މާޒީން އިބުރަތް ހޯދައި މުސްތަގުބަލަށް ވިސްނުން
މާޒީން އިބުރަތް ހޯދައި މުސްތަގުބަލަށް ވިސްނުން

އިސްލާމްދީނަކީ މާޒީގެ އުސޫލުތަކާއި ހަމަތަކުގައި ހިފަހައްޓައި މާޒީގެ ހާދިސާތަކުން އިބުރަތް ލިބިގަތުމަށް ބާރުއަޅާ ދީނެކެވެ. ހަމައެފަދައިން މުސްތަގުބަލާ މެދު ވިސްނައި އެކަމަށް ސަމާލުވުމަށް ހިތްވަރުދޭ ދީނެކެވެ. ކީރިތި ޤުރުއާނަށް ނަޒަރު ހިންގާލާއިރު ކުރީގެ ޒަމާންތަކުގައި ހިނގާފައިވާ ހާދިސާތަކުގެ ވާހަކަ އެއިން ފެނެ އެވެ. އޭގެ ބޭނުމަކީ ވިސްނައި ފިކުރު ކުރާ ބަޔަކަށް އެ މާޒީން އިބުރަތެއް ލިބުން ކަމުގައި ބަޔާން ކުރައްވާފައި ވެ އެވެ. (ޔޫސުފް 111). ހަމައެއާ އެކު ވިސްނާ ފިކުރު ކުރާ މީހުންނަށް އެއިން މަންފާ ކުރާނެ ކަންކަމުގެ ގޮތުގައި އެތައް ކަމެއް ފާހަގަ ކޮށްފައިވެ އެވެ. މިގޮތުން އިރު ހަނދާއި ތަރިތަކުގެ ދައުރުވުމާއި އެއަށް އަންނަ ބަދަލުތަކާއި ދުނިޔޭގައި ކަންކަން ހިނގާ ގޮތަށް އަންނަ ބަދަލުތަކަށް އިޝާރާތް ކޮށްފައިވެ އެވެ. ދުނިޔޭގައި އަބަދު އެއް ބަޔަކަށް އެއް ގޮތަށް ކަންކަން ނުވާކަމާއި، މިއަދު ކާމިޔާބު ލިބުނު ބަޔަކަށް މާދަމާ ނާކާމިޔާބު ވެދާނެ ކަމާއި، މިއަދު ނިކަމެތި ބަޔަކު މާދަމާ ވަރުގަދަ ބަޔަކަށް ވެދާނެ ކަމަށް އިޝާރާތް ކުރެ އެވެ.

މާޒީން އިބުރަތް ލިބިގަތުމަށްޓަކައި އާދަމްގެ ފާނުން ފެށިގެން ކީރިތި ރަސޫލާ ﷺ އާ ހަމައަށް ވަރަށް ގިނަ ނަބީބޭކަލުންނާ ގުޅުންހުރި ވާހަކަތައް ޤުރްއާނުގައި ގެނެސްފައިވެ އެވެ. މި ހުރިހާ ވާހަކަތަކަކީ ވެސް އެއިން އިބުރަތް ހޯދަން ވަރަށް މުހިންމު ވާހަކަ ތަކެކެވެ. މިސާލަކަށް އިންސާނާގެ ހަވާނަފްސު ކޮންޓްރޯލު ނުކުރެވުމުން ދިމާވާ ހިތާމަތައް އާދަމުގެފާނާއި ޙައްވާގެފާނުގެ ވާހަކައިން އިބުރަތް ލިބެ އެވެ. ޖިންސީ ޝަހުވަތްތަކުގެ ކުރިމަތީ ނަފްސު ކޮންޓްރޯލު ކުރުމުގެ މުހިންމުކަން ޔޫސުފުގެފާނުގެ ވާހަކައިން އިބުރަތް ލިބެ އެވެ. އީމާންކަން ގެއްލިގެން ދިޔަނުދިނުމަށްޓަކައި ހިޖުރަ ކުރަން ޖެހިއްޖެ ނަމަ އެކަން ކުރުމުގެ މުހިންމު ކަން ކަހަފުބައިގައިގެ މީހުންގެ ވާހަކައިން އިބުރަތް ލިބެ އެވެ.

