29 ޑިސެމްބަރ 2020 - 13:29

ކޮވިޑް-19 ގެ ސަބަބުން މުޅި ދުނިޔޭގެ ޓޫރިޒަމް މެދުކެނޑި، ދުނިޔޭގެ އިގްތިސާދަށް މިވަނީ އެތައް ޓްރިލިޔަން ޑޮލަރުގެ ގެއްލުމާ ކުރިމަތިލާން ޖެހިފަ އެވެ. ދުނިޔޭގެ ޓޫރިޒަމް ޖަމްއިއްޔާ، ޔޫއެންޑަބްލިއުޓީއޯ އިން ލަފާކުރާ ގޮތުގައި މި އަހަރު ނިމޭއިރު ދުނިޔޭގެ އިގްތިސާދަށް، މިދިޔަ އަހަރާ އަޅާބަލާއިރު ދެ ޓްރިލިޔަން ޑޮލަރު ގެއްލުންވެ، ދުނިޔޭގެ ޓޫރިޒަމް 72 ޕަސެންޓް ދަށަށް ދާނެ އެވެ. އެހެންކަމުން މި އަހަރު ނިމޭއިރު، ދުނިޔޭގެ ޓޫރިޒަމް ހުންނާނީ މީގެ 30 އަހަރު ކުރިން ހުރި މިންވަރަށް ފަހަތަށް ސޮއްސާލާފައި ކަމަށް ވަނީ ބެލެވިފަ އެވެ.

މީގެ ސަބަބުން ރާއްޖެ ފަދަ، ޓޫރިޒަމްގެ އިގްތިސާދަށް ބަރޯސާވެފައިވާ ގައުމުތަކަށް ކުރާނެ އަސަރު ބޮޑުވާނެކަމީ ކަށަވަރު ކަމެކެވެ. މި އަހަރު މިހާތަނަށް 500،000 ޓޫރިސްޓުން ރާއްޖެ ޒިޔާރަތް ކޮށްފައި ވިޔަސް، އަހަރު ނިމޭއިރު ރާއްޖެ އަށް ޒިޔާރަތްކުރާ ޓޫރިސްޓުންގެ އަދަދު ހުންނާނީ 600،000 އަށްވުރެ ދަށުގައި ކަމަށް ބެލެވޭއިރު، އެއީ ގާތްގަނޑަކަށް 67 ޕަސެންޓްގެ ދަށްވުމެކެވެ.

ކޮންމެއަކަސް، އަވަސް ކުރިމަގެއްގައި ކޮވިޑްގެ ވެކްސިން އާއްމުކޮށް ދުނިޔޭގެ ގައުމުތަކުން ލިބެން ފަށާނެ ކަމަށް ބެލެވޭއިރު، ކުރިމަގުގައި ދަތުރުފަތުރު ކުރާނެ މީހުންގެ އަދަދު ގިނަވާނެ ކަމަށް މިހާރުވަނީ ބެލެވެން ފަށައިފަ އެވެ. ގައުމުތަކުގެ އެތެރޭގެ ދަތުރުފަތުރު ފުރަތަމަ އިތުރުވާނެ ކަމަށް ބެލެވުނަސް އިސާހިތަކު ގައުމުން ބޭރަށް ކުރާ ދަތުރުތައް އިތުރު ވެގެންދާނެ ކަމަށް ބެލެވެއެވެ. އެހެނަސް ގައުމުން ބޭރަށް ދަތުރުކުރާނެ މިންވަރާއި، ކުރާނެ މިސްރާބު ބިނާ ވާނީ އެތައް ކަމެއްގެ މައްޗަށް ކަން ކަށަވަރެވެ.
