ގިނަ ހޮސްޕިޓަލްތަކުން އަދިވެސް ކޮވިޑް ސާމްޕަލް ފޮނުވަނީ މާލެއަށް
ގިނަ ހޮސްޕިޓަލްތަކުން އަދިވެސް ކޮވިޑް ސާމްޕަލް ފޮނުވަނީ މާލެއަށް

ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ކޮވިޑް-19 އަށް ޓެސްޓުކުރެވެން ހުއްޓަސް ސާމްޕަލް ފޮނުވަނީ މާލެއަށް ކަމަށް ބައެއް ހޮސްޕިޓަލްތަކުން މިއަދު ބުނެފި އެވެ.

ކޮވިޑް-19ގެ ޓެސްޓްތަކަށް މާލެ ސަރަހައްދަށް އޮތް ޑިމާންޑު ބޮޑުކަމުން ބައެއް ރީޖަނަލް ހޮސްޕިޓަލްތަކާއި އަތޮޅު ހޮސްޕިޓަލްތަކުގައި ކޮވިޑް ޓެސްޓުކުރެވޭނެ އިންތިޒާމްތައް ސަރުކާރުން ހަމަޖެއްސި އެވެ. އެގޮތުން ޑަބްލިއުއެޗްއޯގެ އެހީގައި، ށ. ފުނަދޫގައި ހުންނަ އެ އަތޮޅު ހޮސްޕިޓަލާއި ރ. އުނގޫފާރު ރީޖަނަލް ހޮސްޕިޓަލާއި ބ. އޭދަފުށީގައި ހުންނަ އެ އަތޮޅު ހޮސްޕިޓަލާއި ލ. ގަން ރީޖަނަލް ހޮސްޕިޓަލާއި ގއ. އަތޮޅު ހޮސްޕިޓަލް އަދި ގދ. ތިނަދޫގައި ހުންނަ އަބްދުއްސަމަރު މެމޯރިއަލް ހޮސްޕިޓަލުގައި ޖީއެންއެކްސްޕާޓް މެޝިން ބަހައްޓައި ޓެސްޓުކުރަން ފެށި އެވެ.

ގަން ރީޖަނަލް ހޮސްޕިޓަލްގެ މެނޭޖަރު އަލީ ނަޝީދު ވިދާޅުވީ އެ ހޮސްޕިޓަލުގައި ހުންނަ ޖީންއެކްސްޕާޓް މެޝިނުން ގަޑިއިރަކުން ގާތްގަނޑަކަށް 1-2 ޓެސްޓް ހެދޭ ކަމަށެވެ. އެއީ ދުވާލަކު ގާތްގަނޑަކަށް 20-35 ޓެސްޓެވެ. އެކަމަކު ހޯމް ކަރަންޓީނުގައި ތިބޭ މީހުންގެ ސާމްޕަލް، ވީހާވެސް އަވަހަކަށް ޓެސްޓްކުރުމުގެ ގޮތުން، އަދިވެސް ފޮނުވަނީ މާލެއަށް ކަމަށް އޭނާ ވިދާޅުވި އެވެ. .

އެ ހޮސްޕިޓަލުގައި ހުރި މެޝިނުން މި ވަގުތު ޓެސްޓު ހަދަނީ ހޮސްޕިޓަލުން ސިއްހީ ފަރުވާ ހޯދުމުގެ ކުރިން ކޮވިޑަށް ޓެސްޓުކުރަންޖެހޭ މީހުންގެ އެވެ. އޭގެ އިތުރުން، ހޯމް ކަރަންޓީނުގައި ހުއްޓާ ބަލީގެ އަލާމާތެއް ފެނުނަސް އަދި ކޮމިއުނިޓީ ސްޕްރެޑެއް އޮތް ނަމަވެސް ގަމު ހޮސްޕިޓަލުން ޓެސްޓުކޮށްދެ އެވެ.

އެ ރަށުގައި ހޯމް ކަރަންޓީނުގައި ތިބި މީހުންގެ ސާމްޕަލް ވެސް ކުރިން ޓެސްޓުކުރި އެވެ. އެކަމަކު ޕެންޑިންގައި ސާމްޕަލް ހުރުމުން އަވަސްކުރަން އެ އެއްޗެހި މާލެ ފޮނުވަން ފެށީ އެވެ.

ނަޝީދު ވިދާޅުވި ގޮތުގައި ހޯމް ކަރަންޓީނުގައި ތިބޭ މީހުންގެ ޓެސްޓްތައް އެ ހޮސްޕިޓަލުން ހަދާ ނަމަ ލ. އަތޮޅުގެ އިތުރުން ތ. އަތޮޅުގެ ރަށްރަށުގައި ކަރަންޓީންވާ މީހުންގެ ޓެސްޓްތައް ވެސް ހަދަން ޖެހޭނެ އެވެ. އެކަމަކު އެ ކެޕޭސިޓީ ލެބޯޓްރީ އަދި ނެތް ކަމަށް އޭނާ ވިދާޅުވި އެވެ.

