29 ޑިސެމްބަރ 2020 - 11:59

ނުކުޅެދުންތެރިކަން ހުންނަ ދަރިފުޅު ގޮވައިގެން އުމްރާ އަށް ދިއުމަށް ގދ. ތިނަދޫ މީހަކު ރައްކާކޮށްފައި ހުރި 7،000 އަށް ވުރެ ގިނަ ޑޮލަރު ވަގަށް ނަގައިފި އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލް މިއަދު ވިދާޅުވީ ތިނަދޫ ގެއަކުން ފައިސާތަކެއް ވަގަށް ނެގި މައްސަލައެއްގެ ރިޕޯޓު މިދިޔަ ހަފުތާގެ ބުދަ ދުވަހު ލިބިފައިވާ ކަމަށެވެ. އެ މައްސަލަ ތަހުގީގު ކުރަމުން އަންނަ ކަމަށް އޭނާ ވިދާޅުވި އެވެ. އިތުރު ތަފްސީލެއް ނުދެއްވަ އެވެ.
ތިނަދޫގައި ހުންނަ ރީޖަނަލް ހޮސްޕިޓަލުގައި ނަރުހަކަށް އުޅޭ އަންހެންމީހާ ފޭސްބުކްގައި ކުރި ޕޯސްޓެއްގައި ބުނީ އޭނާ ދިރިއުޅެމުންދާ ގޭގައި ރައްކާކޮށްފައި ހުއްޓައި 7،751 ޑޮލަރު (119،520ރ.) އަދި 2،000ރ. ވަގަށް ނަގާފައިވާ ކަމަށެވެ. އެއީ ނުކުޅެދުންތެރިކަން ހުންނަ ދަރިފުޅުގެ ބޭސްފަރުވާ އަށާއި އެ ދަރިފުޅު ގޮވައިގެން އުމްރާ އަށް ދިއުމަށް ރައްކާކޮށްފައި ހުރި ފައިސާތައް ކަމަށް ބުންޏެވެ.
އޭނާ ބުނިގޮތުގައި އެއީ ހަތަރު އަހަރުގެ މަސައްކަތުން އެއްކުރި ފައިސާ އެވެ.
މި ހަތަރު އަހަރު އެއިން އެއްޗެހި ނުގެއްލި ހުރުމަށް ފަހު މި މަހުގެ 23-24 ވަނަ ދުވަހު އެ އެއްޗެހި އެއްކޮށް ގެއްލިފައިވާ ކަމަށް ބުންޏެވެ.