ޕްރިމިއާ ލީގު މެދުކަނޑާލުމުގެ ވިސްނުމެއް ނެތް
ޕްރިމިއާ ލީގު މެދުކަނޑާލުމުގެ ވިސްނުމެއް ނެތް

ލަންޑަން (ޖެނުއަރީ 1) - އިންގްލެންޑްގައި ހަލުވިކަމާ އެކު ކޮވިޑް-19ގެ އާ ވައްތަރެއް ފެތުރެމުންދިޔަ ނަމަވެސް އިނގިރޭސި ޕްރިމިއާ ލީގު މެދުކަނޑާލުމުގެ ވިސްނުމެއް ނެތް ކަމަށް ލީގުގެ ބޯޑް މެމްބަރަކު އިނގިރޭސި މީޑިއާގައި ބުނެފި އެވެ.

މިދިޔަ މަހުގެ ކުރީކޮޅުގައި ލީގުގައި އެސްޓަން ވިލާ އާއި ނިއުކާސަލް ޔުނައިޓެޑް ކުޅެން އޮތް މެޗު ކޮވިޑް-19ގެ ކޭސްތަކެއްގެ ސަބަބުން ފަސްކުރި އެވެ. އޭގެ ފަހުން މިދިޔަ ތިން ދުވަސް ތެރޭ ޕްރިމިއާ ލިގުގެ ދެ މެޗެއް ފަސްކުރީ ޝެޑިއުލްގައި މެޗު ފަށަން ހަޔެއްކަ ގަޑިއިރަށް ވަގުތު ކުޑަތަން ވެފައި ހުއްޓަ އެވެ. އެއީ އެވަޓަން އާއި މެންޗެސްޓާ ސިޓީގެ މެޗާއި ޓޮޓެންހަމް އާއި ފުލަމް ބައްދަލުކުރަން އޮތް މެޗެވެ.

އެންމެ ފަހުން ކުޅުނު މެޗުތައް ފެށުމުގެ ކުރިން ޕްރިމިއާ ލީގުން ކުރި ޓެސްޓްތަކުން 18 ޕޮޒިޓިވް ކޭހެއް ފެނުނުއިރު މިއީ މި ސީޒަން ފެށި ފަހުން އެއް ފަހަރާ އެންމެ ގިނަ ޕޮޒިޓިވް ކޭސްތައް ފެނުނު ފަހަރެވެ. މި ކަންތައްތަކާ ހުރެ އިނގިރޭސި ޕްރިމިއާ ލީގު ދެ ހަފްތާ އަށް މެދުކަނޑާލަން އުޅޭ ކަމަށް ބުނެ އިނގިރޭސި މީޑިއާގައި އަޑުފެތުރުނެވެ.

ލީގުގެ ބޯޑުގެ އޮފިޝަލަކު ބީޓީ ސްޕޯޓްސް އަށް ދިން އިންޓަވިއުއެއްގައި ބުނީ ލީގު މެދުކަނޑާލުމުގެ އެއްވެސް ވިސްނުމެއް ނެތް ކަމަށާއި ސިއްހީ މާހިރުން ކަނޑައަޅާ ގައިޑްލައިނުގެ ތެރެއިން މެޗުތައް ކުރިއަށްގެންދެވޭނެ ޔަގީންކަން އެބައޮތް ކަމަށެވެ.

އެންމެ ފަހުން މެޗުތައް ފަސްކުރުމުގައި އަމަލުުރެވުނީ އެންމެ ރަނގަޅަށް ނޫން ކަމަށް އިނގިރޭސި އެފްއޭ އިން ވަނީ ބުނެފަ އެވެ. ވަގުތު އޮއްވައި މެޗުތައް ކުޅޭނެ ކަމާ މެދު ފަހުގެ ގޮތެއް ނިންމުމަށް ލީގުގެ ބޯޑުން ވަނީ ކްލަބްތަކުގެ ކޮވިޑްގެ ހާލަތު ވަގުތުން ވަގުތަށް ބަލައި ލިޔެކިޔުންތައް ކޮވިޑް-19ގެ ގައިޑްލައިންތަކުގެ ތެރެއިން ފޮނުވަން އަންގައިފަ އެވެ. އެންމެ ފަހުން ދެ މެޗު ފަސްކުރަން ޖެހުނު އެއް ސަބަބަކީ މެންޗެސްޓާ ސިޓީ އާއި ފުލަމް އިން ސިއްހީ ޕްރޮޓޮކޯލްއާ އެއްގޮތަށް ކުޅުންތެރިންގެ ލިޔެކިޔުންތައް ބަލަހައްޓާފައިނުވާތީ ކަމަށް ރިޕޯޓްތައް ބުނެ އެވެ.

މެޗުތައް ކުރިއަށްގެންދިއުމުގައި ކުރިއަށް އޮތްތަނުގައި ޕްރިމިއާ ލީގުން ވެސް އަމަލުކުރާނީ ޔުއެފާގެ ގައިޑްލައިންކަމަށް ވަނީ ކްލަބްތަކަށް އަންގައިފަ އެވެ. ކޮވިޑް-19ގެ ހާލަތާ ހުރެ ޔުއެފާ އިން ކަނޑައަޅާފައިވާ ގައިޑްލައިނުގެ ތެރޭގައި ކްލަބެއްގައި ކޮވިޑް-19ގެ ޕޮޒިޓިވް ކޭސްތަކެއް ގިނަވި ނަމަވެސް އެ ޓީމުގައި އެއް ކީޕަރު ހިމެނޭ ގޮތަށް 13 ކުޅުންތެރިން ފިޓްކޮށް ތިބެއްޖެނަމަ މެޗު ކުޅެން ޖެހޭނެ އެވެ.