31 ޑިސެމްބަރ 2020 - 12:59

މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ)ގެ ކުރީގެ މެންބަރުން ލިވިން އެލަވަންސްގެ ގޮތުގައި މާލިއްޔަތު ގާނޫނާ ހިލާފަށް ފައިސާ ނެންގެވި މައްސަލާގައި އެ ފައިސާ އަނބުރާ ހޯދަން ދައުލަތުން ދައުވާކުރުމުން ފައިސާ ނުދައްކަވާ ހުންނެވި އާޓްސް އެންޑް ކަލްޗާ މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު އަހުމަދު މުހުސިން 67،000ރ. ދައްކަން ސިވިލް ކޯޓުން ކޮށްފައިވާ ހުކުމް ހައި ކޯޓުން ދަމަހައްޓައިފި އެވެ.
އެމްއެމްސީގެ މެމްބަރެއްގެ ގޮތުގައި މުހުސިން ހުންނެވި އިރު 2011 ވަނަ އަހަރުގެ ޖެނުއަރީ މަހުން ފެށިގެން ނުވަ މަސް ދުވަހުގެ މުއްދަތަކަށް، މަހަކު 7،500ރ. ގެ މަގުން 67،000ރ. ލިވިން އެލަވަންސް ނަންގަވާފައި ވަނީ މާލިއްޔަތު ގާނޫނާ ހިލާފަށް ކަމަށް ތުހުމަތުކޮށް އެ ފައިސާ ހޯދަން ފިނޭންސް މިނިސްޓްރީން 2017 ވަނަ އަހަރު ދައުވާ ކުރުމުން ސިވިލް ކޯޓުން 2018 ވަަނަ އަހަރު ހުކުމްކުރީ މުހުސިން އެ ފައިސާ ދެއްކުމަށެވެ. މުހްސިންގެ އިތުރުން އޭރު ކައުންސިލްގައި ތިއްބެވި އެހެން ބޭފުޅުންގެ މައްޗަށް ވެސް މި ދައުވާކުރި އެވެ. އޭގެ ތެރެއިން ބައެއް ބޭފުޅުން ވަނީ އެ ފައިސާ ދައްކަވައިފަ އެވެ. އެކަމަކު އެއީ އަނބުރާ ދައްކަންޖެހޭ ފައިސާއެއް ނޫން ކަމަށް ގަބޫލުކުރައްވާތީ މުހްސިންގެ އިތުރުން އެހެން ބައެއް މެމްބަރުން ވެސް ކޯޓަށް މައްސަލަ ވެއްދެވި އެވެ.
ހައިކޯޓުން މިއަދު ކުރި ހުކުމުގައި ބުނީ ދައުތަލަށް ފައިސާ ދައްކަން ސިވިލް ކޯޓުން ކޮށްފައިވާ ހުކުމަށް ބަދަލު ގެންނަން ޖެހޭ ފަދަ ޝަރުއީ އަދި ގާނޫނީ އެއްވެސް ސަބަބެއް ނެތް ކަމަށެވެ. އެގޮތަށް ނިންމީ މައްސަލަ ބެއްލެވި ތިން ފަނޑިޔާރުންގެ އިއްތިފާގުންނެވެ. މައްސަލަ ބެއްލެވީ ހައިކޯޓުގެ އިސް ފަނޑިޔާރު ހާތިފް ހިލްމީ އާއި ފަނޑިޔާރު އަބްދުﷲ ހަމީދު އަދި ފަނޑިޔާރު މުހައްމަދު ނިޔާޒެވެ.
