06 ނޮވެމްބަރ 2016 - 09:18

މިއުނިކް (ނޮވެމްބަރު 6) – ޖަރުމަން ލީގުގައި ރޭ ހޮފެއިންހަމްއާ 1-1 އިން ބަޔާން މިއުނިކް އެއްވަރުވި މެޗުގައި އެ ޓީމުން ބޭނުންކުރީ، ކުނީގެ ގޮތުގައި ރާއްޖޭގެ މޫދާއި ފަރުތަކަށް އުކާލާފައި ވަނިކޮށް ނަގާފައިވާ ޕްލާސްޓިކް ބޭނުންކޮށްގެން އެޑިޑާސް ކުންފުނިން ތައްޔާރުކޮށްފައިވާ ހާއްސަ ޖާޒީއެކެވެ.
ދުނިޔޭގެ ކަނޑުތައް ހިމާޔަތްކުރުމަށްޓަކައި މަސައްކަތްކުރާ އަމިއްލަ ޖަމިއްޔާއެއް ކަމަށްވާ "ޕާލޭ" އާއި އެޑިޑާސް ގުޅިގެން ކުރިއަށްގެންދާ ހާއްސަ ކެމްޕެއިނެއްގެ ދަށުން ސްޕެއިނުގެ ގަދަބާރު ރެއާލް މެޑްރިޑުން ވެސް މި މަހުގެ 26 ގައި ސްޕޯޓިން ގިޔޯންއާ ދެކޮޅަށް ބޭނުންކުރާނީ މިފަދަ ޖާޒީއެކެވެ.
ރިސައިކްކޮށްފައިވާ ޕްލާސްޓިކުން މިހާތަނަށް ތައްޔާރުކުރި ފުރަތަމަ ޖާޒީ ބަޔާނުން ރޭ ބޭނުންކުރިއިރު ޖާޒީގައި ކްލަބުގެ ލޯގޯ އާއި އެޑިޑާސްގެ ލޯގޯ އަދި ސްޕޮންސަރުގެ ނަން ޕްރިންޓްކޮށްފައިވަނީ ވެސް ވަރަށް މަދުން ދެލި ބޭނުންކޮށްގެންނެވެ. މި ޖާޒީ ތައްޔާރުކުރުމަށް ބޭނުންކޮށްފައިވަނީ ކަނޑުން ހޮވި 16 ޕްލާސްޓިކް ފުޅި އެވެ.
"ކަނޑަށް އުކާފައިވާ ކުނި ބޭނުންކޮށްގެން ހަދާފައިވާ ޖާޒީއެއް ލުމަކީ ލިބޭ ވަރަށް ބޮޑު އުފަލެއް. ސަބަބަކީ މިއީ ތިމާވެށްޓާ މެދު ހޭލުންތެރިކުރުމުގެ ކެމްޕެއިނަށް ލިބޭނެ ކުރިއެރުމަކަށް ވާތީ. މިއީ އަދި ފެށުމެއް،" ބަޔާން މިއުނިކުގެ މިޑްފީލްޑަރު ޒަބީ އޮލޮންސޯ ބުންޏެވެ.
އެޑިޑާސް އާއި ޕާލޭ ގުޅިގެން ވަނީ ރާއްޖޭގެ ކަނޑުން ނެގި ޕްލާސްޓިކް ބޭނުންކޮށްގެން ހާއްސް ބޫޓެއް ވެސް ތައްޔާރުކޮށްފަ އެވެ. މި ޕްރޮގްރާމް ފެށުމުގެ ގޮތުން އެޑިޑާސް އިން އެންމެ ފުރަތަމަ ތައްޔާރުކުރީ 100 ބޫޓެވެ. އެ ބޫޓުތައް ތައްޔާރުކުރީ ރާއްޖޭގެ ގޮނޑުދޮށްތަކުން ހޮވި ފަސް މިލިއަނަށްވުރެ ގިނަ ޕްލާސްޓިކް ފުޅި ބޭނުންކޮށްގެންނެވެ.