ފަލީހަތް
ފަލީހަތް

އާދިއްތަ ދުވަހާ ގުޅޭ

"އަހަރެން މިހިރީ ވަރަށް ފޫހިވެފަ!" މަޑު ދުވެއްޔެއްގައި ސައިކަލު ދުއްވަމުން ޒިޔާން ބުންޏެވެ.

"ރަނގަޅު! ގަބޫލުކުރަން،" ފުރަތަމައިނުން ވެސް މަނާރަތު އެއްބަސްވިއެވެ. "އަހަރެން ނަމަވެސް ހަމަ ވަރަށް ފޫހިވާނެ. އެކަމަކު ޒިޔާން ވިސްނާލަބަލަ! އަހަރުމެންގެ ރިލޭޝަންޝިޕް އަބަދަކު ސިއްރެއް ނުވާނެ. މިހާރު ވެސް މީހުން އެބަ ޝައްކުކުރޭ! ބައެއް މީހުން އެބަ ކިޔާ އަހަރެން ޒިޔާނަށް ފޭވަރ ކުރަނީއޭ. އެއީ ދޮގެއް ނޫން. އެކަމަކު އަހަރެން ޖެހޭނެއްނު އެއީ ދޮގެއްކަން ސާބިތުކޮށްދޭން. އަހަންނަކީ ބޮސް. ޒިޔާންގެ ލައިފަށް އަހަރެން ކަހަލަ މީހަކު ޗޫސްކުރީމަ ބައެއް ފަހަރު މިހެން ވެސް ވާނެ. ޒިޔާނަށް ޗޮއިސް އެބަ އޮތް. ހިނގާ މި ކަން ނިންމާލަން."

އެތައް އިރެއް ވަންދެން ޒިޔާން ވިސްނިއެވެ. މަނާރަތާއި ޒިޔާނާ ދެމެދުގައި އޮތް ގުޅުން ކަނޑާލަން މިނެޓެއް ވެސް ނުނަގާނެއެވެ. ހަމަ އެކަނި ޒިޔާން އެ ކަމަށް އެއްބަސްވީމައި ނިމުނީއެވެ. އެހެނަސް އެ ކަން ކުރާކަށް ޒިޔާނަކަށް ފަސޭހައެއް ނުވިއެވެ. ޒިޔާން ހިތަށްއެރިއެވެ. މަނާރަތަކީ ޒިޔާންގެ ހަޔާތުގައި ލިޔެވެމުންދާ ރީތި ސަފުހާތަކެކެވެ. ހަމަ ހިތަށްއަރާ އިރަށް ކަނޑައިފައި އެއްލައެއް ނުލެވޭނެއެވެ.

"އަހަރެންގެ އެބަ އޮތް އެހެން އައިޑިޔާއެއް،" ހަޔާތުގެ ދެވަނަ މަގެއް އާރާސްތުކުރަން ޒިޔާން ތައްޔާރުވިއެވެ. "މަނާއަށް ކެރޭނެތަ އަހަންނާ..."

"ހިނގާ ގެއަށް،" ޒިޔާނަށް ފުރުސަތު ނުދީ މަނާރަތު ބުންޏެވެ. "ނިދިއަންނަން ފަށައިފި!"

ޒިޔާން ބުނަން ބޭނުންވީ ބޮޑު ވާހަކައެކެވެ. ނިންމަން ބޭނުންވީ ހިރާސީ ނިންމުމެކެވެ. އެހެނަސް އެ ރެޔަކު މަނާރަތު ފުރުސަތެއް ނުދިނެވެ. ޒިޔާންގެ ޝަކުވާއެއް ނެތެވެ. މުޅި ރާއްޖޭގެ ނަޒަރު ހުއްޓިފައިވާ ވޭދަނައެއް ޒިޔާނާ ހަވާލުކޮށްފައި އަލުން އަތުލީމަ ވެސް ޒިޔާން މައްސަލައަކަށް ނަހަދައެވެ. ކެތްތެރިކަމާއި، ސުލޫކާއި، އަޚުލާގުގެ ގޮތުން، ޒިޔާންގެ ފަރާތުން މަނާރަތަށް ފެނުނީ ނަމޫނާ މިސާލެކެވެ. އެހެން މުވައްޒަފުންގެ ފަރާތުން ނުފެންނަ، ނާދިރު ސިފައެކެވެ. ހަގީގަތުގައި އެއީ، މަނާރަތުގެ މަންޒިލާ ހަމައަށް ވާސިލު ވުމަށް ޓަކައި މަނާރަތަށް އެޅުނު މުހިންމު ފިޔަވަޅެކެވެ. މަނާރަތު ޖަހާ ކޮންމެ ބެރަކަށް ޒިޔާން ނެއްޓުވިދާނެކަން މަނާރަތަށް ކަށަވަރުވި ހާދިސާއެކެވެ.