މިހާރު ރާއްޖެ އަންނަ ޓޫރިސްޓުންގެ އަދަދު ގިނަވުމުގައި ވެސް ސަބަބުތަކެއް ހިމެނެއެވެ. ޓޫރިސްޓުންގެ ތެރޭގައި މަގްބޫލު އެތައް މަންޒިލެއް އަދިވެސް އޮތީ ކަރަންޓީނުގަ އެވެ. ޚާއްސަކޮށް ޔޫރަޕުގެ ގިނަ ގައުމުތަކާއި، ޗައިނާ އާއި އެމެރިކާ އާއި ތައިލެންޑް ފަދަ ގައުމުތަކެވެ. ރާއްޖެ އަށް މި ވަގުތު އެންމެ ގިނަމީހުން އަންނަ ރަޝިޔާއިން މި އަހަރު މެދުތެރޭގައި ވަރަށްގިނަ އަދަދެއްގެ މީހުން ތުރުކީ އަށް ދަތުރުކުރި އެވެ. އެކަމަކު މާގިނަ ދުވަހެއްނުވެ ތުރުކީގައި ކޮވިޑް-19 ވައިރަސް ހަލުވިކަމާ އެކު ފެތުރެންފެށުން ވެގެންދިޔައީ ރާއްޖޭގެ ނަސީބަކަށެވެ.
މެދުއިރުމަތީގެ ގައުމުތަކުގެ ތެރެއިން ގިނަ ގައުމުތަކުގެ މީހުންނަކީ ޔޫރަޕަށާއި އެމެރިކާގެ ގައުމުތަކަށް ވަރަށް ގިނައިން ދަތުރުކުރާ ބައެކެވެ. ޕެރިހާއި ލަންޑަނާއި ނިއުޔޯކާއި ސިންގަޕޫރާއި ބެންކޮކް ފަދަ މަންޒިލްތަކުގެ ބޯޑަރުތައް ބަންދު ކުރެވިފައިވުން އެއީ ވެސް ރާއްޖޭގެ ނަސީބެވެ. މި ވަގުތަކީ ޔޫރަޕުގެ ފިނިމޫސުމަށް ވުމުން، އެހެން އަހަރުތަކެކޭ ވެސް އެއްގޮތަށް ޔޫރަޕުގެ ފިނި ސަރަހައްދުތަކުން ދުނިޔޭގެ ހޫނު ސަރަހައްދުތަކަށް މީހުން ދަތުރުކުރުމަކީ އާދައެކެވެ. މި ވަގުތު އޭޝިޔާ ސަރަހައްދުގެ ގިނަ ގައުމުތަކުގެ ބޯޑަރު ބަންދުކޮށްފއި އޮތުމަކީ ވެސް ރާއްޖޭގެ ނަސީބެވެ.
މިއިން އެއްވެސް ކަމަކީ، ރާއްޖޭގެ އިޚުތިޔާރާއި ބާރުން ފުރިހަމަވީ ކަންކަމަށް ނުވިޔަސް، ބޯޑަރު ހުޅުވާލުމަކީ ރާއްޖެއިން ކުރި ރަނގަޅު ކަމެކެވެ. އެހެނަސް ކުރިމަގުގައި މިފަދަ ރަނގަޅު ނަސީބު އަބަދު 'ލައްވާލާނެ' ކަމަކަށް ނުބެލެވެ އެވެ. ކޮވިޑްގެ ވެކްސިނާ އެކު ދުނިޔޭގެ ގައުމުތަކުގެ ބޯޑަރުތައް ހުޅުވާލުމުން، ޓޫރިޒަމަށް ބަރޯސާވާ ހުރިހާ ގައުމަކުން، ދުނިޔޭގެ ބޮޑެތި އައުޓްބައުންޑް މާކެޓްތަކުން އެ ގައުމުތަކަށް ދާ މީހުން އިތުރުކުރުމަށް 'އެގްރެސިވް' މާކެޓިން ކެމްޕެއިންތައް ހިންގާނެކަމީ ކަށަވަރު ކަމެކެވެ.
