ޕާޓީއަށް ދިޔަ ގިނަ މީހުން މިހާރު ވަނީ ކޮވިޑަށް ޕޮޒިޓިވްވެފައި
ޕާޓީއަށް ދިޔަ ގިނަ މީހުން މިހާރު ވަނީ ކޮވިޑަށް ޕޮޒިޓިވްވެފައި

ޝީ ބިލްޑިންގުގައި ބޭއްވި ކައިވެނި ޕާޓީން އިތުރު ބަޔަކު ކޮވިޑް-19 އަށް ޕޮޒިޓިވްވެ، އެ ޕާޓީއަށް ދިޔަ މީހުންގެ ތެރެއިން މިހާތަނަށް ޕޮޒިޓިވްވި މީހުންގެ އަދަދު 62 އަށް އަރައިފި އެވެ.

ޕާޓީގައި 120 މީހަކު ބައިވެރިވި ކަމަށް ބެލެވޭއިރު މިހާރު ޕޮޒިޓިވްވެފައިވާ އަދަދާ އެކު އެ ޕާޓީ އަށް ދިޔަ ގިނަ މީހުން މިހާރު ވަނީ ބައްޔަށް ޕޮޒިޓިވް ވެފަ އެވެ.

ހެލްތު މިނިސްޓްރީގެ ކޮލިޓީ އެޝުއަރަންސް ކޮންޓްރޯލާ ތަސްލީމާ އުސްމާން "މިހާރު" އަށް ވިދާޅުވީ އެ ޕާޓީއަށް ދިޔަ މީހުންގެ ތެރެއިން ކޮވިޑަށް ޕޮޒިޓިވް އިތުރު ބަޔަކު ފެނުމާ އެކު، ބަލި މީހުންނާ ކޮންޓެކްޓްވި މީހުންގެ އަދަދު އިތުރުވުން އެކަށީގެންވާ ކަމަށެވެ. އެހެންވެ ކަރަންޓީންކުރަން ޖެހޭ މީހުން ވެސް އިތުރުވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

ކޮވިޑަށް ޕޮޒިޓިވްވެފައިވާ މީހުންނާ ގުޅޭ ތަފާސް ހިސާބު ހާމަކުރާ ޑޭޝްބޯޑުން މިހާތަނަށް ހާމަކޮށްފައިވާ ޕާޓީ ކްލަސްޓާގައި ހިމެނޭ މީހުންގެ އުމުރަށް ބަލާއިރު 18 އަހަރުން ދަށުގެ 24 ކުދިން ހިމެނެ އެވެ. މީގެ ތެރޭގައި ދެ އަހަރުގެ ކުއްޖަކާއި ތިން އަހަރުގެ ތިން ކުދިން ވެސް ހިމެނެ އެވެ. އަދި 65 އަހަރުގެ މީހަކާއި 77 އަހަރުގެ މީހަކު ވެސް ހިމެނެ އެވެ.

އެޗްޕީއޭ އިން ވަނީ އެ ކައިވެނި ހަފްލާއަށް ދިޔަ އެންމެން އެޗްޕީއޭ އަށް އަންގަން އެދިފަ އެވެ.

ރައްކާތެރިކަމުގެ ފިޔަވަޅުތަކާ އެކު ބޭއްވި ކަމަށް ބުނާ ކައިވެނި ފާޓީން ގިނަ ބަޔަކަށް ކޮވިޑް ޖެހުނު ކަމަށް ބެލެވެނީ ބަލި ޖެހި ހުން އައިސް ހުރި މީހަކު ޕާޓީ އަށް ދިއުމުންނެވެ.

މިހާތަނަށް ރާއްޖެއިން ކޮވިޑް-19 އަށް ޕޮޒިޓިވްވެފައި ވަނީ 13،691 މީހުންނެވެ. އޭގެ ތެރެއިން 13،108 މީހަކު ބަލިން ރަނގަޅުވެފައިވާ އިރު މިހާރު ފަރުވާ ހޯދަމުން އަންނަނީ 535 މީހުންނެވެ.