29 ޑިސެމްބަރ 2020 - 11:50

ކޮންމެ އަހަރެއް ނިމުމާ ދިމާކޮށް ބޭންކް ބަންދުކުރާ އުސޫލުން އަންނަ ބުރާސްފަތި ދުވަހު ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ބަންދުވާނެ ކަމަށް އެ ބޭންކުން ބުނެފި އެވެ.
އަންނަ ބުރާސްފަތި ދުވަހު ހުރިހާ ހިދުމަތެއް ބަންދުކުރުމަށް ފަހު ދެން ފަށާނީ ޖެނުއަރީ 3 ވަނަ ދުވަހު އެވެ.
ބޭންކް ބަންދުކުރާ ދުވަސްތަކުގައި ހުރިހާ ބްރާންޗެއްގެ ހިދުމަތް ބަންދުކުރި ނަމަވެސް ސެލްފް ސާވިސް އޭޓީއެމްތަކުން ހިދުމަތް ލިބޭނެ އެވެ. އަދި ބޭންކްގެ ފޭސްބުކާއި ޓުވިޓާ މެދުވެރިކޮށް މެސެޖުން ވެސް މައުލޫމާތު ލިބޭނެ ކަމަށް ބުންޏެވެ.
ބީއެމްއެލްގެ އިތުރުން، ރާއްޖޭގެ އެހެން ބޭންކްތައް ވެސް ޑިސެމްބަރު 31 ގައި ބަންދުކުރާނެ އެވެ. ކޮންމެ އަހަރެއްގެ އާ އަހަރާ ދިމާކޮށް ބޭންކްތައް އެއް ދުވަހަށް ބަންދުކުރަނީ އޮޑިޓް ކުރުމަށެވެ.