މާޒީގެ ވާހަކަތައް ޤުރުއާނުގައި ބަޔާން ކުރުމުގެ އަނެއް ބޭނުމަކީ އީމާންވީ މީހުންނަށް ﷲ ދެއްވާ ނިއުމަތްތައް ހަނދާންކޮށްދިނުމެވެ. މިގޮތުން އަލްމާއިދަތު ސޫރަތުގެ 11 ވަނަ އާޔަތުގައި ބަޔާން ކުރައްވަނީ ޔަހޫދީންގެ ގަބީލާއެއް ކަމުގައިވާ ބަނީ ޤައިނުޤާޢުގެ މަކަރުވެރި ރޭވުންތަކުން މުއުމިނުން ސަލާމަތް ކޮށްދެއްވި ވާހަކަ އެވެ. ހަމައެފަދައިން ޤުރައިޝުންނާއި ޣަޠުފާނު ވަންހައިގެ މީހުން ޔަހޫދީންގެ ބަނީ ޤުރައިޡާ ވަންހަ އާއި ގުޅިގެން މަދީނާ އަށް ހަމަލާ ދޭން އައި ހިނދު އެބައިމީހުންގެ މައްޗަށް ވަރުގަދަ ވަޔަކާއި ނުފެންނަ ލަޝްކަރުތަކެއް ފޮނުއްވި ވާހަކަ އަލްއަޙުޒާބު ސޫރަތުގެ 9 ވަނަ އާޔަތުގައި ބަޔާން ކުރައްވާފައި ވެ އެވެ. ބަދުރު ހަނގުރާމަ ކުރިމަތިވި ހިނދު މުސްލިމުން ނިކަމެތި ހާލަތެއްގައި ވަނިކޮށް ﷲ ގެ ހެޔޮ ރަހުމަތުން އެކަލާނގެ ނަސްރާއި މަދަދު މުސްލިމުންނަށް ދެއްވި ވާހަކަ އަލްއަންފާލު ސޫރަތުގެ 26 ވަނަ އާޔަތުގައި ބަޔާން ކުރައްވާފައިވެ އެވެ.

މާޒީގެ ހާދިސާތަކުން އިބުރަތް ނުހޯދައި ތިބުމުގެ ސަބަބުން މުސީބާތްތަކާ ކުރިމަތިލާން ޖެހިދާނެކަން ބަޔާން ކުރުމަކީ ވެސް މާޒީގެ ވާހަކަތައް ޤުރުއާނުގައި ބަޔާންކުރުމުގެ ސަބަބެކެވެ. މިގޮތުން އުހުދު ހަނގުރާމައިގެ ދުވަހު، ﷲ އާއި ރަސޫލާގެ އަމުރުފުޅުތަކަށް ފުރިހަމަ އަށް ކިޔަމަންވުން ދޫކޮށްލި އެވެ. މާޒީން އިބުރަތް ނުހޯދުމުގެ ސަބަބުން އެ ދުވަހު މުސްލިމުންނަށް ނާކާމިޔާބު ލިބުނީ އެވެ. (އާލް ޢިމްރާން 165).

