އިބާދުﷲ 100 މީޓަރުގެ ޖޫނިއާ ރެކޯޑް މުގުރާލައިފި
އިބާދުﷲ 100 މީޓަރުގެ ޖޫނިއާ ރެކޯޑް މުގުރާލައިފި

ގައުމީ ޓީމުގެ ދުވުންތެރިޔާ އިބާދުﷲ އާދަމް ޖޫނިއާ 100 މީޓަރުގެ ދުވުމުގެ ރެކޯޑް މުގުރާލައިފި އެވެ.

ފަހަކަށް އައިސް ބައިނަލްއަގުވާމީ މުބާރާތުގައި ވެސް ރަނގަޅު ކުރިއެރުންތަކެއް ހޯދަމުން އަންނަ އިބާދުﷲ 100 މީޓަރު ޖޫނިއާ ރެކޯޑް މުގުރާލީ އިއްޔެ ހުޅުމާލޭ ސިންތަޓިކް ޓްރެކުގައި ބޭއްވި ގައުމީ ސްކޮޑުގެ ޓައިމް ޓްރަޔަލްގައި 10.97 ސިކުންތުން ދުވެގެންނެވެ. އެއާ އެކު އިބާދުﷲ ވެފައިވަނީ 11 ސިކުންތަށް ވުރެ އަވަހަށް 100 މީޓަރު ދުވި ރާއްޖޭގެ ފުރަތަމަ ޖޫނިއާ ދުވުންތެރިޔާ އަށެވެ.

މީގެ ކުރިން މި ރެކޯޑް އޮތީ މީގެ ދެ އަހަރު ކުރިން އެ ރެކޯޑް ހާސިލްކުރި ދުވުންތެރިޔާ އިބްރާހިމް އަޝްފާން އަލީ (އައްޕި) އަތުގަ އެވެ. އައްޕިގެ ޓައިމިން އަކީ 11.08 ސިކުންތެވެ. އިބާދުﷲ ރެކޯޑް މުގުރާލީ 0.11 ސިކުންތުގެ ފަރަގަކާ އެކު އެވެ.

އިބާދުﷲ އަންނަނީ ފަހަކަށް އައިސް ގައުމީ އެތުލެޓިކްސް ޓީމުގައި ހިމެނި ބައިނަލްއަގުވާމީ މުބާރާތްތަކުގައި ވާދަކުރަމުންނެވެ. އެ ގޮތުން މިދިޔަ އަހަރު ޑިސެމްބަރު މަހު ނޭޕާލުގައި ކުރިއަށްދިޔަ ސައުތު އޭޝިއަން ގޭމްސްގެ ހަތަރެއް ގުނަ 100 މީޓަރު ރިލޭގައި އަދި މިދިޔަ އަހަރު މޮރިޝަސްގައި އޮތް އިންޑިއަން އޯޝަން އައިލެންޑް ގޭމްސްގެ ފިރިހެނުންގެ ހަތަރެއް ގުނަ 400 މީޓަރު ރޭހުގައި ދުވި އެވެ.

އިއްޔެ ވަނީ އެތުލެޓިކްސްގެ ފީލްޑް އިވެންޓެއް ކަމަށްވާ ޑިސްކަސް އުކުމުން ގައުމީ އަންހެން ރެކޯޑް މުގުރާލައިފަ އެވެ. ޑިސެމްބަރު، 2006 ގައި އައިޝަތު އީވާ އަބްދުލްގަފޫރު 25.36 މީޓަރަށް އެއްލައިގެން ހެދި ރެކޯޑް މުގުރާލީ އިއްޔެ 26.02 މީޓަރަށް އުކައިގެން އައިޝަތު ޝަޔާ ޝަފީއު އެވެ.