މިފަދަ ކޮންމެ މާކެޓިން ހަރަކާތަކުން ނަތީޖާ ފެންނަން ތިންމަހާ ބާރަމަހާ ދެމެދުގެ މުއްދަތެއް ނަގާނެ ކަމަށް ބެލެވޭއިރު، މިހާރު ނުކުރާ މާކެޓިން ކެމްޕެއިނަކުން މިއަންނަ އަހަރު އެޕްރީލް މަހުން ފެށިގެން އަސަރެއް ކުރާނެ ހެއްޔެވެ؟ މާޗު މަހުން ފެށިގެން ޔޫރަޕުގެ ފިނިމޫސުން ނިމުމަކަށް ދާއިރު އެ ސަރަހައްދުން މި ސަރަހައްދަށް ދަތުރުފަތުރު ކުރާމީހުން އިންތިހާ އަށް މަދުވާކަމީ އެންމެން ދަންނަ ހަގީގަތެކެވެ.
ޔޫރަޕުގެ ހޫނު މޫސުމުގައި، ފަހަކަން އައިސް ރާއްޖޭގެ ހިތްގައިމު މާހައުލު ފަޅުފިލުވައިދެނީ އިރުމަތީ ގައުމުތަކަށް ނިސްބަތްވާ ޓޫރިސްޓުންނެވެ. މިއީ، ރާއްޖެ އެކަނިކުރާ ތަޖުރިބާއެއް ނޫނުވެ. މިއީ މުޅި ދުނިޔެ މިހާރު ތަޖްރިބާ ކުރަމުން އަންނަ ޓްރެންޑެކެވެ. އެހެންކަމުން ދުނިޔޭގެ އެންމެ ބޮޑު އައުޓްބައުންޑް މާކެޓް ކަމަށްވާ ޗައިނާގެ ޓޫރިސްޓުންގެ ސަމާލުކަން ހޯދުމަށް، ދުނިޔޭގެ ކުދި ބޮޑު ހުރިހާ ގައުމަކުންހެން މަސައްކަތް ކުރެއެވެ.
މިފަދަ ސަބަބުތަކާ ހެދި ދުނިޔޭގެ ބައެއް ބޮޑެތި ވިޔަފާރި ބްރޭންޑްތަކުން ޗައިނާގެ ޓޫރިސްޓުންގެ ސަމާލުކަން ހޯދުމަށް ކުރާ ހޭދަ ބޮޑުކުރާއިރު، އަނެއްބައި ބްރޭންޑްތަކުން ޗައިނާގައި ކުރާ އިންވެސްޓްމަންޓްތައް ވެސް އަންނަނީ އިތުރު ކުރަމުންނެވެ. ދުނިޔޭގެ ލަގްޒަރީ ބްރޭންޑެއް ކަމަށްވާ 'ހިލްޓަން' ބްރޭންޑްގެ ކުޑައިގެ ދަށުގައި ހިމެނޭ ހުރިހާ ސަބްބްރޭންޑްތަކަކުން މިހާރު ވެސް 300 ހޮޓާ ޗައިނާގައި ހިންގަމުން އަންނައިރު 2025 ވަނަ އަހަރުގެ ނިޔަލަށް އެކު ޖުމްލަ 1000 ހޮޓާ ޗައިނާގައި އަޅައި ހިންގުމަށް ދަނީ މަސައްކަތް ކުރަމުންނެވެ. މި އިންވެސްޓްމަންޓްތަކުން ޗައިނާގައި އެކަނި 50 މިލިޔަން 'ރޯޔަލްޓީ' ކަސްޓަމަރުން އުފެދޭނެ ކަމަށް އެ ބްރޭންޑުން ދެކެއެވެ.
