވެ.