29 ޑިސެމްބަރ 2020 - 22:07

ކޮވިޑް-19 އަށް މިއަދު ޕޮޒިޓިވްވީ މީހުންގެ އަދަދު، 31 އަށް އަރައިފި އެވެ.
ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން މިރޭ އާއްމުކުރި ތަފާސްހިސާބުތަކުން ދައްކާގޮތުގައި އިއްޔެ ހަވީރު 6:00 އިން ފެށިގެން މިއަދު ހަވީރު 6:00 އާ ހަމައަށް މާލެ ސަރަހައްދުން 20 މީހަކު ވަނީ ޕޮޒިޓިވްވެފަ އެވެ. މީހުން ދިރިއުޅޭ ރަށްރަށުން ހަތަރު މީހަކު ޕޮޒިޓިވްވި އިރު ރިސޯޓުތަކުގައި އެ އަދަދު އުޅެނީ ފަހެއްގަ އެވެ. އަދި ރާއްޖޭން ބޭރުގައި އުޅޭ ދެ މީހަކަށް ބަލި ޖެހުނު ކަމަށް ވެސް އެޗްޕީއޭ އިން ބުންޏެވެ.
އިއްޔެ މި ބައްޔަށް 26 މީހުން ޕޮޒިޓިވްވި އެވެ.
މިރޭގެ އަދަދުތަކާއެކު، ކޮވިޑަށް ޕޮޒިޓިވްވި މީހުންގެ އަދަދު މިހާރު 13،691 އަށް އެރީ އެވެ. އެޗްޕީއޭ އިން ބުނީ މި ވަގުތު ބަލި ޖެހިފައި ތިބީ 527 މީހުންނަށް ކަމަށެވެ. އަދި 29 މީހަކަށް ހޮސްޕިޓަލްގައި އެޑްމިޓްކޮށްގެން ފަރުވާ ދެމުން އަންނަ އިރު، 48 މީހަކު ވަނީ ބަލީގައި މަރުވެފަ އެވެ.
މާލެ ސަރަހައްދުން ކޮވިޑް-19 އަށް ޕޮޒިޓިވްވާ އަދަދު އެވްރެޖްކޮށް 20 އަށް ވުރެ ދަށްކޮށް ހިފަހައްޓަމުން އަންނަނިކޮށް، މާލޭގައި މިދިޔަ ހަފްތާ ބޭއްވި ކައިވެނި ހަފްލާއަކުން ގިނަ ބަޔަކަށް ވަނީ ބަލި ޖެހިފަ އެވެ.
މިދިޔަ އޭޕްރީލް މަހުގެ ތެރޭގައި މާލޭގައި ފެތުރެން ފެށި މި ބަލި މިހާރު ވަނީ ވަރަށް ބޮޑަށް ކޮންޓްރޯލްވެފަ އެވެ. އެއާއެކު، މާލޭގައި ދިރިއުޅޭ މީހުންނަށް ގިނަ ލުއިތަކެއް ވަނީ ދީފަ އެވެ. އޭގެ ތެރޭގައި ކާފިއު އުވާލުމާއި ގިނަ ހިދުމަތްތަކެއް ހުޅުވާލުން ހިމެނެ އެވެ.