ސިވިލް ކޯޓުން ކުރި ހުކުމުގައި ބުނެފައި އޮތީ ފިނޭންސްގެ ދައުވާގައިވާ ގޮތަށް، މީޑިއާ ކައުންސިލްގެ އޭރުގެ ރައީސަށާއި ނައިބު ރައީސް އަދި މެމްބަރުންނަށް ލިވިން އެލަވަންސެއް ދޭން މީޑިއާ ކައުންސިލުން ނިންމި ނިންމުން ދައުލަތުގެ މާލިއްޔަތު ގާނާ ހިލާފް ކަމަށެވެ. އެމްއެމްސީގެ މެމްބަރުންގެ މުސާރަ އާއި އިނާޔަތްތައް ކަނޑައަޅަނީ ރައްޔިތުންގެ މަޖިލީހުން ކަމަށް ވާއިރު، އެމްއެމްސީގެ މެމްބަރުންނަށް ލިވިން އެލަވަންސެއް ދޭކަށް މަަޖިލީހުން ކަނޑައަޅައިފައެއް ނުވެ އެވެ.
ލިވިން އެލަވަންސްގެ ގޮތުގައި ނެގި 67،000ރ. ދެ މަސްދުވަހުގެ ތެރޭގައި އަނބުރާ ދައްކަން ކުރި ހުކުމް މުހުސިން އިސްތިއުނާފުކުރި އިރު ހުށަހަޅާފައިވާ އިސްތިއުނާފީ އެއް ނުކުތާއަކީ ސިވިލް ކޯޓުގެ ހުކުމް މީޑިއާ ކައުންސިލްގެ ގާާނޫނުގެ 29 ވަނަ މާއްދާއާ ހިލާފު ކަމަށް ބުނެ ހުށަހެޅި ނުކުތާ އެކެވެ. އެ ނުކުތާގެ ރައްދުގައި ދައުލަތުން ބުނީ އެ މާއްދާގައި އޮތީ މީޑިއާކައުންސިލްގެ މެމްބަރުންގެ މަސްއޫލިއްޔަތުތައް ކަމަށާއި ސިވިލް ކޯޓަށް ހުށަހެޅީ މަސްއޫލިއްޔަތު އަދާކުރުމާ ގުޅޭ މައްސަލައެއް ނޫން ކަމަށެވެ. ސިވިލް ކޯޓުގެ ހުކުމް އިސްތިއުނާފު ކުރަމުން މުހުސިން ހުށަހެޅި ފަސް ނުކުތާގެ ދިފާއުގައި ދައުލަތުން ދެއްކި ވާހަކަ އަށް ހުކުމުގައި ވަނީ ތާއީދުކޮށްފަ އެވެ.
ލިވިން އެލަވަންސް ނެގި މައްސަލައިގައި އެމްއެމްސީގެ އޭރުގެ އެހެން ބައެއް މެމްބަރުންނާ ދެކޮޅަށް ވެސް ދައުވާކުރަން އެންޓިކޮރަޕްޝަން ކޮމިޝަނުން އޭރު ފޮނުވި އެވެ. އޭސީސީން އެ މައްސަލަ ބެލީ މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ނާޖާއިރު ފައިދާ ނެގުމުގެ މައްސަލައެއްގެ ގޮތުގަ އެވެ. އެމްއެމްސީގެ މެމްބަރުން ލިވިން އެލަވަންސެއް ނަގަމުން ދިޔަ މައްސަލަ އޭސީސީން ފުރަަތަމަ ބެލުމަށް ފަހު އެ އެލަވަންސް ނެގުން ހުއްޓައިލަން 2011 ވަނަ އަހަރު ގެ ފެބްރުއަރީ މަހު އެންގި އެވެ. އެއަށް ފަހު އެލަވަންސް ނެގުން ހުއްޓާލައިގެން ތިބުމަށް ފަހު އެ އަހަރު އޮގަސްޓް މަހު އެ ފައިސާ ނެގީ ގަނޑުކޮށެވެ.
އެ މައްސަލައިގައި މީޑިއާކައުންސިލްގެ އޭރުގެ ރައީސް މުހައްމަދު ނަޒީފާއި އެހެން މެމްބަރުންނަށް ވެސް ދައުވާ ކުރަން އޭސީސީން ނިންމި އެވެ.