30 ޑިސެމްބަރ 2020 - 07:39

ސެމްސަންގުން އަންނަ މަހުގެ 14 ގައި ދައްކާލާނެ ކަމަށް ބެލެވޭ ސެމްސަންގް އެސް 21 ސީރީޒްގެ ފޯނުގެ ޕްރި-އޯޑަރަށް ހުޅުވައިލުމުގެ ކުރިން އެންމެ ފުރަތަމަ ފޯނު ގަންނަން ބޭނުންވާ މީހުންނަށް ރިޒަވޭޝަން ހެދުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.
ސެމްސަންގްގެ ވެބްސައިޓްގައިވާ ގޮތުން ފޯނުގެ ޕްރި-އޯޑަރު ކަށަވަރުކުރުމަށް ހަދަން ޖެހޭ ރިޒަވޭޝަނަށް ބޭނުން ވާނީ މީހާގެ ނަމާއި އީމެއިލް އާއި ޒިޕް ކޯޑް އަދި އިހުތިޔާރެއްގެ ގޮތުގައި ފޯނު ނަމްބަރެވެ. އެ މައުލޫމާތު ސެމްސަންގް އެޕް މެދުވެރިކޮށް ހިއްސާކުރެވޭނެ އެވެ.
ދެކުނު ކޮރެއާގެ ކުންފުނިން ބުނި ގޮތުގައި ގެލެކްސީ އެސް 21 ގެ ޕްރި-އޯޑަރަށް ހުޅުވާލާ ތާރީހު ވެސް އެންމެ ފުރަތަމަ އަންގާނީ ރިޒަވޭޝަން ހަދާ ކަސްޓަމަރުންނަށެވެ. އަދި އެފަދަ ކަސްޓަމަރުންނަށް ކްރެޑިޓްގެ ގޮތުގައި ހާއްސަ އިނާޔަތްތަކެއް ލިބޭނެ އެވެ. މިކަމާ ބެހޭ އިތުރު މައުލޫމާތު ސެމްސަންގް އެޕުންނާއި ވެބްސައިޓުން ލިބޭނެ އެވެ.
ރިޕޯޓްތައް ބުނާގޮތުން ގެލެކްދީ އެސް21 ގެ ތިން މޮޑެލްއެއް ނެރޭނެ އެވެ. އަދި އެ އެއްޗެހީގެ ނަމަކީ އޯ1 (ގެލެކްސީ އެސް21)، ޕީ3 (ގެލެކްސީ އެސް21+) އަދި ޓީ2 (ގެލެކްސީ އެސް އަލްޓްރާ) އެވެ. އަދި ފަސް ކުލައަކުން މި މޮޑެލްތައް އަންނާނެ ކަމަށްވެ އެވެ. އެއީ ގްރޭ، ޕިންކް، ސިލްވާ، ވައިލެޓް އަދި ވައިޓެވެ.
ބައެއް ރިޕޯޓްތައް ބުނާގޮތުން އެސް21 ސީރީޒްގެ ފޯނުތަކުގެ ތެރެއިން ކޮންމެވެސް އެއް މޮޑެލްއެއްގެ ސެލްފީ ކެމެރާ އިންނަނީ ނުފެންނަ ގޮތަށް ޑިސްޕްލޭ ދަށުގަ އެވެ.