ވެހިކަލްތަކުގެ އަހަރީ ފީ ސްޓިކާ އޮންލައިންކޮށް ދޫކުރަނީ
ވެހިކަލްތަކުގެ އަހަރީ ފީ ސްޓިކާ އޮންލައިންކޮށް ދޫކުރަނީ

އެއްގަމު އުޅަނދުގެ އަހަރީ ފީ ދެއްކުމުން ދޫކުރުމަށް އާ ސްޓިކާއެއް ތައާރަފުކޮށް، އޮންލައިންކޮށް ފީ ދައްކާ ފަރާތްތަކަށް، އަންނަ މަހުން ފެށިގެން އޮންލައިންކޮށް ސްޓިކާ ލިބޭނެ އިންތިޒާމް މީރާ އިން ހަމަޖައްސައިފި އެވެ.

ޓެކްސް އިދާރާ، މީރާ އިން ބުނީ، އަންނަ މަހުގެ އެއް ވަނަ ދުވަހުން ފެށިގެން އެއްގަމު އުޅަނދުގެ އަހަރީ ފީ އޮންލައިންކޮށް ދައްކާ ފަރާތްތަކަށް މީރާއިން ސްޓިކާ ދޫކުރާނީ އީމެއިލް މެދުވެރިކޮށް، އެ މީހަކަށް އަމިއްލަ އަށް ޕްރިންޓް ކުރެވޭނެ ގޮތަށެވެ. އެއްގަމު އުޅަނދުގެ އަހަރީ ފީ މީރާގެ އޮފީހަށް ގޮސް ދައްކާ ފަރާތްތަކަށް ވެސް އަންނަ މަހުން ފެށިގެން ޕްރިންޓް ކުރުމަށްފަހު ދޫކުރަން ހަމަޖެހިފައިވަނީ އަލަށް ތައާރަފްކުރި ސްޓިކާ އެވެ.

މީރާ އިން ބުނީ މާދަމާގެ ނިޔަލަށް ދައްކާފައިވާ ވެހިކަލް ފީ އަކާ ގުޅިގެން، އެ ފަރާތުން އެދިއްޖެ ހާލަތެއްގައި މިހާރު ބޭނުން ކުރަމުންދާ ސްޓިކާ ކަނޑައެޅިފައިވާ އުސޫލެއްގެ ދަށުން ދޫކުރަމުން ގެންދާނެ ކަމަށެވެ.

އަހަރީ ފީ ސްޓިކާ އަށް މި ގެނައި ބަދަލާ އެކު، ފައިސާ ދައްކާ ފަރާތްތަކަށް ސްޓިކާ ހޯދުން ފަސޭހަވެ، ސްޓިކާގައި ހުންނަ ކިއުއާރު ކޯޑް މެދުވެރިކޮށް ސްޓިކާގެ ސައްހަކަން ބެލޭނެ ގޮތް ހަމަޖެހިފައިވާތީ، ވެހިކަލް ފީ ދައްކައިފައިވާކަން ކަމާބެހޭ އިދާރާތަކުން ބެލުމުގެ ނިޒާމަށް މިކަމުގެ ސަބަބުން އިތުރު ހަރުދަނާކަމެއް އަންނާނެ ކަމަށް މީރާ އިން ބުނެ އެވެ.

މީރާ އިން އެއްގަމު އުޅަނދުގެ ސްޓިކާ އޮންލައިންކޮށް ލިބޭނެ ގޮތް ހަމަޖެއްސި އިރު އެ އިދާރާއިން އަންނަނީ އެތަނުގެ ގިނަ ހިދުމަތްތައް އޮންލައިން ކުރަމުންނެވެ. އެގޮތުން ގިނަ ޓެކްސްތައް މިހާރު އޮންލައިންކޮށް ދެއްކޭނެ އިންތިޒަމު ވަނީ ހަމަޖައްސައިފަ އެވެ.