މަނާރަތާއި ޒިޔާންގެ އެކުވެރިކަން ހަލުވި އިސްޕީޑެއްގައި ބަދަހި ވިއެވެ. މަނާރަތަށް ޒިޔާން ދޫދިނީ އަމިއްލަ ހިތުގެ ހައްގުގައެވެ. މަނާރަތަށް ޒިޔާން ކުރާ ވަރުގަދަ އިތުބާރާއި، ފޮނި އުންމީދެއްގެ ސަބަބުންނެވެ. އެހެނަސް މަނާރަތު އެހެން މާނައެއް ނެގިކަމާއި، އޭނަގެ ހިތުގައި ކެހިވެރި ނިޔަތެއް އޮތްކަމެއް ޒިޔާނަކަށް ނޭނގެއެވެ. ޒިޔާން ބަހައްޓައިފައި ހުރީ އަނދިރި ހޮހަޅައެއްގައެވެ. ވަމުންދާ ގޮތެއް އަދި ވާން އުޅޭ ގޮތެއް ޒިޔާނަކަށް ނުވިސްނެއެވެ. ވަޒީފާގެ މާހައުލުން ބޭރުގައި އެއްކޮށް ކޮފީއަށް ދިޔުމާއި، އަމިއްލަ ކަންކަން ހިއްސާކުރުމާއި، ހަޔާތުގެ ކަންކަމުގައި އަނެކާއަށް ލަފާދިނުން ވެސް ކުރިޔަށް ދިޔައެވެ. ޒިޔާންގެ މިޒާޖު މަނާރަތަށް ކަމުދާކަން ޒިޔާނަށް އެނގެއެވެ. މަނާރަތުގެ މިޒާޖު ޒިޔާނަށް ކަމުދާކަން މަނާރަތަށް ވެސް އެނގެއެވެ. އެއީ ކުރާ ކަންތަކާއި، ބުނެލާ ކުދިކުދި އެއްޗެހިން ނަގައިގަނެވޭ ކަންތަކެވެ. ބުނެކިޔައިގެން އަންގައިދޭ ކަންތަކެއް ނޫނެވެ. އެކަކުގެ ޒާތީ ވާހަކަ އަނެކަކާ ދައްކަނީ އަނެކަކު އެ ކަމަށް އެދިގެނެއް ނޫނެވެ. އަހައިގެނެއް ވެސް ނޫނެވެ. އެ ފަދަ ވާހަކައެއް އެކަކު ކިޔައިދިނީމައި އަނެކަކު ވެސް ތިލަފަތް ހަމަކޮށްލަން އެ ފަދަ އެއްޗެއް ބުނަނީއެވެ. އިތުބާރު ދިނުމަށް ޓަކައެވެ. އެކުވެރިކަން ވަރުގަދަ ކުރުމަށް ޓަކައެވެ. ޔަގީނުން ވެސް އެ ބާބު ފެށުނީ އެ ގޮތުންނެވެ. ނޭނގި ތިއްބައި އެކުވެރިކަން އެހެން ހަރުފަތަކަށް އެރީއެވެ. އެރިކަން އެނގުމުން އެ ކަމަށް ހުރަސްއަޅަން އެކަކު ވެސް ބޭނުން ނުވީއެވެ. ގުޅުމެއްގެ ފެންގަނޑު ދެމިގަންނަނީ ރުހުން ލިބުނީމައި އެކަންޏެއް ނޫނެވެ. އެ ފެންގަނޑު ދެމިގަންނަން ހެދޭ މަގެއްގެ ސަބަބުން ވެސް ގުޅުމަކަށް މަގު ތަނަވަސްވެއެވެ. ބޭއިހުތިޔާރުގައި ކަމަށް ހެދި ތިބެގެން ދެ މީހުން ވެސް އެ މަގު ކޮށީ ގަސްތުގައެވެ. އަމިއްލަ އިހުތިޔާރުގައެވެ. އެކުވެރިކަމަށް ވުރެ ބަދަހި ގުޅުމަކަށް މަގު ފަހިވިކަން އެނގި، އެކަކު ވެސް އެ މަގަށް ހުރަސްނޭޅީއެވެ.

