ފުނަދޫ މަސްކޮށީގައި މިޔަރާއި ވެލާ، މައްސަލަ ސީރިޔަސް!
ފުނަދޫ މަސްކޮށީގައި މިޔަރާއި ވެލާ، މައްސަލަ ސީރިޔަސް!

އެން އަރާ ދުވަސްވަރަށް ކަނޑުން ފެންނަ ޒާތުގެ ކުޑަ އެންމަޑިއެއް، ށ. ފުނަދޫ ފަޅުތެރޭގައި ހަދާފައި އޮތް މަސްކޮއްޓެއްގައި އޮންނަ ތަން ފެންނަ ފޮޓޯއެއް، މީހަކު ސޯޝަލް މީޑިއާ އަށް ލުމާއެކު ކަމާ ބެހޭ ފަރާތްތަކުގެ ސަމާލުކަމަށް އެކަން ވަނީ އައިސްފަ އެވެ. ފަހުން ބެލި އިރު އެ ކޮށީގައި އޮތީ ހަމައެކަނި މަޑިއެއް ނޫނެވެ. ހިމާޔަތް ކޮށްފައިވާ ވެލާ ކަހަނބާއި މިޔަރު ވެސް ހުއްޓެވެ.

އެންވަޔަރްމެންޓް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ)ން ބުނި ގޮތުގައި މިއީ ސީރިޔަސް މައްސަލައެކެވެ.

"މިއީ އާދައިގެ ކަންކަމެއް ނޫން. އަޅުގަނޑަށް ހީވަނީ ހިމާޔަތްކޮށްފައިވާ ތަކެއްޗޭ ބުނުމުން މީހުންނަށް މީގެ ސީރިއަސްކަން ނޭނގެނީހެން،" އީޕީއޭގެ ޑިރެކްޓަ ޖެނެރަލް މުހައްމަދު ނައީމް ވިދާޅުވި އެވެ.

އީޕީއޭން މި މައްސަލަ ބެލުމުން އެ ކޮށީގައި ހުރި ވެލާތަކާއި ކަހަނބުތައް ވެސް ވަނީ ދޫކޮށްލާފަ އެވެ. އެކަމަކު މި މައްސަލަ ނުބަލައި ދޫކޮށްލެވެން ނެތް ކަމަށް އެ ތަނުން ބުންޏެވެ.

ނައީމް ވިދާޅުވީ މަސްވެރިކަމާއި ތިމާވެއްޓާ ބެހޭ ގާނޫނުތަކުގެ ދަށުން މި ފަދަ ތަކެތި ހިމާޔަތް ކޮށްފައި ހުންނަނީ އެ އެއްޗެހި ނެތި ދިޔުމުގެ ބިރު ހީވުމުން ނުވަތަ އެތަކެތި ހިމާޔަތް ކުރުމުން ލިބޭ އިގްތިސޯދީ މަންފާ ބޮޑުވުމުން ކަމަށެވެ. އެކަމަކު އެއާ ހިލާފުވުމުން ނުރަނގަޅު ގޮތުގައި ރާއްޖެ އިޝްތިހާރުވާ ކަމަަށް ވިދާޅުވި އެވެ.

"ވެލައެއް ފަޅާލާތަން ނުވަތަ ދޫންޏެއް ހިފާ ބަންދުކޮށްގެން އުޅޭ ތަން ފޮޓޯ ނަގާފައި މީހުން މިލަނީ ސޯޝަލް މީޑިއާ އަށް. މި އެއްޗެހި އެބަފެނޭ އެންމެންނަށް. އެހެންވެ، ރާއްޖެ އަށް މި ލިބެނީ ވަރަށް ނެގެޓިވް ޕަބްލިސިޓީއެއް،" ނައީމް ވިދާޅުވި އެވެ.

ފުނަދޫ ފަޅުތެރޭގައި ކޮއްޓެއް ހަދާފައި އެއަށް މަސް އަޅާފައި ހުރީ ރައްޔިތުން ހިތްހަމަޖެއްސުމަށް ކަމަށް އެ ރަށު ކައުންސިލުން ބުނެ އެވެ. އަދި ކޮންމެ މީހަކަށް ވެސް އެ ކޮއްޓަށް މަސް އެޅޭނެ ކަމަށް އެތަނުން ބުންޏެވެ.

ކައުންސިލުން ބުނި ގޮތުގައި މަސްކޮށީގައި ހިމާޔަތްކޮށްފައިވާ ތަކެތި ހުރި ކަމެއް ނޭނގެ އެވެ. އަދި އެކަން ކައުންސިލުގެ ސަމާލުކަމަށް ގެނައުމުން މަސްތައް ދޫކޮށްލި ކަމަށް ބުންޏެވެ.

ނައީމް ވިދާޅުވީ ހިމާޔަތްކޮށްފައިވާ ތަކެއްޗާ ގުޅޭ ގޮތުން އާއްމުން މާބޮޑަށް ހޭލުންތެރި ނުވި ނަމަވެސް ކޮންމެވެސް ވަރަކަށް އެކަން އިސްލާހުވަމުން އަންނަ ކަމަށެވެ.