އާ އަހަރު ފެށުމަށް ސެކިއުރިޓީ ވަރުގަދަކޮށް، ބޮޑު އޮޕަރޭޝަނެއް
އާ އަހަރު ފެށުމަށް ސެކިއުރިޓީ ވަރުގަދަކޮށް، ބޮޑު އޮޕަރޭޝަނެއް

އާ އަހަރު ފެށުމާ ދިމާކޮށް ގިނަ އަދަދެއްގެ ފުލުހުން ނެރެ، ސެކިއުރިޓީ ވަރުގަދަކޮށްފި އެވެ. ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ކުރިޔަށް ގެންދާ މި އޮޕަރޭޝަންގައި ސިފައިން ވެސް ބައިވެރިވެ އެވެ.

ފުލުހުން ބުނީ ރާއްޖޭގެ ކަންކޮޅުތަކަށް ޒިޔާރަތް ކުރާ ފަރާތްތަކާއި ހުރިހާ ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކޮށް، އަމާން ވެއްޓެއް ދެމެހެއްޓުމަށްޓަކައި ފުލުހުން ހާއްސަ މަސައްކަތެއް ކުރަމުން އަންނަ ކަމަށެވެ. އެކި ސަރަހައްދުތަކުގައި ވެހިކަލް ޗެކްޕޮއިންޓުތައް ގާއިމްކޮށް ބަލައި ފާސްކުރުމާއި ތުހުމަތު ކުރެވޭ މީހުންނާ ސުވާލު ކުރަމުން އަންނަ ކަމަށް ފުލުހުން ބުންޏެވެ.

މިދިޔަ ހުކުރު ދުވަހުން ފެށިގެން ކުރިޔަށް ގެންދާ މި އޮޕަރޭޝަންގައި 3693 ވެހިކަލެއް މިހާތަނަށް ވަނީ ފާސްކޮށްފަ އެވެ. ލައިސެންސް ނުނަގާ ދުއްވި 276 މައްސަލައެއް ބެލިއިރު، ނުރައްކާތެރިކޮށް ދުއްވައިގެން ނުވަ މައްސަލައެއް ބެލި ކަމަށް ފުލުހުން ބުންޏެވެ.

މި އޮޕަރޭޝަންގެ ތެރެއިން މީހުން ހުއްޓުވައި ސުވާލު ކުރުމާއި ގްރޫޕްތަކުގެ ހަރަކާތްތައް ބަލައި، ގްރޫޕުތައް އެކްޓިވް ސަރަހައްދުތައް ފާސް ކުރުމުގެ މަސައްކަތް ވެސް ކުރަމުން އަންނަ ކަމަށް ފުލުހުން ބުންޏެވެ.

އެގޮތުން 14،647 ސަރަހައްދު ބަލައި ފާސްކުރި ކަމަށާއި 797 މީހަކު ފާސްކޮށްފައިވާ ކަމަށް ފުލުހުން ބުންޏެވެ. އަދި 4280 މީހުން ހުއްޓުވައި ސުވާލު ކުރުމަށް ފަހު ފޮނުވާލާފައިވާ ކަމަށް ވެސް ފުލުހުން ބުންޏެވެ.

އެ މުއްދަތުގެ ތެރޭގައި ފޭރުމުގެ ނުވަ މައްސަލައަކާއި ވައްކަމުގެ 94 މައްސަލައެއް ބެލި ކަމަށް ފުލުހުން ބުނެ އެވެ. އަދި މަސްތުވާތަކެތީގެ 38 މައްސަލައަކާއި މާރާމާރީގެ 21 މައްސަލައެއް ވެސް ބަލަމުން އަންނަ ކަމަށް ފުލުހުން ބުންޏެވެ. މި މައްސަލަތަކާ ގުޅިގެން 355 މީހުން ވަނީ ހައްޔަރު ވެސް ކޮށްފަ އެވެ.