ފިރިމީހާގެ ހިތުގައި ހިލޭ އަންހެނަކު ހޮރު ކޮންނަންޏާ އަނބިމީހާއަށް އެނގޭނެއެވެ. ތެދުވެރި އަންބަކަށް ވަގަށް ފިރިމީހާގެ ހިތް ޖަހައިގަނެވޭނެ ގޮތަކީ ނެތް ގޮތެކެވެ. އަނބިމީހާއަށް އެކި ދިމަދިމާއިން ހެކި ފެންނާނެއެވެ. ދީމާއަށް ވެސް ފެނުނެވެ. ޒިޔާންގެ ހަޔާތަށް ކުދިކުދި ބަދަލު އަންނަ ތަނެވެ. ދީމާއަށް ނުފެންނަ ގޮތަށް ފޯނާ ކުޅެން ޒިޔާން އިނުމާއި، ދީމާ ކައިރިވެލާ އިރަށް ފޯނު ނިވާކޮށްލަން ޒިޔާން ބޭނުންކުރާ ހުސިޔާރު އުކުޅުތަކެވެ. ޒިޔާން ލަހުން ގެއަށް އައުމެވެ. އަވަހަށް ގެއިން ނުކުތުމެވެ. ދީމާ އެކަންޏެއް ނޫނެވެ. އަހުސަންގެ ހިތުގައި ވެސް ޝައްކު ވަކިހިއްޕައިލިއެވެ. ޒިޔާން އެއްބަސް ނުވިޔަސް ވެހެވެ.

ޒިޔާންގެ ގޭގެ ފާހާނައިން ފެން ލީކު ވާތީ އެ ކަން ހައްލުކުރުމުގައި ޒިޔާން އުޅުނު ދުވަހެކެވެ. އާދައިގެމަތިން އެ ކަމުގައި އެހީތެރިވާން އައިސް އުޅުނީ އަހުސަނެވެ. ފާހާނައިގެ ތަޅުންގަނޑު ކަނޑައިލުމުން މައްސަލަ ފެނުނެވެ. ފަސޭހަ ހައްލެއް ވެސް އެނގުނެވެ. އެކަމަކު ހައްލު ހޯދެން އަންނަނީ ޓީއަކާއި އެލްބޯއެއް ލިބިގެންނެވެ. ސާމާނު ގަންނަން ޒިޔާން ނައްޓައިލިއެވެ. ދަނޑިވަޅު ބަލައިފައި ދީމާ އައެވެ. އޭރު އަހުސަން އިނީ ގާކުނޑިތައް ސާފުކުރާށެވެ. އެ ފަދަ ފުރުސަތަކަށް ދީމާ ފާރަލާތާ ކިތަންމެ އިރެކެވެ.

"ކޮބާ މިއަދު ތި ކަން ނިމޭނެތަ؟" ވަރަށް އެކުވެރި ރާގެއްގައި ދީމާ އެހިއެވެ.

"އާނ!" އަހުސަން ޔަގީންކަމާ އެކުގައި ބުންޏެވެ. "މިހާރު ދެން މި އޮތީ ފާޑަކަށް ނިމިފަ. ޒިޔާން މިހާރު ވަރަށް ގަދަކޮށްފި އިނގޭ. ދީމާއަށް ތި ލިބުނީ ހަމަ ރަންގަނޑެއް."

އަހުސަން ބުނި އެއްޗަކަށް ދީމާ ވަގުތަކުން ޖަވާބެއް ނުދެއެވެ. އިސްޖަހައިލައިގެން ހުރީއެވެ. އަހުސަނަކީ ޒިޔާންގެ ގާތް އެކުވެރިއެކެވެ. އަހުސަން ގާތުގައި ދީމާ އަހާ ކޮންމެ ވާހަކައެއް ޒިޔާނާ ހަމައަށް ދިޔުމުގެ ފުރުސަތު ވަރަށް ބޮޑެވެ. ކޮންމެ ވާހަކައެއް ދީމާ އެހިޔަސް ދެ ފަހަރަށް ވިސްނަން ޖެހެނީ އެހެންވެއެވެ.

