10 ޖެނުއަރީ 2021 - 13:43

ހުޅުމާލެ ޗަނބޭލީ މަގުގައި ހުންނަ ޗައިލްޑް ޑެވެލޮޕަމަންޓް ކްލިނިކް (ސީޑީސީ) އަކީ ކުޑަކުދިންނަށް ޖެހޭ ތަފާތު އާއްމު ބަލިތަކަށް ފަރުވާ ދިނުމުގެ އިތުރުން ކުޑަކުދިން އުފެދި ހެދިބޮޑުވަމުން އަންނައިރު ފެންނަ ބަދަލުތަކާއި ޖިސްމާނީ އަދި ނަފްސާނީ ގޮތުން ދިމާވާ މައްސަލަތަކަށް ހާއްސަ ކްލިނިކެކެވެ. މި ކްލިނިކުގައި މަސައްކަތްކުރާ ކުޑަކުދިންގެ ހާއްސަ ޑޮކްޓަރުންނާއި، އެކި ސްޕަޝަލިޓީތަކުގެ ތެރަޕިސްޓުން އަދި ސްޕެޝަލް އެޑިއުކޭޓަރުންނަކީ ދާއިރާގައި ގިނަ ދުވަހުގެ ތަޖުރިބާ ލިބިފައިވާ ދިވެހިންގެ އިތުބާރު ހޯދާފައިވާ ހުނަރުވެރިންނެވެ.

ސީޑީސީގެ މާހައުލަކީ ވެސް ކުޑަކުދިންނާ ގުޅޭ މަޖާ މާހައުލެކެވެ. އެގޮތުން، މި ކްލިނިކްގެ ހިދުމަތްތައް ހޯދަން އަންނަ ކުދިންނަށް އެންމެ ފުރަތަމަ ވެސް ފެންނާނީ އުޑު ފެންނަ ގޮތަށް ހާމަކޮށް އޮންނަ ބަގީޗާ ފެންޑާއެކެވެ. އެ ފެންޑާ ފަރުމާކޮށްފައިވަނީ ސޮފްޓް ފްލޯރިން، ޕްލޭ އޭރިޔާ، ޓްރެމްޕޮލީން، ސްވިމިންގްޕޫލް ހިމެނޭ ގޮތަށް ކުޑަކުދިންނާ ރަހުމަތްތެރިކޮށެވެ.

ރާއްޖޭގައި ފުރަތަމަ ފަހަރަށް "ވެލްބޭބީޒް" އަށް އަމާޒުކޮށްގެން، ތުއްތުކުދިންނާ ރަހުމަތްތެރި، ތުއްތު ކުދިންނަށް އުފާވެރި މާހައުލެއްގައި ގިނަ ހިދުމަތްތަކެއް ސީޑީސީން ފޯރުކޮށްދޭނެ އެވެ. މި ކްލިނިކުން ދަމަނަވެއްޓާއި ހެލްތު ސެންޓަރުތަކުން އާއްމުކޮށް ލިބޭ ހިދުމަތްތަކުގެ އިތުރުން ކުޑަކުދިންގެ އިވުމާއި، ފެނުމާއި، ވާހަކަދެއްކުމާއި، ހިނގާބިނގާވެ އުޅުމާއި، ކުދި ކަވި ހަރަކާތްތަކާއި، ވިސްނުމާއި ތޫނުފިލިކަމާއި، ފިކުރުކުރުން ފަދަ ކަންކަން އެ ކުދިން ހެދިބޮޑުވެގެން އަންނައިރު އުމުރާ އެއްވަރަށް ކަޑައްތުކޮށް އެކި މަރުހަލާތައް ފުރިހަމަވަމުން ދޭތޯ ބަލަން ބޭނުންވާ ހުރިހާ ހިދުމަތްތަކެއް ފޯރުކޮށްދެ އެވެ.