"ކޮންމެ ދުވަހަކު 2-3 ފްލައިޓް އޮވޭ. މި ކޮޅުން ސާމްޕަލް ނަގާފައި [ޓެސްޓުކުރަން މާލެ] ފޮނުވާކަށް އުނދަގުލެއް ނޫން. ނަތީޖާ ލަސްވެގެން އެއްވެސް ބައެއްގެ ފަރާތުން ޝަކުވާއެއް ނުލިބޭ،" ނަޝީދު ވިދާޅުވި އެވެ.

އެ ހޮސްޕިޓަލުގައި ޕީސީއާރު ލެބެއް ހަދަން މިހާރު ވަނީ ނިންމައިފަ އެވެ. އެ މެޝިން ބަހައްޓާނެ ތަން ކަނޑައަޅައި އެ މައުލޫމާތު ވެސް ހެލްތު މިނިސްޓްރީއަށް ފޮނުވާފައިވާ ކަމަށް ނަޝީދު ވިދާޅުވި އެވެ.

ކޮވިޑަށް ޓެސްޓުކުރާ ގިނަ އަދަދެއްގެ ކާޓްރިޖް ގަމު ހޮސްޕިޓަލުގައި އެބަހުއްޓެވެ. އެހެންވެ އަންނަ ފެބްރުއަރީ މަހުގެ ތެރޭގައި، ހޯމް ކަރަންޓީންގެ ސާމްޕަލްތައް ވެސް ޓެސްޓުކުރެވޭވަރު ވާނެ ކަމަށް، އޭނާ އުއްމީދުކުރައްވަ އެވެ.

އުނގޫފާރު ހޮސްޕިޓަލްގެ މެނޭޖަރު އިބްރާހިމް ޒަޔާން ވިދާޅުވީ އެ ހޮސްޕިޓަލްގެ ލެބޯޓަރީގައި ކޮވިޑް ޓެސްޓް މި ވަގުތު ހަދަމުން އަންނަނީ ހަމައެކަނި ހޮސްޕިޓަލްގެ ބޭނުންތަކަށް ކަމަށެވެ. އެ ހޮސްޕިޓަލުގައި ހުރި ޖީންއެކްސްޕާޓް މެޝިނުން 24 ގަޑިއިރުގެ ތެރޭގައި 48 ޓެސްޓް ހެދެ އެވެ.

އެކަމަކު ލ. ގަމު ރީޖަނަލް ހޮސްޕިޓަލެކޭ އެއްގޮތަށް، ކަރަންޓީންގައި ތިބޭ މީހުންގެ ސާމްޕަލް، އުނގޫފާރު ހޮސްޕިޓަލުން ވެސް މި ވަގުތު ފޮނުވަނީ މާލެއަށެވެ.

ފުރަތަމަ ހޯމް ކަރަންޓީނަށް މީހުން ފޮނުވަން ފެށިއިރު އެ މީހުންގެ ޓެސްޓްތައް އުނގޫފާރު ހޮސްޕިޓަލުން ވެސް ހެދި އެވެ. އެކަމަކު މިހާރު އޭގެ ޓެސްޓްތައް ހަދަން ސާމްޕަލްތައް ފޮނުވަނީ މާލެއަށެވެ.

ޒަޔާން ވިދާޅުވީ ފެރީ ނުވަތަ ފްލައިޓް ކެންސަލްވުމެއް ނޫޅޭ ނަމަ 24 ގަޑިއިރުގެ ތެރޭގައި ނަތީޖާ ލިބޭ ކަމަށެވެ.

"މިހާރު ޝަކުވާއެއް ނެތް [ނަތީޖާ ލިބުން ލަސްވެގެން]. ބަރާބަރަށް ރޫޓިންކޮށް ދެވޭ،" ޒަޔާން ވިދާޅުވި އެވެ.

އޭދަފުށީ ހޮސްޕިޓަލްގެ އޮފިޝަލަކު ވިދާޅުވީ އެ ރަށުގައި ހުންނަ ހޮސްޕިޓަލުން ރަށުގައި ހޯމް ކަރަންޓީން ސާމްޕަލް ވެސް ޓެސްޓުކުރާ ކަމަށެވެ. މާލެ ފޮނުވަނީ ސާމްޕަލް މާ ގިނަވެއްޖެ ނަމަ އެވެ.

ކޮވިޑަށް ކުރާ ރެންޑަމް ޓެސްޓްތަކާއި ހޯމް ކަރަންޓީނު ނިންމާ މީހުންނާއި ޓޫރިސްޓުން އަދި ދަތުރުކުުރުމުގެ ކުރިން ޓެސްޓްކުރަންޖެހޭ މީހުންގެ ޓެސްޓް ސާމްޕަލްތަކާ އެކު މިހާރު ކޮންމެ 24 ގަޑިއިރަކު 2،000 އަށް ވުރެ ގިނަ ސާމްޕަލް ޓެސްޓްކޮށް ނަތީޖާ ލިބެ އެވެ. އަދި ބައެއް ދުވަސްދުވަހު މި އަދަދު 3،000 އަށް ވުރެ ވެސް ގިނަވެ އެވެ.