"ތީތާ މައްސަލައަކީ!" ދީމާ މަޑުމަޑުން ބުންޏެވެ. "ރަންގަނޑަކަށް ދަހި ނުވާނީ ކާކު؟ މިހާރު ބިރުގަންނަން ފަށައިފި."

އަހުސަން ވިސްނައިލިއެވެ. ދޭނެ ޖަވާބެއް ހިތަކަށް ނައެވެ.

"ތި ބުނި އެއްޗެއް ނުވިސްނުނު!" އަހުސަނަށް ދޭން ފެނުނު ޖަވާބަކީ އެއީއެވެ.

"ވިސްނޭނެ!" ދީމާ ގަބޫލެއް ނުކުރިއެވެ. "އަހުސަނަށް ހަމަ ރަނގަޅަށް އެނގޭނެ އަހަރެން މި ބުނީ ކީކޭކަން. ބުނަންޏާ ތެދަށް ބުނޭ. ނުބުންޏަސް އޯކޭ. އެކަމަކު ދޮގުހަދައިފިއްޔާ ދެން އަހުސަނަކަށް ޓްރަސްޓެއް ނުކުރާނަން."

އަހުސަނަށް ހީވީ، ނުވެސް ދެނަހުއްޓައި ދެކަފި މަގެއްގެ ކަންމަތީގައި ބެހެއްޓި ހެންނެވެ. ކުރިން އެއްވެސް ވަރަކަށް ތައްޔާރުވެވިފައި ނެތް ކޮޅިގަނޑެއް އަހުސަން ބޯމަތީގައި އެނބުރެން ފެށިއެވެ. ޒިޔާންއެވެ. ކަލެޔާ ހެދި ހުރިހާ އުނދަގުލެއްގައި ބެދެން މި ޖެހެނީ އަހަންނެވެ. އަހުސަން އެންމެ ފުރަތަމަ ހިތަށްއެރި އެއްޗަކީ އެއީއެވެ.

"ދީމާ!" އަހުސަން ވަރަށް ކެރިގެން ކުރިމަތިލިއެވެ. "ޒިޔާނަށް ޓްރަސްޓުކުރޭ! ފެމެލީ ރޫޅޭނެ ކަހަލަ އެއްވެސް ކަމެއް އޭނަ ނުކުރާނެ. އަހަރެން ދީމާއަށް ގެރެންޓީ ދެން."

"އެކަމަކު..." ދީމާ އެއްޗެއް ބުނަން އުޅުނެވެ.

"އަހަރެން ދީމާއަކަށް ދޮގެއް ނަހަދާނަން،" އަހުސަން ބުންޏެވެ. "ޒިޔާން ބިޓެއް ނުނަގާނެ. މި ބުނީ ނުނަގާނޭ. ދީމާ ޖެހޭނީ އެ ޝައްކު ފިލުވާލަން."

މަނާރަތާއި ޒިޔާނާ ދެމެދު އުފެދިފައިވަނީ އާދައިގެ ގުޅުމެއް ނޫނެވެ. އަހުސަނަށް އެ ކަން އެނގެއެވެ. އެކުވެރިއެއް ވީމައި ޒިޔާނަށް ހެޔޮ ނަސޭހަތް ދޭން އަހުސަން ބޭނުމެވެ. އެ ހިސާބުން ނިމުނީއެވެ. ޒިޔާންގެ ޒާތީ މައްސަލަ ތަކުގެ ތެރެއަށް ވަންނާކަށް އަހުސަން ބޭނުމެއް ނޫނެވެ. އެއީ ކުރިން ކަން އޮތް ގޮތެވެ. އެކަމަކު ދީމާއަށް ދެވުނު ޔަގީންކަމެއްގެ ސަބަބުން އަހުސަންގެ ބޮލުގައި ވަރުގަދަ ޒިންމާއެއް އެޅިއްޖެއެވެ. ދީމާ ދިޔުމުން އަހުސަން ދެއަތަކަށް ބޯހޫރައިލިއެވެ.

"ޒިޔާން!" ހިތާހިތުން އަހުސަން ބުނެލިއެވެ. "ކަލޭ ނުވާނެ ރަނގަޅެއް."

