ވައިރަހުގެ އާ ވޭރިއަންޓް އިންޑިއާ އިން ފެނިއްޖެ
ވައިރަހުގެ އާ ވޭރިއަންޓް އިންޑިއާ އިން ފެނިއްޖެ

ނިއު ދިއްލީ (ޑިސެމްބަރު 29) - އިނގިރޭސި ވިލާތުން ފެނިގެން އުޅޭ ކޮރޯނާވައިރަހުގެ އާ ވޭރިއަންޓް އިންޑިއާ އިން ފުރަތަމަ ފަހަރަށް ފެނިއްޖެ އެވެ.

އޮފިޝަލުން ބުނީ އިނގިރޭސި ވިލާތުން ދިޔަ ހަ މީހަކު އާ ވޭރިއަންޓަށް ޕޮޒިޓިވްވެފައިވާ ކަމަށެވެ. އަދި އެ މީހުން މިހާރު ތިބީ އައިސޮލޭޝަނުގައި ކަމަށް ވެސް ބުނެފައިވެ އެވެ. އާ ވޭރިއަންޓަށް ޕޮޒިޓިވްވީ ކޮން އެއާޕޯޓަކަށް ދިޔަ ބައެއްކަން ހާމަކޮށްފައެއް ނުވެ އެވެ. އިންޑިއާ އިން މިދިޔަ ހަފުތާގައި ވަނީ ޔޫކޭ އިން ދަތުރުކުރާ ފްލައިޓްތައް ވެސް މަނާކޮށްފަ އެވެ.

އާ ވޭރިއަންޓަށް ޕޮޒިޓިވްވި މީހުންގެ ކޮންޓެކްޓް ޓްރޭސް ކުރުމުގެ މަސައްކަތް މިހާރު ދަނީ ކުރިއަށް ކަމަށް އޮފިޮޝަލުން ބުނެ އެވެ.

ޔޫކޭ އިން އިންޑިއާ އަށް ދަތުރުކުރާ މީހުން އެ ގައުމުގެ ހުރިހާ އެއާޕޯޓަކުން ވެސް ޕީސީއާރް ޓެސްޓް ހަދަން ޖެހެ އެވެ. މިދިޔަ މަހު ޔޫކޭ އިން ވަނީ 33،000 ފަސިންޖަރުން އިންޑިއާ އަށް ދަތުރުކޮށްފަ އެވެ. އޭގެ ތެރޭން ކޮރޯނާވައިރަހަށް ޕޮޒިޓިވްވެފައި ވަނީ 114 މީހުންނެވެ.

ކޮރޯނާވައިރަހުގެ އާ ވޭރިއަންޓެއް އިނގިރޭސި ވިލާތުން ފެނުމާ ގުޅިގެން ވަރަށް ގިނަ ގައުމުތަކުން ވަނީ ޔޫކޭގެ ދަތުރުވެރިންނާއި ފްލައިޓްތައް މަނާކޮށްފަ އެވެ. ސިއްހީ އޮފިޝަލުން ބުނަނީ އާ ވޭރިއަންޓަކީ ފަސޭހައިން ފެތުރުމުގެ 70 ޕަސެންޓް ޗާންސް ބޮޑު އެއްޗެއް ކަމަށެވެ. އެކަމަކު އެއީ އެހާ ނުރައްކާ ވައިރަހެއް ނޫން ކަމަށް ބުނެފައިވެ އެވެ.

އިންޑިއާ އިން މިހާތަނަށް ވަނީ ކޮރޯނާވައިރަހަށް 10,224,797 މީހުން ޕޮޒިޓިވްވެ 148,190 މީހުން މަރުވެފަ އެވެ.