ވެލް ޗައިލްޑް އެސެސްމަންޓަކީ ތުއްތު ކުއްޖާ އުފަންވި ދުވަހުން ފެށިގެން ފަސް އަހަރާ ދެމެދު، އެކުދިން ހެދިބޮޑުވުމަށް ހުރި ހުރަސްތަކާއި ޅަފަތުގައި ދިމާވާ ސިއްހީ އެކި މައްސަލަތައް ކުރިއާލާ ދެނެގަނެ އެފަދަ މައްސަލަތައް ރަނގަޅުކުރަން ކުރަން ޖެހޭ ކަންކަން ފެށުމުގެ މަގުސަދުގައި ތަރުތީބުކޮށްފައިވާ ހާއްސަ ސިއްހީ ހިދުމަތެކެވެ. ކުރިއަރާފައިވާ ގައުމުތަކުގައި ވެސް މި ހިދުމަތްތައް ފޯރުކޮށްދެނީ ހޮސްޕިޓަލުގެ މާހައުލުން ބޭރުގަ އެވެ. ނަމަވެސް ރާއްޖޭގައި މީގެ ބައެއް ހިދުމަތްތައް ހޮސްޕިޓަލްތަކުގަޔާއި ދަމަނަވެށި އަދި ބައެއް ހެލްތު ސެންޓަރުތަކުން ފޯރުކޮށްދެ އެވެ.
ކުޑަކުދިންނަށް ލިބެން ހުންނަ ސިއްހީ ހިދުމަތްތައް އިތުރަށް ފުރިހަމަކުރުމުގެ ގޮތުން ސީޑީސީން ކުޑަކުދިންގެ އާއްމު ބަލިތަކަށް ފަރުވާ ދިނުމުގެ އިތުރުން، ކުއްޖާ ހެދިބޮޑުވަމުން އަންނަނީ ކަނޑައެޅިފައި ހުންނަ މިންގަނޑުތަކާ އެއްގޮތަށްތޯ ބަލައި މޮނީޓާކޮށް ރިކޯޑުކުރުމާއި، ޖިސްމާނީ ގޮތުންނާއި ނަފްސާނީ ގޮތުން ދުޅަހެޔޮކަން ހުރިނެތްގޮތް ދެނެގަތުމާއި، އެކި ހިއްސުތަކާއި، ވިސްނާ ފިކުރުކުރުމާއި، ކުދި ކަވި ހަރަކާތްތަކާއި، އަތް ފައި އަދި ހަށިގަނޑުގެ މައިގަނޑު ހަރާކަތްތައް ފުރިހަމައަށް އުފެދި ކަޑައްތުކުރަން ޖެހޭ މަރުހަލާތައް ފުރިހަމަވޭތޯ ބަލަން ބޭނުންކުރާ ތާވަލުތަކާ އަޅާކިޔާ މޮނިޓާކޮށް ރިކޯޑުކުރާނެ އެވެ. އަދި ކުއްޖާގެ ކިބައިގައި ނުކުޅެދުންތެރިކަމުގެ އަލާމާތެއް ނުވަތަ ހެދިބޮޑުވުމުގައި ލަސްކަމެއް ހުރި ނަމަ އެކަން އިތުރަށް ހޯދާ ބަލައި، ދޭން ޖެހޭ ފަރުވާ ލަސްނުކޮށް ފެށުމާއި، ކުޑަކުދިން ބެލެހެއްޓުމާ ބެހޭ ގޮތުންނާއި އެހެނިހެން ކަންކަމުގައި ބެލެނިވެރިންނަށް ބޭނުންވާ މައުލޫމާތާއި އެހީތެރިކަމާއި ޓްރޭނިން ވެސް ފޯރުކޮށްދޭނެ އެވެ.
ވެލް ޗައިލްޑް އެސެސްމެންޓް ޕްރޮގްރާމުން ތުއްތު ކުއްޖާގެ ފުރަތަމަ އަހަރު މަދުވެގެން ހަ ފަހަރެއްގެ މަތިން ކުއްޖާ ބަލައި ޗެކްކުރަން ހާއްސަ ޗެކްއަޕްތަކެއް ސީޑީސީގައި ރަޖިސްޓަރީވާ ކުދިންނަށް ހިންގާނެ އެވެ. އެއަށް ފަހު ފަސް އަހަރު ވަންދެން އަހަރަކު ދެ ފަހަރު ޗެކަޕް ހަދާނެ އެވެ.
