މަރުވި ދަރިފުޅުގެ ހިތުގެ ވިންދުގެ އަޑު ޓެޑީ ބެެއާކުން
މަރުވި ދަރިފުޅުގެ ހިތުގެ ވިންދުގެ އަޑު ޓެޑީ ބެެއާކުން

ކާރު އެކްސިޑެންޓެއްގައި މަރުވި ފިރިހެން ދަރިފުޅުގެ ހިތް އެހެން މީހަކަށް ހަދިޔާކުރުމުން އެ ހިތް މިހާރު ހިނގާ ހަށިގަނޑުން އިވޭ ހިތުގެ ވިންދުގެ ޓެޑީ ބެއާއަކުން އިވޭ ގޮތް ހަދައި، ހިތް ލިބުނު އާއިލާ އިން ހަދިޔާކޮށްފި އެވެ.

މި ޓެޑީގެ ބެއާގެ ވާހަކަ އެންމެ ފުރަތަމަ ދެއްކީ މަރުވި 16 އަހަރުގެ ކުއްޖާގެ މަންމަ ސްޓެފެނީ ރީޑް މި އަހަރުގެ ފެބްރުއަރީ މަހު ފޭސްބުކްގަ އެވެ. އެކަމަކު އަހަރު ނިމެން ގާތްވެފައި ވަނިކޮށް އެ ވީޑިއޯ އަލުން ޓްވިޓާގައި ދައުރުވެ އާންމުންގެ ސަމާލުކަން ހުއްޓުނީ ރެކްސް ޗެޕްމަން ކިޔާ މީހަކު ވީޑިއޯ މި މަހުގެ 27 ވަނަ ދުވަހު ޓްވިޓާ އަށް ދޫކޮށްލުމުންނެވެ.

އެ ވީޑިއޯގައި ފެންނަނީ މެސެޖާ އެކު ފޮށިގަނޑެއްގައި ލިބޭ ހަދިޔާ ކުއްޖާގެ ބައްޕަ ޖޯން ރީޑް މެސެޖް ކިޔަމުން ކަނޑާ ތަނެވެ.

އެ ހަަދިޔާ އަކީ މަރުވި ކުއްޖާގެ ހިތް ހަދިޔާއަކަށް ލިބުނު އާއިލާއިން ފޮނުވި އެއްޗެކެވެ.

ފޮށިގަނޑު ކަނޑާލާ އިރު އޭގެ ތެރޭގައި ކުޑަ ފޮށިގަނޑެއް އޮވެ އެވެ. އޭތި ކަނޑާލާ އިރު އެތެރޭގައި އޮންނަނީ ޓެޑީ ބެއާއެކެވެ. އޭތި ލައްވާފައި އޮންނަ ޓީޝާޓްގެ މޭމަތީގައި "ބެސްޓް ޑޭޑް އެވާ" ޖަހާފައި އިނދެ އެވެ. އެ ޓެޑީ ނަގައިގެން އޭގެ ސްވިޗަކަށް ޖޯން ފިތާލުމުން އިވެނީ އެކްސިޑެންޓްގައި މަރުވި އޭނާގެ ދަރިފުޅުގެ ހިތުގެ ވިންދުގެ އަޑެވެ.

އަދި އެ އަޑުގެ ސަބަބުން އޭނާ ވަރަށް ޖަޒުބާތުވެ، ފެންކަޅިވާތަން ވެސް ފެނެ އެވެ.

މި ވީޑިއޯ ޓްވިޓާގައި ހިއްސާކުރުމާ އެކު ވަރަށް ގިނަ މީހުން އާއިލާ އަށް ހިތްވަރުދީ ޓްވީޓްކޮށްފައިވެ އެވެ. އަދި ހަދިޔާ ފޮނުވި އާއިލާ އިން ދިން ސަޕްރައިޒަކީ މިހާތަނަށް ހަދިޔާއެއްގެ ގޮތުގައި ފެނުނު އެންމެ "އަސަރުގަދަ ހަދިޔާ" ކަމަށް ބުނެފައިވެ އެވެ. ބައެއް މީހުން އެއީ ދަރިއަކު ވަކިވެ ދިއުމުގެ ހިތާމައިގައި ތިބި އާއިލާއަކަށް ލިބުނު ވަރަށް ރަނގަޅު ހަދިޔާއެއް ކަމަށާއި އެވަރުކަމެއް ކޮށް ދިނީތީ އާއިލާ އަށް ހިފަހެއްޓުމެއް ނެތް ޝުކުރު ހައްގު ކަމަށެވެ.

ވީޑިއޯ އަށް ކޮމެންޓްކުރި މީހަކު ބުނެފައިވާ ގޮތުގައު އެހެން ފުރާނައަކަށްޓަކައި މަރުވި ދަރިފުޅުގެ ހިތް އާއިލާ އިން ހަދިޔާކުރުމުން އެ މީހުންނަށް އެ ލިބުނު ހަދިޔާ އަކީ ވަރަށް އުންމީދު ނުކުރާ ކަހަލަ ހަދިޔާއެކެވެ. ބައެއް މީހުން އަދި ބުނީ ހަށިގަނޑުގެ ގުނަވަންތައް ހަދިޔާކުރުމަކީ އިންސާނިއްޔަތަށްޓަކައި ކުރެވޭ ވަރަށް އަގުހުރި ހިދުމަތެއް ކަމަށެވެ.