ޕޮޑްކާސްޓިންގައި މަޝްހޫރު "ވޮންޑަރީ" އެމެޒޯން އިން ގަންނަނީ
ޕޮޑްކާސްޓިންގައި މަޝްހޫރު "ވޮންޑަރީ" އެމެޒޯން އިން ގަންނަނީ

އެެމެޒޯންގެ ވިޔަފާރިތަކާއި ހިދުމަތްތައް ފުޅާކުރުމުގެ މަސައްކަތްތަކުގެ ތެރެއިން ޕޮޑްކާސްޓިންގެ ތެރެއަށް ވަންނަން ނިންމައި، އެ ދާއިރާގެ އެންމެ ވަރުގަދަ އެއް ނެޓްވޯކް ކަމަށްވާ ވޮންޑަރީ ގަންނަން ނިންމައިފި އެވެ.

މިކަން ހާމަކޮށް، ދުނިޔޭގެ އެންމެ ބޮޑު މަހުޖަނު ޖެފް ބެޒޯސްގެ އެމެޒޯނުން ބުނީ ވޮންޑަރީ ގަންނަން އުޅޭ ވާހަކަ އަކީ ހަގީގަތެއް ކަމަށާއި ވަރަށް އަވަހަށް އެ މުއާމަލާތް ކޮޅެއްގައި ޖައްސާނެ ކަމަށެވެ.

އެމެޒެނޯން އިން ވޮންޑަރީ ގަންނަން އުޅޭ ވާހަކަ އެންމެ ފުރަތަމަ މީޑިއާތަކަށް ތިލަވީ މިދިޔަ މަހުގެ ކުރީކޮޅު އެވެ. އޭރު އެކަމާ ބެހޭ ގޮތުން އެމެޒޯން އޮތީ ހިމޭނުންނެވެ.

މީޑިއާތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި "ޑާޓީ ޖޯން" ފަދަ މަގުބޫލު ޕޮޑްކާސްޓް ޝޯތައް ގެނެސްދޭ ވޮންޑަރީގެ އަގު މިހާރު 300 މިލިއަން ޑޮލަރަށް އަރަ އެވެ. ނަމަވެސް ވޮންޑަރީ ގަންނަ އަގެއް އެމެޒޯނުން ހާމައެއް ނުކުރެ އެވެ. އެ ކުންފުނިން ވޮންޑަރީ ގަތުމަށް ފަހު، އޭގެ މަސައްކަތްތައް ކުރިއަށް ގެންދާނީ މިދިޔަ ސެޕްޓެމްބަރުގައި ލޯންޗްކުރި "އެމެޒޯން މިއުޒިކް" ގެ ބައެއްގެ ގޮތުގައި ކަމަށްވެ އެވެ.

ޕޮޑްކާސްޓަކީ މިހާރު ވަރަށް ބޮޑަށް ފުޅާވަމުން އަންނަ އަދި އާންމުންގެ ތެރޭގައި ވަރަށް ބޮޑު މަގުބޫލުކަމެއް ހޯދަން އަންނަ ހިދުމަތެކެވެ. މިއީ ރޭޑިއޯ ޕްރޮގްރާމް ގޮތަށް އަހައިލެވޭ ޑިޖިޓަލް އޯޑިއޯ ކޮންޓެންޓެވެ.

މީގެ ހަތަރު އަހަރު ކުރިން ވުޖޫދަށް އައި ވޮންޑަރީ ޕޮޑްކާސްޓް ނެޓްވޯކަކީ ކުރީގެ ޓުވެންޓިއެތު ސެންޗަރީ ފޮކްސްގެ އެހީއާ އެކު ހާނަން ލޮޕޭޒް ލޯންޗްކުރި ހިދުމަތެކެވެ.

ވޯލްސްޓްރީޓް ޖާނަލް އިން ބުނީ އެމެޒޯނަށް ވޮންޑެރީ ވިއްކައިލުމާ އެކު ކުންފުނީގެ ސީއީއޯގެ މަގާމުގައި ހުރި ލޮޕޭޒް ކުންފިން އެއްކޮށް އަތްދޫކޮށްލާނެ ކަމަށެވެ. އޭގެ ފަހުން ވޮންޑެރީ ހިންގުމުގެ މައިގަނޑު ޒިންމާތަކާ ހަވާލުވާނީ ކުންފުނީގެ ޗީފް އޮޕަރޭޓިން އޮފިސަރު (ސީއޯއޯ) ގެ މަގާމުގައި ހުންނެވި ޖެން ސާޖަންޓެވެ.

އެމެޒޯނުން ވޮންޑަރީގެ ގަނެ ޕޮޑްކާސްޓިންގެ ތެރެއަށް ވަނުން ވެގެންދާނީ އެ ދާއިރާ އިން މިހާރު ބޮޑު މަގުބޫލުކަމެއް ހޯދާފައިވާ ސްޕޮޓިފައިއާ ބޮޑު ވާދަވެރި ކަމަކަށް ދާން ޖެހޭނެ ކަމަކަށެވެ.

އެމެޒޯނުން ބުނިގޮތުގައި ވޮންޑަރީ ގަނެ، އެ ކުންފުނީގެ ދަށުން ހިންގިޔަސް މިހާރު ވޮންޑަރީން ގެނެސްދޭ ޝޯތަކަށް އެއްވެސް ބަދަލެއް ނާންނާނެ އެވެ. އެކަމަކު ސީދާ އެމެޒޯންގެ ދަށުން ކޮންޓެންޓް އިތުރަށް ވަރުގަދަކުރަން ބޮޑެތި މަސައްކަތްތަކެއް ކުރެވޭނެ ކަމަށް ބުންޏެވެ.