އަގްނެލީ ޔުވެންޓަސް ދޫކޮށްލަނީ؟!
އަގްނެލީ ޔުވެންޓަސް ދޫކޮށްލަނީ؟!

ޓިއުރިން (ޖެނުއަރީ 1) - ކްލަބުގެ ދަރަނި ބޮޑުވުމާއި ލީޑަޝިޕުން އެހެން މީހަކަށް ފުރުސަތު ދިނުމުގެ ވިސްނުމުގައި ޔުވެންޓަސްގެ ރައީސް އަންދްރެއާ އަގްނެލީ އެ ޓީމު ދޫކޮށްލުމުގެ މަޝްވަރާތަކެއް ކުރަމުން އަންނަ ކަމަށް މީޑިއާ ރިޕޯޓްތައް ބުނެފި އެވެ.

އިޓަލީގެ މަޝްހޫރު ވިޔަފާރި އާއިލާ އަކަށް ނިސްބަތްވާ އަގްނެލީ ޔުވެންޓަސްގެ މަގާމާ ހަވާލުވީ 2010 ވަނަ އަހަރު އެވެ. އޭގެ ފަހުން އަގްނެލީ އަންނަނީ ޔުވެންޓަސްގެ ބާރުގައި ޔޫރަޕްގެ ފުޓްބޯޅައިގެ އެކި މަގާމުތައް ފުރުއްވަމުންނެވެ. އޭނާ އަކީ 2012 ވަނަ އަހަރުން ފެށިގެން ޔޫރަޕިއަން ކްލަބް އެސޯސިއޭޝަން (އީސީއޭ)ގެ ޗެއާމަން އެވެ. އަދި އޭނާ އަންނަނީ 2015 ވަނަ އަހަރުން ފެށިގެން ޔުއެފާގެ އެގްޒެކްޓިވް ކޮމިޓީގައި ވެސް މަސައްކަތްކުރަމުންނެވެ.

ޔޫރަޕްގެ އެކި ގައުމުތަކުގައި ވިޔަފާރީގެ ބޮޑު ޕްރޮޖެކްޓްތަކެއް ހިންގަމުން އަންނަ އަގްނެލީ ޔުވެންޓަސް ދޫކޮށްލަން ބޭނުންވާ އެއް ސަބަބަކީ މި ސީޒަނުގެ ނިޔަލަށް އެ ކްލަބްގެ ދަރަނި 600 މިލިއަން ޔޫރޯ އަށް ވުރެން ބޮޑުވުމުގެ ފުރުސަތު އޮތުމުންނެވެ. ކޮވިޑް-19އާ ހެދި އަގްނެލީގެ ވިޔަފާރިތަކަށް ވެސް އަސަރުކޮށްފައިވާއިރު، ޔުވެންޓަސްގެ އާމްދަނީ ވެސް އެތައް ގުނަ އަކުން ވަނީ ކުޑަވެފަ އެވެ.

ރިޕޯޓްތައް ބުނާގޮތުގައި އަގްނެލީގެ ވިސްނުން ހުރީ މިހާރު އޭނާ އަށް ލިބިފައިވާ ފެރާރީގެ ވަޒީފާއާ ހަވާލުވެ ޔުވެންޓަސް ބައިނަލްއަގުވާމީ އިންވެސްޓަރުންގެ ގްރޫޕަކަށް ދޫކޮށްލުމަށެވެ. ބެލެވޭ ގޮތުގައި އެކަން ކުރާނީ އިޓަލީގެ ވިޔަފާރި ކުންފުންޏަކާ ގުޅިގެންނެވެ. ފެރާރީ ކުންފުނި ހިންގުމުގެ އިސް ވަޒީފާއެއްގެ ފުރުސަތު މީގެ ކުރިން ދެ ފަހަރެއްގެ މަތިން އަގްނެލީ އަށް ލިބުނު ނަމަވެސް އޭރު އޭނާގެ ފޯކަސް ހުރީ ޔުވެންޓަސް ކުރިއަށް ގެންދިއުމަށެވެ.

ޔުވެންޓަސް އިން މި ސީޒަނަށް ފަހު ވަރަށް ބޮޑަށް އެ ޓީމުގެ ހަރަދުތައް ކޮންޓްރޯލްކުރާނެ ކަމަށް މީގެ ކުރިން އެ ޓީމުގެ ސްޕޯޓިން ޑިރެކްޓާ ފަބިއޯ ޕަރަޓިޗީ ވަނީ ވިދާޅުވެފަ އެވެ. އޭނާގެ އެ ވާހަކަތަކާ ގުޅިގެން ޔުވެންޓަސް އިން ބޮޑު މުސާރަ ލިބޭ ކުންތެރިން ދޫކޮށްލާނެ ކަމަށް ވާހަކަދެކެވުނުއިރު، އެންމެ ފުރަތަމަ ވިއްކާލާނީ ކްރިސްޓިއާނޯ ރޮނާލްޑޯ ކަމަށް ރިޕޯޓްތައް ބުނެ އެވެ.