30 ޑިސެމްބަރ 2020 - 22:48

ކޮވިޑް-19 އަށް ޕޮޒިޓިވްވާ މީހުންގެ އަދަދު މައްޗަށް ޖެހި، ވޭތުވެދިޔަ 24 ގަޑިއިރު ތެރޭ 47 މީހުން ޕޮޒިޓިވްވެއްޖެ އެވެ. އޭގެ ތެރެއިން 15 މީހުން ޕޮޒިޓިވްވެފައި ވަނީ ރިސޯޓުތަކުންނެވެ.
ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނީ އިއްޔެ ހަވީރު 6:00 އިން މިއަދު ހަވީރު 6:00 އާ ހަމައަށް 2،974 ސާމްޕަލް ޓެސްޓުކޮށްފައިވާ ކަމަށެވެ. އޭގެ ތެރެއިން ޕޮޒިޓިވްވެފައި ވަނީ މާލެ ސަރަހައްދުން 30 މީހުންނާއި އެހެން ދެ ރަށަކުން ދެ މީހުންގެ އިތުރުން ރިސޯޓުތަކުން 15 މީހުންނެވެ.
އެ އެޖެންސީން އެންމެ ފަހުން އަޕްޑޭޓްކުރި މައުލޫމާތުތަކަށް ބަލާއިރު، ރިސޯޓުތަކުގައި މި ވަގުތު ކޮވިޑަށް ޕޮޒިޓިވް 68 މީހުން އެބަތިއްބެވެ. ނަމަވެސް އޭގެ ތެރެއިން މުވައްޒަފުންގެ އަދަދެއް އަދި ކިހާ ޓޫރިސްޓުންނެއް ކަމެއް ނޭނގެ އެވެ.
އަލަށް ޕޮޒިޓިވްވި މީހުންނާ އެކު، ރާއްޖެ އިން ކޮވިޑަށް ޕޮޒިޓިވްވި މީހުންގެ އަދަދު 13،738 އަށް އެރީ އެވެ.
ބަލިން 16 މީހަކު މިއަދު ރަނގަޅުވެފައިވެ އެވެ. އެހެންވެ މި ވަގުތު ފަރުވާ ހޯދަމުން އަންނަނީ 558 މީހަކެވެ.