ވޮޝިންޓަން (ނޮވެމްބަރު 6) - އިންތިޚާބަށް ދެ ދުވަހަށްވެފައިވާ އިރު ރިޕަބްލިކަން ކެންޑިޑޭޓް ޑޮނަލްޑް ޓްރަމްޕުގެ ސަމާލުކަން އެންމެ ބޮޑަށް ހުރީ ޑިމޮކްރެޓިކުންގެ ބާރު އޮތް ސްޓޭޓްތަކަށް ކަމަށް އޭނާ ވިދާޅުވެއްޖެ އެވެ.

ޓްރަމްޕުގެ ކެމްޕޭން ވަރުގަދަ ކުރާ ސްޓޭޓްތަކުގެ ތެރޭގައި ޕެންސިލްވޭނިއާ، މިޝިގަން އަދި މިނެސޮޓާ ހިމެނެ އެވެ. މިނެސޮޓާގެ ވޯޓު 1972 ވަނަ އަހަރުގެ ފަހުން ރިޕަބްލިކަން ޕާޓީ އަށް ކާމިޔާބު ކުރެވިފައެއް ނުވެ އެވެ.އަދި ޕެންސިލްވޭނިއާ އާއި މިޝިގަން ގެ ވޯޓު ވެސް 1988 ވަނަ އަހަރުގެ ފަހުން ރިޕަބްލިކަން ޕާޓީ އަށް ކާމިޔާބު ކުރެވިފައެއް ނުވެ އެވެ.

އަނެއްކޮޅުން ނޭވާޑާގައި ޓްރަމްޕް އިއްޔެ ބޭއްވި ކެމްޕޭން އެއްވުމެއްގައި ސަލާމަތީ ސަބަބަކަށްޓައި ވަނީ ކުޑަ ވަގުތު ކޮޅަކަށް ސްޓޭޖުން ބާލުވައިފަ އެވެ. އޮޑިޓޯރިއަމް އިން ކޮންމެވެސް އެއްޗެއް ފެނުމާ ގުޅިގެން ޓްރަމްޕުގެ ތަގްރީރު ވަނީ މެދުކަނޑާލައްވައިފަ އެވެ. ނަމަވެސް ކުޑަ އިރުކޮޅެއް ފަހުން ސްޓޭޖަށް ވަނީ އެނބުރި ވަޑައިގެންފަ އެވެ.

ޓްރަމްޕް ސްޓޭޖުން ބޭލުވީ އޯޑިއެންސްގައި ހުރި މީހެއްގެ އަތުން ބަޑިއެއް ފެނުމުން ކަމަށްވެ އެވެ. ސަލާމަތީ ފަރާތްތަކުން ވަނީ އެ މީހާ ފާސްކޮށްފަ އެވެ.

ޓްރަމްޕުގެ ތަގްރީރު ކުރިއަށް ގެންދަވަމުން ވަނީ ސީކްރެޓް ސާވިސް އަށް ޝުކުރު އަދާ ކުރައްވައިފަ އެވެ.

ޑިމޮކްރެޓިކް ކެންޑިޑޭޓް ހިލަރީ ކްލިންޓަން އިއްޔެ އުޅުއްވީ ފިލަޑެލްފިއާ އަދި ޕެންސިލްވޭނިއާގައި ކެމްޕޭން ކުރެއްވުމަށެވެ.

އެންމެ ފަހުގެ ޚިޔާލު ހޯދުންތައް ދައްކާ ގޮތުން ވެސް ހިލަރީ އަދިވެސް އުޅުއްވަނީ އެއް ޕޮއިންޓުން ކުރީގަ އެވެ. މިދިޔަ ސެޕްޓެމްބަރު މަހުގެ ޚިޔާލު ހޯދުންތަކުގައި އެކަމަނާ އުޅުއްވީ ހަ ޕޮއިންޓް ކުރީގަ އެވެ.

އެމެރިކާގެ އިންތިޚާބުގައި މިހާތަނަށް ވަނީ އާލީ ވޯޓިންގައި 37 މިލިއަން މީހުން ވޯޓުދީފަ އެވެ. ވާދަވެރި ސްޓޭޓްތައް ކަމަށްވާ ފްލޮރިޑާ، އެރިޒޯނާ އަދި ނެވާޑާގައި ވަނީ އާލީ ވޯޓިންގައި ގިނަ އަދަދެއްގެ ލެޓީނޯ ދަރިކޮޅު މީހުން ވޯޓުދީފަ އެވެ. އޮފިޝަލުން ބުނެފައި ވަނީ ނެވާޑާގެ އާލީ ވޯޓިންގައި ހިލަރީ ވަނީ ވަރަށް ބޮޑުތަން ކުރި ހޯއްދަވައިފަ އެވެ.

ރައްޔިތުންގެ ވޯޓުން ކުރި ލިބުނު ނަމަވެސް އެމެރިކާގެ ނިޒާމް އޮންނަ ގޮތުން ރައީސް ކަމަށް ވަޑައިގަންނަވާ ބޭފުޅަކު 270 އިލެކްޓޯރަލް ކޮލެޖް ވޯޓު ހޯދަން ޖެހޭނެ އެވެ. ފްލޮރިޑާގެ ވޯޓް ކާމިޔާބު ކުރާ ކެންޑިޑޭޓަކަށް 29 އިލެކްޓޯރަލް ކޮލެޖް ވޯޓު ލިބޭނެ އެވެ.