ޝާހިދު ކަޕޫރްގެ ވެބް ސީރީޒްގެ ނަމަކީ "ގަވަރް"
ޝާހިދު ކަޕޫރްގެ ވެބް ސީރީޒްގެ ނަމަކީ "ގަވަރް"

ބޮލީވުޑްގެ އެކްޓަރު ޝާހިދު ކަޕޫރް ސޮއިކުރި ފުރަތަމަ ވެބް ސީރީޒްގެ ނަމަކީ "ގަވަރް" ކަމަށް ރިޕޯޓްތައް ބުނެފި އެވެ.

އެކްޝަން ތުރިލާއެއްގެ ގޮތުގައި ހަދާ މި ސީރީޒްގެ ޑައިރެކްޓަރަކީ އެމެޒޯން ޕްރައިމް ވީޑިއޯ އަށް މަނޯޖް ބަޖްޕާއީއާ އެކު "ދަ ފެމިލީ މޭން" ހަދައިދިން ރާޖް އެންޑް ޑީކޭ އެވެ. އެ ދެ މީހުންނަކީ ސައިފް އަލީ ޚާންގެ ޒޮމްބީ ފިލްމު "ގޯ ގޯއާ ގޯން" ގެނެސްދިން ޑައިރެކްޓަރުންނެވެ.

މީޑިއާތަކުން ބުނީ ޝާހިދާ އެކު އިންޑިއާގެ ދެކުނު ފިލްމު އިންޑަސްޓްރީގެ އެކްޓަރު ވިޖޭ ސެތުޕަތީ ވެސް މުހިންމު ރޯލެއް ކުޅޭ "ގަރަވް" ގެ ޝޫޓިން އަންނަ މަހުގެ ތެރޭގައި މުމްބާއީގައި ފަށާނެ ކަމަށެވެ. ދެ ސީޒަނަކަށް ގެނެސްދޭނެ މި ސީރީޒްގެ ފުރަތަމަ ސީޒަނުގައި 8 ނުވަތަ 10 އެޕިސޯޑް ހިމެނޭނެ އެވެ.

ރިޕޯޓްތައް ބުނާ ގޮތުން "ގަވަރް" ގެ ބަތަލާ އަކީ މަލްވިކާ މޯހަނެވެ.

ބޮލީވުޑް ހަންގާމާ އިން ބުނި ގޮތުގައި ޝާހިދު 60 ކްރޯޑް ރުޕީސް (8.2 މިލިއަން ޑޮލަރު) އަށް ސޮއިކުރި ވެބް ސީރީޒްގެ ފުރަތަމަ ސީޒަނުގެ ޝޫޓިން އަންނަ މާޗް/އެޕްރީލަށް ނިންމާނެ އެވެ. މިއަށް ޝާހިދު ވަގުތު ދޭން ނިންމީ އޭނާ ކުޅެން ފަށާފައި އޮތް ފިލްމު "ޖާޒީ" ގެ ޝޫޓިން މި މަހުގެ މެދުތެރޭގައި ނިންމައިލުމަށް ފަހު އެވެ.

މިދިޔަ އަހަރު ބޮޑު ކާމިޔާބީއެއް ހޯދި "ކަބީރު ސިންގް" އަށް ފަހު، ޝާހިދު، ކަރަން ޖޯހަރްގެ ދަރުމާ ޕްރޮޑަކްޝަންސްގެ "ޔޯދާ" ކިޔާ ފިލްމަކަށް ވެސް ފެހި ސިގްނަލް ދިނެވެ. އެކަމަކު ޝިޝާންކް ކައިތާން ޑައިރެކްޓްކުރާ އެ ފިލްމުގެ ސްކްރިޕްޓާ ދޭތެރޭ އުފެދުނު ހިޔާލު ތަފާތުވުންތަކަކާ ހެދި ޝާހިދު އެ ފިލްމު ދޫކޮށްލާފައިވާ ކަމަށް ރިޕޯޓްތައް ބުނެ އެވެ.