އިސްލާމީ ނަޒަރުން ބަލާއިރު މުސްލިމުންގެ ދިރިއުޅުމުގައި މާޒީއަކީ ވަރަށް މުހިންމު އެއްޗެކެވެ. ދިރިއުޅުން ބައްޓަން ކުރަންޖެހޭނެ ގޮތުގެ އުސޫލުތަކާއި ހަމަތަކާއި ގަވައިދުތައް ހުރީ މާޒީގެ މަސްދަރު ތަކެއްގަ އެވެ. ޒަމާން ކިތަންމެ ވަރަކަށް ބަދަލުވެގެން ދިޔަސް ދޫކޮށްނުލެވޭނެ ފަދަ ވަރުގަދަކަން މި މަސްދަރުތަކަށް ލިބިގެންވެ އެވެ. މުސްލިމުން މި މާޒީ ދޫކޮށްލައިފި ނަމަ އިސްލާމީ ފޭރާން އެއްކޮށް ނެތިދާނެ އެވެ. މުސްލިމެކޭ ކިޔާކަށް ދެން ޖާގައެއް ނޯންނާނެ އެވެ.

މާޒީން އިބުރަތް ލިބިގަންނަން އިސްލާމްދީން ބާރުއަޅާއިރު އަނެއްކޮޅުން މުސްތަގުބަލަށް ވިސްނުމަކީ ވެސް އިސްލާމްދީން ނުހަނު ސަމާލުކަން ދޭ ކަމެކެވެ. މިގޮތުން އުޙުދު ހަނގުރާމައިގެ ދުވަހު މުސްލިމުންނަށް ހާނިއްކަ އާއި ވޭން ލިބުނަސް ބަދުރު ހަނގުރާމައިގެ ދުވަހު ހާނިއްކަ އާއި ވޭން ލިބުނީ ކާފިރުންނަށްކަން ބަޔާން ކުރައްވަމުން ﷲ އަންގަވަނީ އެއީ އެކަލާނގެ ދުވަސްތައް މީސްތަކުންގެ މެދުގައި އެކިގޮތްގޮތަށް ބަދަލު ކުރައްވާ ބަދަލު ކުރެއްވުން ކަމުގަ އެވެ. (އާލްޢިމްރާން 140). މި އިލާހީ ގާނޫނު އަބަދުވެސް ދެމިއޮންނަ ހިނދު މުސްލިމުން މުސްތަގުބަލާ މެދު ވިސްނައި ނަފްސުތައް އެކަމަށް ހާނުވާން ޖެހެ އެވެ. މިއަދު ނާކާމިޔާބު ވުމުން އަބަދުވެސް ނާކާމިޔާބުވާނެ ކަމަށް ބަލައި މާޒީގެ އެ ސަފުހާ އިން އަތްދޫނުކޮށް ހުންނާކަށް ނުޖެހެ އެވެ. މާދަމާ އެހެން ގޮތަކަށް ބަދަލުވެދާނެ ކަމަށް ބަލައި މުސްތަގުބަލަށް ރާވަން ޖެހޭނެ އެވެ. އަދި ބަދަލު ގެންނަން މަސައްކަތް ކުރަން ޖެހޭނެ އެވެ. ކާފިރުން، އެ މީހުންގެ އެންމެންނަކީ ނަސްރު ލިބިގެންވާ ބައެކޭ ހީކުރާނަމަ އެއީ ކުށް ހީއެއް ކަން ބަޔާން ކުރައްވަމުން ﷲ އަންގަވަނީ އެ ކާފިރުންގެ ޖަމާއަތް ދެރަ ކުރައްވައި ބަލިކޮށްލައްވާނެ ކަމަށެވެ. އަދި އެހައިރުން އެމީހުން ފުރަގަސްދީ ފިލަން ދުވާނެ ކަމަށެވެ. (އަލް ޤަމަރު 45). ތަފުސީރު އިލްމުވެރިން ވިދާޅުވާ ގޮތުގައި މި އާޔަތުގައި އެ އިޝާރާތް ކުރަނީ ކާފިރުންގެ ލަޝްކަރު ކިތަންމެ ވަރުގަދަ ވެފައި އަދަދު ގިނަވިއަސް ބަދުރުގެ ދުވަހު އެމީހުން ބަލިވެގެންދާނެ ކަމުގެ ވާހަކަ ކަމަށެވެ.

