01 ޖެނުއަރީ 2021 - 10:57

މި ވޭތުވެގެންމިދާ ނުވަ ވަރަކަށް މަހަކީ ކުރިން އެއްވެސް ބަޔަކު ލަފާކޮށްފައިނުވާނެ ފަދަ ބޮޑު ބަލިމަޑުކަމެއްގެ އަނދިރި ދުވަސްތަކެކެވެ. ދުނިޔޭގެ ހޮސްޕިޓަލިޓީ އިންޑަސްޓްރީ އާއި އެއާލައިން އިންޑަސްޓުރީ ފަދަ އެތައް ސިނާއަތެއް އަޑިއަޅާލައިގެން ގޮސް ދުނިޔޭގެ ކާރޫބާރޫ ބޮޑު އެއާޕޯޓުތައް ހުއްޓުވުމަކަށް ގެނައީ މަދު ދުވަސްކޮޅެއްގެ ތެރޭގަ އެވެ.

ކޮވިޑް-19 އާ ގުޅިގެން ދުނިޔެއަށް ކުރިމަތިވި މި ބޯޑު އިގްތިސާދީ ކާރިސާގައި، ޓޫރިޒަމްގެ ސިނާއަތަށް އިންތިހާ އަށް ބަރޯސާވެފައިވާ، މި ކުޑަ ރާއްޖެ އާއި ރާއްޖޭގެ ކުންފުނިތަކަށް ބިލިއަނުން ގެއްލުންވެގެން ދިޔަ އެވެ. އެތައް ރިޒޯޓަކާއި ވިޔަފާރިއެއް ބަންދުކުރަންޖެހި އެތައްހާސް މުއައްޒަފުންގެ ވަޒީފާ އަށް އަސަރުކުރި އެވެ. މި ނާޒުކު ވަގުތުގައި މޯލްޑިވް ގޭސްގެ މެނޭޖްމެންޓާއި އެންމެހާ ސްޓާފުންގެ ހިކުމަތްތެރި އަދި ރޭވުންތެރި މަސައްކަތުން މި ނިމުނު 2020 ވަނަ އަހަރަކީ މޯލްޑިވް ގޭސްގެ ހަޔާތުގައި ވެސް ވިޔަފާރީގެ ގޮތުން އެންމެ ކާމިޔާބު އެއް އަހަރުގެ ގޮތުގައި ހެދިގެން ދިޔަ އެވެ.

މޯލްޑިވް ގޭހުގެ އެކްޓިން މެނޭޖިން ޑިރެކްޓަރު އަލީ އިކްރާމް ވިދާޅުވާ ގޮތުގައި، ރިޒޯޓް ސެކްޓާގެ އިތުރުން ކެފޭ ރެސްޓޯރެންޓު ސެކްޓާގެ ވިކުރާ ދަށްވެ ކުންފުނީގެ ޖުމްލަ އާމްދަނީން 40 މިލިއަން ވަރުގެ ދަށްވުމެއް އަ އެވެ. އެހެން ނަމަވެސް ގޭސް ޝިޕްމަންޓުތަކުގެ ފުރެއިޓް އަދި ޕުރިމިއަމް އަށް ގެނެވުނު ބޮޑު ފަރަގުން ކުންފުނިން ގޭސް ގަތުމުގެ އަގު ބޮޑުތަނުން ހެޔޮކުރެވުނެވެ. ކޮވިޑާ ގުޅިގެން އެޅުނު ހަރަދުކުޑަކުރުމުގެ ފިޔަވަޅުތަކުގެ ސަބަބުން ކުންފުނި ހިންގުމުގެ ހަރަދުން އެތައް މިލިއަން ރުފިޔާއެއް ސަލާމަތްކުރެވި އޮޕަރޭޓިން ޕުރޮފިޓް ނުވަތަ ހިންގުމުގެ ފައިދާ ބޮޑުތަނުން އިތުރު ކުރެވުނު ކަމަށް އިކްރާމް ވިދާޅުވި އެވެ.
އިކްރާމް ލަފާކުރައްވަނީ، މޯލްޑިވްގޭހުގެ މިސްރާބު މިހާރު ހުރިގޮތުން މި ނިމުނު އަހަރުގައި ކުންފުނީގެ ފައިދާ 50 މިލިއަން ރުފިޔާއަށް ވުރެ އިތުރުވާނެ ކަމަށެވެ. މި އަދަދަކީ ކުންފުނީގެ ތާރީހުގައި އަދި އެއްވެސް އަހަރަކު ނަފާނުވާވަރުގެ މިންވަރެކެވެ. މިއީ ކުންފުނީގެ ހަޔާތުގައި އާ ރެކޯޑެކެވެ.
މޯލްޑިވް ގޭހުން ވަނީ ކޮވިޑްގެ އެންމެ ނުރައްކާ އަދި އުނދަގޫ ދުވަސްވަރު ވެސް ކައްކާ ގޭހާއި މެޑިކަލް އޮކްސިޖަން މެދުކެނޑުމެއްނެތި، މާކެޓު ޑިމާންޑާއި އެއްވަރަށް ފޯރުކޮށްދީފަ އެވެ. އަދި ވަޒީފާތަކަށް ދިވެހިންނަށް އިސްކަންދީ، މުވައްޒަފުންނަށް މެދުކެނޑުމެއްނެތި މުސާރައާއި އިނާޔަތްތައް ބަރާބަރަށް ފޯރުކޮށްދީފަ އެވެ.