ފުލުސްއޮފީހުގެ ހުރިހާ ޑިޕާޓުމަންޓުތަކެއްގެ މެދުގައި ރާޒުވާ މުބާރާތެއް ކުރިޔަށް ދިޔަ ހަފުތާއެކެވެ. ކަން ދިމާކުރި ގޮތުން އަހުސަނާއި ޒިޔާން ވެސް ގަނޑެއް ކުޅެން ޖެހުނެވެ. ރާޒުވާ ކުޅެން އަހުސަން މޮޅެވެ. ޒިޔާން ވަކީން މޮޅެވެ. މޮޅުވީ ޒިޔާނެވެ. ކުޅެ ނިމިގެން ޒިޔާން ސަޅިބައިސާ ކެނޑިއެވެ. އަހުސަން ރައްދެއް ނުދެއެވެ. ޒިޔާންގެ ވާހަކަ ނިމެންދެން އިނީއެވެ.

"ނިމުނީ؟" ޒިޔާން ނިމުމުން އަހުސަން އެހިއެވެ. "ރާޒުވާކުޅެން ޒިޔާން ތިހާ މޮޅު އިރު ދިރިއުޅެން ނޭނގިގެން ތި އުޅެނީ ކީއްވެ؟"

އަހުސަން ބުނި އެއްޗެއް ނުވިސްނިގެން ބަލައިލާ ކަހަލަ ގޮތަކަށް ޒިޔާން ބަލައިލިއެވެ.

"އަހަންނަށް ތި މޫނު ނުދައްކާ!" އަހުސަން އެދުނެވެ. "ޖަވާބުދީ! ރާޒުވާގަނޑެއް ކާމިޔާބު ކުރެވޭނީ އިދިކޮޅުން ކުޅޭ މީހާ ކުޅެފާނެ ހުރިހާ ކުޅިއެއް އެޑްވާންސްކޮށް ވިސްނައިގެން. އެކަމަކު ލައިފްގަ ޒިޔާންގެ ވައިފް ވިސްނާ ގޮތް އަހުސަނަށް ނޭނގެންޏާ އެއީ މައްސަލައެއްނު!"

"އަކުރުތަކުގަ ފިލި ޖަހަމާ!" ޒިޔާން އެދުނެވެ.

ދަންބެރަށް ވުރެ ތަގުޑި ދިގުކުރާކަށް އަހުސަން ވެސް ބޭނުމެއް ނޫނެވެ. އަހުސަން ދެކޮޅު ހޯދައިލައިފައި ޒިޔާނާ ކައިރިވެލިއެވެ.

"އޮފީހުން ބިޓުހިއްލިޔަސް މަނާރަތާ ވައިނޭޅޭ!" އަހުސަން މަޑުމަޑުން ބުންޏެވެ. "ތި ކަން ހުއްޓާލާ! އެޖެންޑާއެއް ނެތި އޭނަ ތިހާ ކްލޯސްއެއް ނުވާނެ."

"އަހަރެން ބިޓެއް ނިހިއްލަމޭ!" ޒިޔާން އެއްބަހެއް ނުވިއެވެ. "އެކަމަކު މަނާއަކީ ތި ހީކުރާ ކަހަލަ ކުއްޖެއް ނޫން. އޭނައަކީ ވަރަށް ޕްރޮފެޝަނަލް، ޖޮބުގެ އެތިކްސް ހިފާއްޓާ، ސްމާޓް ބޮސްއެއް. އަހަންނަކީ އޭނަގެ ދަށުން މަސައްކަތްކުރާ ސްޓާފެއް. ދެޓްސް އިޓް! އަހަރެން ކަހަލަ ޖޫނިއަރ ސްޓާފަކާ ރިލޭޝަންޝިޕެއް ބާއްވައިގެން އުޅެނިކޮށް މަނާ ބަސްޓުވެއްޖެއްޔާ އޭނަގެ ކެރިއަރަށް ކިހިނެއް ވާނީ؟ އޭނަގެ ހުރިހާ ވެސް އެއްޗަކީ ކެރިއަރ."

"ތީތާ ބުނަން މި އުޅޭ ވާހަކައަކީ،" އަހުސަން ސިއްރުސިއްރުން ބުނެލިއެވެ. "އޭނަގެ ކެރިއަރަށް އޮތް އެންމެ ބޮޑު ބިރަކީ ކާކު؟"

ނުނިމޭ