މިކަހަލަ ބްރޭންޑްތަކުގެ މިފަދަ އިންވެސްޓްމެންޓްތައް އަމާޒުކުރަނީ ޑޮމެސްޓިކް އަދި އިންޓަނޭޝަނަލް ޓްރެވަލް ޓްރެންޑްތަކަށް ބަލައިގެން މިވަރުގެ ޕޮޓެންޝަލް އެހެން މާކެޓެއް ދުނިޔޭގައި މިވަގުތު ފެންނަން ނެތުމުން ކަމަށް ބެލެވެއެވެ. އެމެރިކާ އާއި ޔޫރަޕާއި ރަޝިޔާ އަދި އޮސްޓްރޭލިޔާ ފަދަ ގައުމުތަކުން ވެސް ޗައިނާގެ ޓޫރިސްޓުން އެ ގައުމުތަކަށް ދަތުރުކުރާ މިންވަރު އިތުރުކުރުމަށް ގިނަގުނަ ހޭދަތައް ދަނީ ކުރަމުންނެވެ.
ކޮންމެއަކަސް، ކުރިމަގުގައި ރާއްޖެ އަށް ޒިޔާރަތްކުރާ މީހުންގެ ނިސްބަތް އިތުރުވާނީ، ވާދަވެރި ޓޫރިޒަމް މަންޒިލްތަކުން ކުރާނެ މާކެޓިން ކެމްޕެއިންތަކަށް ވުރެ ވަރުގަދަ، ހަރުދަނާ، އިފެކްޓިވް ޑެސްޓިނޭޝަން މާކެޓިން ކެމްޕެއިންތަކެއް ރާއްޖެ އަށް ކުރެވިގެންނެވެ. ދުނިޔޭގެ ބޮޑެތި ހުރިހާ ބްރޭންޑެއް ހެން ރާއްޖޭގައި އިންވެސްޓް ކޮށްފައި ވިޔަސް، ޗުއްޓީ އަށް ދާން ޓޫރިސްޓުން ފުރަތަމަ ޚިޔާރުކުރަނީ ޓޫރިޒަމް މަންޒިލެވެ. ޑެސްޓިނޭޝަނެވެ. ތިބޭނެ ތަނަކާއި، ބޭނުންވާ ޚިދުމަތުގެ ފެންވަރާއި، ޚަރަދުކުރާނެ މިންވަރު ނިންމަނީ އޭގެ ފަހުންނެވެ.
އެހެންކަމުން ޓޫރިޒަމްގެ އެކި މޫސުންތަކަށް ރިއާޔަތްކޮށް އެ މޫސުމަކާ ގުޅޭ ޓޫރިޒަމް ނިސްބަތްވާ ގައުމުތަކުގެ ޓޫރިސްޓުންގެ އިތުބާރު ހޯދިގެން މެނުވީ، ކުރިމަގުގައި އެކަށޭނަ ކުރިއެރުމެއް ލިބިދާނެ ކަމަށް ނުބެލެވެއެވެ. ކުރާކަމެއް ރަނގަޅު ވަގުތުގައި ރަނގަޅު ގޮތުގައި ރަނގަޅު ތަނުގައި ކުރެވިގެން މެނުވީ ރަނގަޅު ނަތީޖާ ފެންނާނެ ކަމަށް ނުބެލެވެއެވެ. ކުރިމަގުގައި ދުނިޔޭގެ މާކެޓުގައި ރާއްޖޭގެ 'ކޮމްޕެޓިޓިވްނަސް' ނުހިފެހެއްޓި، ހުސްއެކަނި ކުރެވޭ އުމްމީދަކުން ފަތުރުވެރިކަމަށް 'ބޫމެއް' އަތުވެދާނެ ކަމަކަށް ނުބެލެވެއެވެ.
އެޑިޓަރުގެ ނޯޓް: ޑރ. ހާރިސް މުހަންމަދަކީ އެމްއެމްޕީއާރުސީގެ ކުރީގެ މެނެޖިން ޑިރެކްޓަރެވެ. އޭނާ ވަނީ ބިޒްނަސް އެޑްމިނިސްޓްރޭޝަން އިން މާކެޓިން އިން ޕީއެޗްޑީ ހައްދަވައިފަ އެވެ.