ސްޕޭނުގައި ވެކްސިން ޖަހަން ދެކޮޅު މީހުންގެ ނަން ނޯޓުކުރަނީ
ސްޕޭނުގައި ވެކްސިން ޖަހަން ދެކޮޅު މީހުންގެ ނަން ނޯޓުކުރަނީ

މެޑްރިޑް (ޑިސެމްބަރު 30) - ކޮރޯނާވައިރަހުގެ ވެކްސިން ޖަހަން ދެކޮޅު ހަދާ މީހުންގެ ނަން ނޯޓު ކުރުމަށް ސްޕޭނުގެ ހެލްތު މިނިސްޓްރީން ނިންމައިފި އެވެ.

ހެލްތު މިނިސްޓަރު ސަލްވާޑޯ އިއްލާ ވިދާޅުވީ ވެކްސިން ޖަހަން ދެކޮޅު މީހުންގެ ލިސްޓެއް ނަގައި އެ މައުލޫމާތު ޔޫރަޕިއަން ޔޫނިއަންގެ ގައުމުތަކާ ހިއްސާ ކުރާނެ ކަމަށެވެ. ނަމަވެސް އެ މައުލޫމާތު އާއްމުންނަށް ނުލިބޭނެ ކަމަށް އޭނާ ވިދާޅުވި އެވެ. ހެލްތު މިނިސްޓަރު ވިދާޅުވީ ވައިރަސް ބަލިކޮށްލެވެން އޮތް ހަމައެކަނި ގޮތަކީ އެންމެންނަށް ވެކްސިން ދިނުން ކަމަށެވެ.

"ސްޕޭނުގައި ވެކްސިން ޖަހަން ދެކޮޅު މީހުންގެ ރަޖިސްޓްރީއެއް ހަދައި އެ މައުލޫމާތު އީޔޫގެ ގައުމުތަކާ ހިއްސާ ކުރާނަން. އެކަމަކު އެ ޑޭޓާ އަކީ އެހެން މީހުންނަށް ބޭނުން ކުރެވޭނެ އެއްޗެއް ނޫން،" އިއްލާ ދެއްވި އިންޓަވިއުއެއްގައި ވިދާޅުވި އެވެ.

ސްޕޭނުގައި ކޮވިޑް ވެކްސިން ޖެހުން މަޖްބޫރެއް ނޫނެވެ. އެ ގައުމުގައި މިހާރު ޖަހަނީ ފައިޒާ-ބަޔޯއެންޓެކުން އުފެއްދި ވެކްސިނެވެ. އެ ވެކްސިނަށް މިދިޔަ ހަފުތާގައި ވަނީ އީޔޫގެ މެންބަރު ގައުމުތަކުން ހުއްދަ ދީފަ އެވެ.

ކޮރޯނާވައިރަހުގެ ހާލަތު ޔޫރަޕުން އެންމެ ގޯސް ސްޕޭނުން މިހާތަނަށް ވަނީ 1,894,072 މީހުން ޕޮޒިޓިވްވެ 50,122 މީހުން މަރުވެފަ އެވެ. ސްޕޭނުގައި މިހާރު ވެސް ވަނީ ރޭގަނޑު 11 އިން ހެނދުނު 6 އާ ދެމެދު ކާފިއު ހިންގައިފަ އެވެ.