ވެލް ޗައިލްޑް އެސެސްމެންޓް ޕްރޮގްރާމުގައި ރަޖިސްޓަރީކޮށްފައިވާ ކުއްޖެއްގެ ކިބައިން ކަމެއް ފާހަގަކުރެވިއްޖެ ނަމަ އެކަމެއް އިތުރަށް ދެނެގަތުމަށް ހަދަން ޖެހޭ ޓެސްޓުތައް ހަދަން މަގުފަހިކޮށްދީ، ފަރުވާ ދޭން ޖެހޭ ހާލަތްތަކުގައި ފަރުވާ ދިނުމާއި ވަކި ކަހަލަ ސްޕެޝަލިސްޓަކަށް ރިފާކުރަން ޖެހޭ ހާލަތްތަކުގައި ރިފާކޮށް ފޮލޯއަޕް ކުރުމުގެ ހިދުމަތް ވެސް މި ކްލިނިކުން ލިބޭނެ އެވެ.
އިންޓަވެންޝަން ޕްރޮގްރާމް ހާއްސަކުރަނީ އުފެދުމުގައި އުނިކަމެއް ފާހަގަވާ ކުދިންނާއި، ރަނގަޅުކުރަން އުނދަގޫ ބައްޔެއް ތަހައްމަލު ކުރަމުންދާ ކުދިންނަށް ބޭނުންވާ ރިފަލްތައް ހަދައިދިނުމާއި ފަރުވާގެ ކަންކަން މެނޭޖްކޮށްދިނުމަށެވެ. މިފަދަ ކުދިން ހެދިބޮޑުވުމަށް ބޭނުންވާ އެހީތެރިކަން މަލްޓި ސްޕެޝަލިޓީ ޓީމަކުން ފޯރުކޮށްދޭނެ އެވެ. އެގޮތުން، ބައެއް ހާލަތްތަކުގައި ގޭގެއަށް ގޮސްގެންނާއި، ފޯނުން އަދި ވީޑިއޯ މެދުވެރިކޮށް ހާލު ބަލައި، މައުލޫމާތު ހޯދައި، ފަރުވާތަކާއި ތެރަޕީތައް ފޯރުކޮށްދޭނެ އެވެ.
އިންޓަވެންޝަން ޕްރޮގްރާމްގެ ތެރެއިން ލިބޭ ހިދުމަތްތަކުގެ ތެރޭގައި ތެރަޕިއުޓިކް އެޑިއުކޭޝަންގެ އެކި ހިދުމަތްތަކާއި، ސްޕީޗް ތެރަޕީ އާއި އޮކިއުޕޭޝަނަލް ތެރަޕީ އާއި ޕްލޭ ތެރަޕީ އަދި ސޯޝަލް ސްކިލްސް ޓްރޭނިން ފަދަ ތެރަޕީތަކާއި ކްލާސްތައް ހިމެނެ އެވެ.
ސީޑީސީގެ ސްޕީޗް ތެރަޕިސްޓުންނަކީ ކުޑަކުދިންނާ އެކު މަސައްކަތް ކުރުމުގެ ހާއްސަ ޓްރޭނިން ފުރިހަމަކޮށް ތަޖުރިބާ ލިބިފައިވާ ބައެކެވެ. މިގޮތުން ކޮންމެ ކުއްޖަކީ ވެސް ތަފާތު ކުއްޖެއްކަން ގަބޫލުކޮށް އެ ކުއްޖެއްގެ ހުރި މައްސަލައަށް ސީދާ އަމާޒުކޮށް ވާހަކަ ދެއްކުމުގެ ހުނަރާއި ބަސްމޮށުންތެރިކަން ކުއްޖާގެ އުމުރާ އެކަށީގެންވާ ގޮތަށް ބައްޓަންކުރަން އެހީތެރިވެދޭނެ އެވެ.
ސީޑީސީގެ އޮކިއުޕޭޝަނަލް ތެރަޕިސްޓުން މަސައްކަތް ކޮށްދޭނީ ޖިސްމާނީ ގޮތުން ކުއްޖާގެ ހެދިބޮޑުވުމާއި ހިއްސުތަކުން ކަންކަން ދެނެގަންނަ މިންވަރު އިތުރުކޮށްދީ ކުދި ކަވި ހަރަކާތްތަކާއި މައިގަނޑު ހަރަކާތްތައް ފުރިހަމަކުރަމް އެހީތެރިވެދިނުމަށެވެ.
ތެރަޕިއުޓިކް އެޑިއުކޭޝަން އަދި ޕްލޭ ތެރަޕީ ފަދަ ހިދުމަތްތައް ފޯރުކޮށްދިނުމަށް ހާއްސަ ޕްރިސްކޫލް ޓީޗަރުން ސީޑީސީގައި ސެޝަންތައް ހިންގާނެ އެވެ.
