31 ޑިސެމްބަރ 2020 - 07:59

އަންނަ އަހަރުގެ ފިތުރު އީދުގައި ސިނަމާތަކުގައި ރިލީޒްކުރަން އަމާޒު ހިފާފައިވާ ސަލްމާން ޚާންގެ ފިލްމު "ރާދޭ: އިންޑިއާސް މޯސްޓް ވޯންޓެޑް ބާއީ" ގެ ރައިޓްސް 230 ކްރޯޑް ރުޕީސް (31.4 މިލިއަން ޑޮލަރު) އަށް ޒީ ސްޓޫޑިއޯސް އަށް ވިއްކާލައިފި އެވެ.
ބޮލީވުޑް ހަންގާމާ އިން ބުނިގޮތުގައި ޕްރަބޫދޭވާ ޑައިރެކްޓްކުރި ފިލްމަށް ޒީ ސްޓޫޑިއޯސް އިން ޒިންމާވާ ގޮތަށް ބޮޑު އަގަކަށް ދޫކޮށްލީ އެ ފިލްމު އިންޑިއާ އާއި އިންޑިއާ ބޭރުގެ މާކެޓްތަކުގެ ސިނަމާތަކުގައި އެޅުވުމާއި ސެޓެލައިޓް ރައިޓްސް އާއި ޑިޖިޓަލް ރައިޓްސްގެ އިތުރުން މިއުޒިކް ވެސް ރައިޓްސް ވެސް ހިމެނޭ ގޮތަށެވެ.
ކުރިން "ރާދޭ" ގެ ޑިސްޓްރިބިއުޝަން ހަވާލުކުރަން ނިންމާފައި އޮތީ ޔާޝްރާޖް ފިލްމްސް (ވައިއާރްއެފް) އާ އެވެ. ފާހަގަކޮށްލެވޭ އަނެއް ކަމަކީ ސަލްމާންގެ އެންމެ ފަހުގެ ތިން ފިލްމު ކަމަށްވާ "ދަބަންގް 3" އާއި "ބާރަތު" ގެ އިތުރުން "ރޭސް 3" ގެ ރައިޓްސް ވެސް ދީފައި އޮތީ ޒީ ނެޓްވޯކަށް ކަމެވެ.
ހަންގާމާ އިން ބުނިގޮތުގައި ސަލްމާން ޕްރޮޑިއުސަރެއްގެ ގޮތުގައި ވެސް ހިއްސާވާ މި ފިލްމުގެ ހުރިހާ ރައިޓްސްއެއް، ޒީ ސްޓޫޑިއޯ އަށް ދޫކޮށްލުމާ އެކު އޭނާ އަށް ދެން އިތުރަށް މިި ފިލްމުގެ އެއްވެސް ކަމަކާ ބޯގާނާކަށް ނުޖެހޭނެ އެވެ. އަނެއްކޮޅުން 230 ކްރޯޑަށް ފިލްމުގެ ރައިޓްސް ދޫކޮށްލުމުން އެއަށް ކުރި ހުރިހާ ހަރަދެއް ސަލްމާނާއި އޭނާގެ ޓީމަށް އޮންނާނީ ކަވަރުވެފަ އެވެ.
"ރާދޭ" ގެ ޕްރޮޑިއުސަރުންގެ ގޮތުގައި ސަލްމާނާ އެކު ހިއްސާވަނީ ކޮއްކޮ ސުހައިލް ޚާނާއި ޅިޔަނު އަތުލް އަގްނިހޯތުރީ އެވެ.
މި ފިލްމުގެ ކާސްޓުންގެ ތެރޭގައި ޑިޝާ ޕަޓާނީ، ރަންދީޕް ހޫޑާ، ޖެކީ ޝްރޮފް، ޒަރީނާ ވައްހާބް އަދި ގޯތަމް ގުލާޓީ ހިމެނެ އެވެ.
"ރާދޭ" އަކީ ކުރިން މި އަހަރުގެ ފިތުރު އީދާ ދިމާކޮށް މެއި 22 ގައި އަޅުވަން އުޅުނު ފިލްމެކެވެ. އެކަމަކު އެކަން ނުވީ ކޮވިޑް-19 ގެ ބަލިމަޑުކަމާ ހެދި އެވެ. އެހެންވެ ސަލްމާން ބުނީ އަންނަ އަހަރުގެ ފިތުރު އީދާ ދިމާކޮށް މެއި މަހުގެ މެދު ތެރޭގައި ފިލްމު ސިނަމާތަކަށް އައުމުގެ އުންމީދު ބޮޑު ކަމަށެވެ.