އައުޓްބްރޭކެއް އަޔަ ނުދިނުމުގެ އެންމެ މުހިންމު އެއް ބޭނުމަކީ ދަރިވަރުން ސްކޫލަށް ދިއުން: ޓެގް
އައުޓްބްރޭކެއް އަޔަ ނުދިނުމުގެ އެންމެ މުހިންމު އެއް ބޭނުމަކީ ދަރިވަރުން ސްކޫލަށް ދިއުން: ޓެގް

ކޮވިޑް-19 ގެ ހާލަތު ގޯސްވިޔަ ނުދީ ހިފެހެއްޓުމުގެ އެންމެ މުހިންމު އެއް ބޭނުމަކީ ދަރިވަރުން ސްކޫލަށް ދިއުމުގެ ފުރުސަތު ދިނުން ކަމަށް ޓެކްނިކަލް އެޑްވައިޒަރީ ގްރޫޕް (ޓެގް) އިން ރޭ ބުނެފި އެވެ.

އައުޓްބްރޭކެއް އަޔަ ނުދިނުމުގެ އެންމެ މުހިންމު އެއް ބޭނުމަކީ ދަރިވަރުން ސްކޫލަށް ދިއުން: ޓެގް
އައުޓްބްރޭކެއް އަޔަ ނުދިނުމުގެ އެންމެ މުހިންމު އެއް ބޭނުމަކީ ދަރިވަރުން ސްކޫލަށް ދިއުން: ޓެގް

ހެލްތު އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ) ގައި ބޭއްވި މީޑިއާ ބްރީފިންގައި، ޓެގްގެ މެމްބަރު ޑރ. ނަޒްލާ މުސްތަފާ ވިދާޅުވީ، އަންނަ މަހުގެ 10 ގައި ކިޔެވުން ފަށާއިރު އައުޓްބްރޭކެއް އަތުވެއްޖެ ނަމަ ދަރިވަރުން ސްކޫލަށް ދިއުމަށް ހުރަސްއެޅިދާނެ ކަމަށެވެ.

އޭނާ ވިދާޅުވީ ބޮޑެތި މީހުންނަށް ވަރަށް ގިނަ ކަންކަން ކުރެވުނަސް ދަރިވަރުން ތިބީ ސްކޫލަށް ދިއުމުން މަހްރޫމްވެފައި ކަމަށެވެ.

ކޮވިޑުން ރައްކާތެރިވުމަށް މާޗު 12 ގައި ރާއްޖޭގެ ހުރިހާ ސްކޫލެއް ބަންދުކުރުމަށް ފަހު އަލުން ހުޅުވައި ކިޔަވައިދޭން ފެށީ ޖުލައި 1 ގަ އެވެ. ނަމަވެސް މާލެ ސަރަހައްދުގައި އޭރު ކިޔަވައިދޭން ފެށީ ގްރޭޑު 9 އިން ފެށިގެން މައްޗަށެވެ. އެކަމަކު މީގެ ދެ ތިން މަސް ކުރިން ގްރޭޑު 7 އިން މަތީގެ ދަރިވަރުންނަށް ވެސް ކިޔަވައިދީފައިވެ އެވެ. އެހެން ގްރޭޑުތަކުގެ ދަރިވަރުންނަށް މާޗު މަހުން ފެށިގެން މި އަހަރުގެ ފުރަތަމަ ޓާމް ނިމުމާ ހަމައަށް ކިޔަވައިދީފައި ވަނީ އޮންލައިންކޮށެވެ.

މާލެ ފިޔަވައި އެހެން ރަށްރަށުގައި ޖުލައި މަހުން ފެށިގެން މި މަހުގެ ތިނެއްގައި ސްކޫލުތައް ޗުއްޓީއަށް ދިއުމާ ހަމައަށް ގްރޭޑު 1-12 އަށް ކިޔަވައިދީފައި ވެ އެވެ. ފައުންޑޭޝަން ސްޓޭޖްގެ ދަރިވަރުންނަށް ވެސް ދެ ހަފުތާ ކިޔަވައިދީފައިވެ އެވެ.

ޑރ. ނަޒްލާ ވިދާޅުވީ ސްކޫލަކީ ހަމައެކަނި އިލްމު ފޯރުކޮށްދޭ ތަނެއް ނޫން ކަމަށެވެ. އެ ތަނުން ދަރިވަރުންގެ ނަފްސާނީ ދުޅަހެޔޮކަން ރައްކާތެރިކޮށްދޭ ކަމަށާއި ސްކޫލަށް ނުދިއުމުން ދިމާވާ އިޖުތިމާއީ ބައިވަރު ކަންތައް ހުންނަ ކަމަށް ވެސް ވިދާޅުވި އެވެ. އޭގެ ތެރޭގައި، ގޭމަށް އެޑިކްޓުވުމާއި ރޫޓިން ބަދަލުވުން ފަދަ ކަންތައް ހިމެނެ އެވެ.

އެހެންވެ ޓެގް ޓީމުން ވަނީ ރައްކާތެރިކަމުގެ ފިޔަވަޅުތަކާއެކު ކުރިއަށް ދިއުމަށް އެދިވަޑައިގެންފަ އެވެ.

"އަސްލު އަޅުގަނޑުމެން ބޮޑެތި މީހުންގެ ފަރާތުން އެންމެ ބޮޑަށް އެދެނީ، އަޅުގަނޑުމެން އައުޓްބްރޭކް ނައިސް ހިފެހެއްޓުމުގެ އެންމެ މުހިއްމު ކަމަކީ ހަމަ އަސްލު އަޅުގަނޑުމެންގެ ކުދިންގެ ސްކޫލަށް ދިއުން އަޅުގަނޑުމެންނަށް ނުހުއްޓުވި ކުރިއަށް ގެންދެވުން އެއީ ވަރަށް މުހިއްމު ކަމެއް،" ޑރ. ނަޒްލާ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ރައްކާތެރިކަމުގެ ފިޔަވަޅުތައް ދަށްކޮށްފިނަމަ އިނގިރޭސިވިލާތުން ފެނި، 21 ގައުމަކަށް މިހާރު ފެތުރިފައިވާ ކޮވިޑްގެ އާ ވޭރިއެންޓް ރާއްޖޭގައި ވެސް ފެތުރުމުގެ ފުރުސަތު ބޮޑުކަމަށެވެ.

ކޮވިޑްގެ ސަބަބުން އެންމެ ބޮޑު ގެއްލުމެއް ލިބިފައިވަނީ ތައުލީމީ ދާއިރާއަށެވެ. އެކަމުގެ ސަބަބުން އެކަޑެމިކް ކަލަންޑަރަށް ވެސް ބޮޑެތި ބަދަލުތަކެއް ގެނެސްފައި ވެ އެވެ. މީގެ ކުރިން، ޖެނުއަރީގައި ފަށަމުން އައި ދިރާސީ އާ އަހަރު، އޮގަސްޓް މަހަށް ބަދަލުކޮށް މި އަހަރު ބާއްވަން ތާވަލްކުރި އޯ ލެވެލް އިމްތިޚާނު އަންނަ އޭޕްރީލް މަހަށް ފަސްކުރުން ހިމެނެ އެވެ.