ކަރަންގެ ފިލްމެއް އިޝާނާއި ތުރިޕްތީ އަށް
ކަރަންގެ ފިލްމެއް އިޝާނާއި ތުރިޕްތީ އަށް

ކަރަން ޖޯހަރްގެ ދަރުމާ ޕްރޮޑަކްޝަނުން ހަދާ ސައިކޮލޮޖިކަލް ތުރިލާއަކަށް އިޝާން ޚައްތަރާއި ތުރިޕްތީ ދިމްރީ ސޮއިކޮށްފައިވާ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.

މި ވަގުތު ރާއްޖޭގައި ޗުއްޓީ ހޭދަކުރަމުން އަންނަ އިޝާން އަކީ ކަރަން 2018 ގައި ގެނެސްދިން ފިލްމު "ދަޅަކް" ގެ ބަތަލެވެ. ތުރިޕްތީ އަކީ ބަތަލާ އަނުޝްކާ ޝަރުމާ ޕްރޮޑިއުސްކޮށް މި އަހަރު ނެޓްފްލިކްސް އިން ގެނެސްދިން ބިރުވެރި ފިލްމު "ބުލްބުލް" ގެ ބަތަލާ އެވެ.

ފިލްމީ ޚަބަރުތައް ގެނެސްދޭ ނޫސްތަކުން ބުނި ގޮތުގައި އިޝާނާއި ތުރިޕްތީއާ އެކު ހަދަން ނިންމާފައިވާ ފިލްމުގެ ޑައިރެކްޓަރަކީ މީގެ ދުވަސްކޮޅެއް ކުރިން އަޔޫޝްމަން ކްރާނާއާ އެކު "ޑޮކްޓާ ޖީ" ގެ ނަމުގައި ފިލްމެއް ހަދަން އިއުލާންކުރި އަނޫބުތީ ކޭޝަޕެވެ.

ދަރުމާ އަށް އޭނާ ޑައިރެކްޓްކުރާ ފިލްމުގެ ނަން އަދި އިއުލާންކޮށްފައިވާ ނުވާ އިރު، މީގެ ސްކްރީންޕްލޭ ލިޔެފައި ވަނީ "ޕިޔާރު ކާ ޕަންޗްނާމާ" އާއި "ލަސްޓް ސްޓޯރީ" ފަދަ ފިލްމުތައް ލިޔުނު ސުމިތު ސަކްސޭނާ އެވެ.

ބޮލީވުޑް ހަންގާމާ އިން ބުނި ގޮތުގައި އަނޫބްތީގެ ފިލްމުގެ ޝޫޓިން ފަށާނީ މި އަހަރުގެ މެދުތެރޭގަ އެވެ.

އޮގަސްޓް މަހު ރިލީޒްކުރި "ކާލީ ޕީލީ" އިން ފެނިގެން ދިޔަ އިޝާންގެ ކުރިއަށް ހުރި ފިލްމުތަކުގެ ތެރޭގައި "ޕިއްޕާ" ކިޔާ ހަނގުރާމަ ފިލްމަކާއި ހޮރޯ ކޮމެޑީ "ފޯންބޫތު" ހިމެނެ އެވެ.

"ބުލްބުލް" އިން ވިދައިލި ތުރިޕްތީ އެ ފިލްމުގައި ދެއްކި އެކްޓިންގެ ސަބަބުން ގިނަ ބައެއްގެ ސަމާލުކަން ހުއްޓިފައިވާ އިރު، މީޑިއާތަކުން ބުނީ މިއީ ކުރިމަގު ވަރަށް އުޖާލާ އުންމީދީ ބަތަލާއެއް ކަމަށެވެ. ފާހަގަކޮށްލަން ޖެހޭ ކަމަކީ ކަރަންގެ ރާޑަރަށް ފަންނާނަކު އަރާނީ އެ މީހެއްގެ ކިބައިގައި ހާއްސަ ސިފަތަކެއް ހުރުމުން ކަމެވެ. ތުރިޕްތީ، 25، ބޮލީވުޑަށް ނުކުތީ 2017 ގެ "ޕޯސްޓަރު ބޯއި" އިންނެވެ. އަދި 2018 ގެ "ލައިލާ މަޖުނޫ" އަކީ ވެސް އޭނާ ބަތަލާގެ ރޯލު ކުޅުނު ފިލްމެކެވެ.