ކައުންސިލިން ހިދުމަތްތަކުގެ ތެރޭގައި ކުދިން ގެންގުޅުމުގައި އަދި ބެލެހެއްޓުމުގައި ދިމާވާ ކަންކަމާއި ދަތިތައް ހައްލުކުރަން ލަފާދީ ޓްރޭނިން ފޯރުކޮށްދޭނެ އެވެ. ބަސްނޭހުމާއި ރުޅިގަދަވުމާއި ބޮޑާހޭކުމާއި ކިޔެވުމާ ދުރުވުން އަދި ކަންކަމާ ގަޔާނުވުން ފަދަ ކަންކަމަށް އަމާޒުކޮށް ފަރުމާކުރެވިފައިވާ ހާއްސަ ތެރަޕީގެ ހިދުމަތްތައް ވެސް ސީޑީސީން ފޯރުކޮށްދެ އެވެ.
މި ކްލިނިކުގައި ހިދުމަތް ދޭ ޓީމަކީ ކަމާ ބެހޭ ވުޒާރާތަކުގައި ރަޖިސްޓަރީވެފައިވާ ތަޖުރިބާކާރު ކުޑަކުދިންގެ ހާއްސަ ޑޮކްޓަރުންނާއި، ސްޕީޗް ތެރަޕިސްޓުންނާއި އޮކިއުޕޭޝަނަލް ތެރަޕިސްޓުންނާއި ސައިކޮލޮޖިސްޓުންނާއި ނަރުހުންނާއި، ސްޕެޝަލް އެޑިއުކޭޓަރުންނެވެ.
ސީޑީސީގެ ޚިދުމަތްތައް ރޭވިފައިވަނީ ކޮވިޑް-19ގެ ސަބަބުން މި ދުވަސްވަރު ކްލިނިކްތަކާއި އާއްމު ހިދުމަތް ދޭ ތަންތަނުގައި ހުންނަން ޖެހޭ ރައްކާތެރިކަމުގެ ފިޔަވަޅުތަކާ ވެސް އެކުގަ އެވެ. ސީޑީސީ އަކީ ކުޑަކުދިންނަށް ހާއްސަ މާހައުލެއްކަމުން، ރައްކާތެރިކަމުގެ ފިޔަވަޅު އިތުރަށް ހަރުދަނާ ކޮށްފައިވާނެ އެވެ. މިގޮތުން، ސީޑީސީއިން އެޕޮއިންޓްމެންޓް ދިނުމުގެ ކުރިން ފޯނުން ސްކްރީން ކުރާނެ އެވެ. އަދި އަތްލެވޭ ތަންތަން ގިނަގިނައިން ސާފުކުރުމާއި، ގައިދުރުކަމަށް ސަމާލުކަން ދިނުމުގެ ގޮތުން އެޕޮއިންޓްމެންޓް ދޭއިރު ތޮއްނުޖެހޭނެ ގޮތަކަށް ގަޑި ދިނުމާއި، މާސްކު އެޅުމާއި، އަތް ދޮވެވޭ ގޮތަށް ހުރުމާއި، ސެނަޓައިޒާ ލިބެން ހުންނާނެ އެވެ.
ސީޑީސީން ހިދުމަތް ހޯދަން 7359033 އަށް ގުޅައިގެން އެޕޮއިންޓްމަންޓް ހައްދާލެވޭނެ އެވެ. އެޕޮއިންޓްމަންޓް ހެއްދުމަށް ފަހު ޑޮކްޓަރަށް ދައްކަން އަންނައިރު ކުއްޖާގެ އައިޑީ ކާޑާއި ވެކްސިން ކާޑުގެ އިތުރުން ޑޮކްޓަރު ސިޓީތަކާއި އެހެނިހެން ލިޔެކިޔުންތައް ގެންނަން ޖެހޭނެ އެވެ.
ހުކުރު ދުވަސް ފިޔަވައި އެހެން ހުރިހާ ދުވަހެއްގެ ހެނދުނު 8:00 އިން ރޭގަނޑު 8:00އަށް ސީޑީސީ ހުޅުވާފައި ހުންނާނެ އެވެ. ރަސްމީ ދުވަސްތަކުގެ ތެރެއިން ސަރުކާރު ބަންދު ދުވަސްތަކުގައި ކްލިނިކް ވެސް ބަންދު ވާނެ އެވެ.