ބާސެލޯނާ އިން ޕޮއިންޓަކާ އެކު އަހަރު ނިންމާލައިފި
ބާސެލޯނާ އިން ޕޮއިންޓަކާ އެކު އަހަރު ނިންމާލައިފި

ބާސެލޯނާ (ޑިސެމްބަރު 30) – ސްޕެނިޝް ލީގުގައި ރޭ އެއިބާއާ 1-1 އިން އެއްވަރުވެ ބާސެލޯނާ އިން ޕޮއިންޓަކާ އެކު އަހަރު ނިންމާލައިފި އެވެ.

މި ނަތީޖާއާ އެކު ބާސެލޯނާ މި އަހަރު ނިންމާލާނީ ތާވަލުގެ ހަ ވަނައިގައި އޮވެ އެވެ. އެ ޓީމަށް 25 ޕޮއިންޓް ލިބިފައިވާއިރު އެއް ވަނައިގައި އޮތް އެތުލެޓިކޯ މެޑްރިޑް ވަނީ ދެ މެޗު މަދުން ކުޅެގެން 32 ޕޮއިންޓް ހޯދައިފަ އެވެ. އެހެންވެ ތަށްޓަށް ވާދަކުރުމަށް ބާސެލޯނާ އަށް އޮތީ އުނދަގޫ މަގެކެވެ.

ބާސެލޯނާގެ ކޯޗު ރޮނާލްޑް ކޫމަން ބުނީ ވާހަކަދައްކަން ޖެހޭނީ ހަގީގަތަށް ކަމަށާއި ލީގުގައި ބާސެލޯނާ އަށް ހުރަސްތައް ގިނަ ކަމަށެވެ. އަދި އެތުލެޓިކޯ ފަދަ ޓީމަކާ ދެމެދު އޮތް ޕޮއިންޓުގެ ފަރަގު ބޮޑުވުން އެއީ ކަންބޮޑުވުމެއްކަން އޭނާ ފާހަގަކުރި އެވެ.

ބާސެލޯނާގެ ކެޕްޓަން ލިއޮނަލް މެސީ ރޭ އަނިޔާގެ ސަބަބުން ނުކުޅެ އެވެ. މެޗުގެ އަށް ވަނަ މިނެޓުގައި ބާސެލޯނާގެ މާޓިން ބްރެއިތުވެއިޓް އަތުން ޕެނަލްޓީއެއް ބޭކާރުވި އެވެ. އަދި 25 ވަނަ މިނެޓުގައި އޭނާ ޖެހި ގޯލެއް ރެފްރީ ބަލައެއްނުގަތެވެ.

މެޗުގައި ލީޑު ނެގީ އެއިބާ އިންނެވެ. ދެ ވަނަ ހާފުގައި، 57 ވަނަ މިނެޓުގައި ބާސެލޯނާގެ ޑިފެންޑަރު ރޮނާލްޑް އަރައުޔޯ އަށް ހެދުނު ގޯހެއްގެ ފައިދާ ނަގައި މި ގޯލް ޖެހީ ކިކޭ ގާސިއާ އެވެ. ބާސެލޯނާ އަށް 67 ވަނަ މިނެޓުގައި އެއްވަރުކޮށްދިނީ އޮސްމާނޭ ޑެމްބެލޭ އެވެ.

"މި މެޗުން އަހަރެމެން މޮޅުނުވެވުނީ ކީއްވެބާ؟ އަހަރެމެން ފުރުސަތުތަކެއް ހޯދިން. ޕެނަލްޓީއެއް ބޭކާރުކުރިން. އަދި އެ ޓީމުން ފޮނުވާލި ހަމައެކަނި ހަމަލާގައި ގޯލެއް ޖަހަން ފުރުސަތު ދިނިން،" ބާސެލޯނާގެ ކޫމަން ބުންޏެވެ.

ރޭގެ މެޗުގައި ބާސެލޯނާ އަށް ދިމާވި އަނެއް ދެރައަކީ މިޑްފީލްޑަރު ފިލިއްޕެ ކުޓީނިއޯ އަށް އަނިޔާވެގެން ބާލަން ޖެހުމެވެ. ކޫމަން ބުނީ ކުޓީނިއޯގެ ވާތު ކަކުލަށް ތަދުވީ ކަމަށާއި އަނިޔާގެ ތަފްސީލް އެނގެނީ ޓެސްޓްތައް ހެދުމުން ކަމަށެވެ.