ފާރިސީންނާއި ރޯމަނުންގެ މެދުގައި އޮތް ދެކޮޅުވެރިކަމާއި ހަނގުރާމަ އަށް ރޫމް ސޫރަތުގައި އިޝާރާތް ކޮށްފައި ވެ އެވެ. އޭރު ދުނިޔޭގެ ބޮޑު ދެބާރާ މެދު މައްކާގެ މުޝްރިކުންނާއި މުސްލިމުން ބަހުސް ކުރަމުން ދިޔަ އެވެ. މުސްލިމުން ތާއީދު ކުރަމުން ދިޔައީ އަހުލުކިތާބީން ކަމަށްވާ ރޯމަނުންނަށެވެ. މުޝްރިކުން ތާއީދު ކުރަމުން ދިޔައީ މަޖޫސީ ފާރިސީންނަށެވެ. ރޯމަނުން ބަލިވެފައިވުމުގެ ސަބަބުން މުޝްރިކުން އެކަމާ އުފާ ކުރިއަސް މަދު އަހަރުތަކެއްގެ ތެރޭ ރޯމަނުން، ފާރިސީންގެ މައްޗަށް ކާމިޔާބު ހޯދާނެކަން ޤުރުއާނުގައި އެންގެވި އެވެ. އަދި އޭގެ ސަބަބުން މުއުމިނުން އުފާކުރާނެ ވާހަކަ ބަޔާން ކުރެއްވި އެވެ. މިއީ މުސްތަގުބަލުގައި ހިނގާނެ ކަންކަމާ މެދު އުއްމީދީ ނަޒަރަކުން ވިސްނައި ހިތްތަކަށް ހަމަޖެހުން ހޯދަން މަސައްކަތް ކުރުމަށް މުސްލިމުންނަށް ޤުރުއާނުގައި އައި އިޝާރަތެކެވެ.

ކީރިތި ރަސޫލާ ﷺ ގެ ސީރަތަށް ބަލާއިރު ވެސް އެކަލޭގެފާނު މުސްތަގުބަލަށް ވިސްނަވައިގެން އެތައް ކަމެއް ކުރައްވާފައިވާކަން ފާހަގަވެ އެވެ. މިގޮތުން ހައްޖު މޫސުމުގައި އަރަބިންގެ އެކި ގަބީލާތަކުގެ މީހުންނަށް އިސްލާމީ ދައުވަތު ހުށަހެޅުއްވި އެވެ. އިސްލާމްދީނަށް ނަސްރު ދިނުމަށްޓަކައި އެމީހުންގެ ތާއީދު ހޯއްދެވުމަށް މަސައްކަތް ކުރެއްވި އެވެ. އެކަލޭގެފާނު ގަބޫލުފުޅު ކުރައްވާ ގޮތުގައި މުސްލިމުންނަކީ މިއަދު އަދި ނިކަމެތި ބައެއް ކަމަށް ވިއަސް މުސްތަގުބަލަށް ވިސްނައިގެން މަސައްކަތް ކޮށްފިނަމަ މާދާމާ ކާމިޔާބު ލިބޭނެ އެވެ. ނަމަވެސް މިކާމިޔާބު ލިބޭނީ ސަބަބުތަކުގައި ހިފައިގެން ކެތްތެރިކަމާ އެކު މަސައްކަތް ކޮށްގެންނެވެ. އަދި ވަކީލު ކުރަން ޖެހޭނީ މަސައްކަތް ކުރުމަށް ފަހުގައި ކަން އެކަލޭގެފާނު ބަޔާން ކުރައްވަ އެވެ. މީގެ އެންމެ ރީތި އެއް މިސާލަކީ މަދީނާ އަށް ހިޖުރަ ކުރެއްވުމުގައި އެކަލޭގެފާނުގެ ރޭވުންތެރި ކަމެވެ. މިގޮތުން ހިޖުރަކުރައްވާނެ ތަނެއްގެ ގޮތުގައި މަދީނާ، އެކަމުގައި ނަސްރުދޭނެ ބައެއްގެ ގޮތުގައި އައުސް އާއި ޚަޒުރަޖު، ދަތުރުފުޅުގެ ބައިވެރިއެއްގެ ގޮތުގައި އަބޫބަކުރުގެފާނު، އާރުކާޓީއެއްގެ ގޮތުގައި (މުޝްރިކެއް ކަމުގައި ވީނަމަވެސް) ޢަބްދުﷲ ބުނު އުރައިޤަތު، ދަތުރު ފައްޓަވާ މަންޒިލެއްގެ ގޮތުގައި މަދީނާއާވީ ކޮޅު ނޫން އެހެން ކޮޅަކުން ޘައުރު ފަރުބަދަ، މި އިޚުތިޔާރުތަކާއި އަދިވެސް ރޭއްވެވި އެހެން ކަންކަން ހިމެނެ އެވެ. އަދި މަދީނާއަށް ހިޖުރަ ކުރެއްވުމާ އެކު އެންމެ ފުރަތަމަ ކަމެއްގެ ގޮތުގައި މިސްކިތް ބިނާކުރެއްވުން ހިމެނެ އެވެ.

