ރަޝިޔާ، ޗައިނާ އަދި އޮކްސްފޯޑުގެ ވެކްސިން ލަންކާއަށް
ރަޝިޔާ، ޗައިނާ އަދި އޮކްސްފޯޑުގެ ވެކްސިން ލަންކާއަށް

ކޮލަމްބޯ (ޑިސެމްބަރު 30) - ކޮރޯނާވައިރަހާ ދެކޮޅަށް ދިނުމަށް ލަންކާ އިން އެންމެ ބޮޑަށް ހޯދާނެ ކަމަށް ބެލެވެނީ ރަޝިޔާގައި އުފެއްދި ސްޕުޓްނިކް ވީ އާއި ޗައިނާގެ ސިނޮވެކުގެ އިތުރުން އޮކްސްފޯޑް-އެސްޓްރަޒެނިކާގެ ވެކްސިން ކަމަށް ރައީސްގެ ސީނިއާ އެޑްވައިޒަރު ލަލިތު ވީރަތުންގާ ވިދާޅުވެއްޖެ އެވެ.

ލަންކާ އަށް ވެކްސިން ހޯދުމުގައި އެންމެ އިސްކޮށް އުޅުއްވާ ވީރަތުންގާ ވިދާޅުވީ ބޭނުން ކުރާނެ ވެކްސިނަކާއި އެންމެ ފުރަތަމަ ވެކްސިން ދޭނެ އުމުރުފުރާ ނިންމާނީ އެކަމަށް ކަނޑައަޅާފައިވާ ޚާއްސަ ކޮމިޓީން ކަމަށެވެ.

އަނެއްކޮޅުން ފައިޒާ-ބަޔޯއެންޓެކާއި އޮކްސްފޯޑް-އެސްޓްރަޒެނިކާ އިން ކޮރޯނާވައިރަހަށް އުފައްދާފައިވާ ވެކްސިން ހޯދަން ސްރީ ލަންކާ އިން މަޝްވަރާ ކުރާ ކަމަށް އެ ގައުމުގެ އަމިއްލަ ކުންފުންޏަކުން ވަނީ ބުނެފަ އެވެ.

ވެކްސިން ހޯދުމުގައި އެ ދެ ކުންފުންޏާއި ލަންކާ ސަރުކާރާ ދެމެދު މަޝްވަރާތަކަށް މަގު ފަހިކޮށްދީފައި ވަނީ ފައިޒާ އާއި އެސްޓްރަޒެނިކާގެ ލަންކާގެ އެޖެންޓް ހީމަސް ފާމަޝޫޓިކަލްސް އެވެ.

ހީމަސްގެ މެނޭޖިން ޑިރެކްޓަރު ޖޫޑް ފެނާންޑޯ ވިދާޅުވީ ފައިޒާ އާއި އެސްޓްރަޒެނިކާ އަދި ލަންކާގެ ހެލްތު މިނިސްޓްރީއާ ދެމެދު މަޝްވަރާކުރުމުގެ މަގު މިހާރު ފަހިކޮށްދީފައިވާ ކަމަށެވެ. އަދި ވެކްސިން ސަޕްލައި ކުރުމުގައި އެންމެ ފަސޭހަ ގޮތުގެ ޕްރޮޕޯޒަލެއް ސަރުކާރަށް ހުށަހަޅާފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"ފައިޒާ އަކީ މިހާރު އެންމެ ކުރީގައި އުޅޭ ވެކްސިން. އެހެންވެ އެ ވެކްސިން ހޯދަން އެންމެ ފަސޭހަ ގޮތް ސަރުކާރަށް ހުށަހެޅީ. ލޮޖިސްޓިކްސް ހަމަޖައްސައިދޭނީ އަޅުގަނޑުމެން،" ފެނާންޑޯ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ފައިޒާ އާއި އެސްޓްރަޒެނިކާ ނުވަތަ އެހެން ކުންފުންޏަކާ އިތުރަށް މަޝްވަރާ ކުރާނީތޯ ދެން ނިންމާނީ ސަރުކާރުން ކަމަށެވެ.

ޕްރައިވެޓް ޕާޓީތަކަށް ލަންކާ އަށް ވެކްސިން އެތެރެއެއް ނުކުރެވެ އެވެ. އެހެންވެ ފައިޒާގެ ވެކްސިން ވެސް ހީމަސް އަށް ގެނެވޭނީ ސަރުކާރު މެދުވެރިވެގެންނެވެ. ހީމަސް އިން ބުނެފައި ވަނީ ހުރިހާ ކަމެއް ހަމަޖެހިފައިވާ ގޮތަށް ދާ ނަމަ އަންނަ އަހަރުގެ ދެ ވަނަ ނުވަތަ ތިން ވަނަ ކުއާޓަރުގައި ވެކްސިން ފޯރުކޮށްދޭނެ ކަމަށެވެ.

ލަންކާ އިން ވަނީ ޗައިނާ އަދި ރަޝިޔާ އިން އުފެއްދި ވެކްސިން ހޯދަން ވެސް މަޝްވަރާކޮށްފަ އެވެ. އަދި ޑަބްލިއުއެޗްއޯގެ ކޯވެކްސް ސްކީމްގައި ވެސް ވަނީ ބައިވެރިވެފަ އެވެ. ލަންކާގެ ސިއްހީ އޮފިޝަލުން ބުނެފައި ވަނީ އެ ގައުމުގެ އާބާދީގެ 20 ޕަސެންޓަށް ދެވޭވަރަށް 4.2 މިލިއަން ވެކްސިން ޑޯޒް ދިނުމަށް ޑަބްލިއުއެޗްއޯ އިން އެއްބަސްވެފައިވާ ކަމަށެވެ.