މިއީ މުސްލިމުންގެ އެއްބައިވަންތަކަމުގެ މުސްތަގުބަލަށް ވަރަށް މުހިންމު ނިންމުމެއްކަމުގައިވި އެވެ. އަދި މަދީނާގައި ޔަހޫދީންގެ ބާރު އޮންނަ ބަނީޤައިނުޤާޢު ބާޒާރުގެ ބަދަލުގައި މުސްލިމުންނަށް ޚާއްސަ ބާޒާރެއް ހެއްދެވި އެވެ. މަދީނާގެ ޔަހޫދީންނާ އެކު ވަރުގަދަ މުއާހަދާއެއް ހެއްދެވި އެވެ. މަދީނާގެ ވަށައިގެން ސަލާމަތީ ކަންކަން ބެލެހެއްޓެވުމަށް ހަނގުރާމަވެރިން ފޮނުއްވެވި އެވެ. ދިފާޢީ ލަޝްކަރުތަކަށް ތަމްރީނުތައް ދެއްވި އެވެ. މިގޮތުން އަދުއްވުންގެ ހިތްތަކަށް ބިރުވެރިކަން އިހުސާސް ކުރުވި އެވެ. މިކަންކަމުގެ އިތުރުން ހިޖުރައިގެ ފަހުން މަދީނާގައި ތިބި މުސްލިމުން ބޯހިމެނުއްވައި އޭގެ ތަފާސް ހިސާބުތައް މުސްތަގުބަލުގެ ކަންކަން ރޭއްވެވުމުގައި އެކަލޭގެފާނު ބޭނުންފުޅު ކުރެއްވި އެވެ.

މި އިޝާރާތްކުރެވުނު ކަންކަމުގެ އަލީގައި މުސްލިމުން މާޒީން އިބުރަތް ލިބިގަންނަން ޖެހޭކަން ހާމަވެ އެވެ. އަދި އޭގެ އަލީގައި މިއަދުގެ މައްސަލަތަކާއި މުސްތަގުބަލުގެ މައްސަލަތަކަށް ހައްލު ހޯދަން ވިސްނައި ސަމާލުކަން ދޭން ޖެހޭކަން ވެސް ކަށަވަރުވެ އެވެ. މި އުސޫލުގެ މަތިން މިއަދު އާ އަހަރެއް ފެށިގެންދާ އިރު މިއީ ވޭތުވެދިޔަ އަހަރުން އިބުރަތް ހޯދައި މިފެށޭ އާ އަހަރު ކާމިޔާބު ކުރަން ކަންކަން ރާވަންވީ ވަގުތެވެ.