އަމީތާބާ އެކު "ޑެޑްލީ" ގައި ރަޝްމިކާ
އަމީތާބާ އެކު "ޑެޑްލީ" ގައި ރަޝްމިކާ

މިދިޔަ ހަފުތާގައި ސިދާތު މަލްއުތުރާގެ "މިޝަން މަޖްނޫ" އަށް ސޮއިކުރި އިންޑިއާގެ ދެކުނު ފިލްމު އިންޑަސްޓްރީގެ ބަތަލާ ރަޝްމިކާ މަންދަނާ އަނެއްކާ ވެސް ހިންދީ ފިލްމަކަށް ސޮއިކޮށްފި އެވެ.

ބޮލީވުޑް ހަންގާމާ އިން ބުނި ގޮތުގައި 24 އަހަރުގެ ބަތަލާ މި ފަހަރު ސޮއިކުރީ ޑައިރެކްޓަރު ވިކާސް ބާލް، އަމީތާބް ބައްޗަންއާ އެކު ހަދަން ނިންމާފައިވާ ފިލްމު "ޑެޑްލީ" އަށެވެ. މިއީ ބައްޕައަކާއި އަންހެން ދަރިއެއްގެ ވާހަކަ ވަރަށް ތަފާތު ގޮތަކަށް ކިޔައިދޭނެ ފިލްމެކެވެ.

ހަންގާމާ އިން ބުނި ގޮތުގައި އެކްތާ ކަޕޫރާއި ރިލަޔަންސް އެންޓަޓައިންމަންޓް ގުޅިގެން ޕްރޮޑިއުސްކުރާ ފިލްމުގެ ކާސްޓްގައި ނީނާ ގުޕްތާ ވެސް ހިމެނޭ އިރު، އަންނަ މާޗް މަހުގެ ތެރޭގައި "ޑެޑްލީ" ގެ ޝޫޓިން ފަށާނެ އެވެ. އަދި މަސައްކަތް ކުރިއަށް ގެންދާނީ ޝޫޓިން ފަށާ ގޮތަށް ނިންމާލާ ގޮތަށެވެ.

"ޑެޑްލީ" ކިޔާ ފިލްމެއް ހަދަން ނިންމި އިރު ދާދި ފަހުން ވިކާސް ވަނީ ޓައިގާ ޝްރޮފާ އެކު "ގަންޕަތު" ކިޔާ ފިލްމެއް ވެސް ގެނެސްދޭނެކަން އިއުލާންކޮށްފަ އެވެ. އެއީ 2022 ގައި ރިލީޒްކުރާނެ ފިލްމެކެވެ.

މިދިޔަ އަހަރު ރިތިކް ރޯޝަނާ އެކު "ސުޕަ 30" ގެނެސްދިން ވިކާސް އަންނަނީ ކޮމީޑިއަން ސުނިލް ގްރޯވާއާ އެކު "ސަންފްލްވާ" ކިޔާ ވެބް ސީރީޒެއްގެ މަސައްކަތް ވެސް ކުރަމުންނެވެ.

ވިކާސް އަކީ ކަންގަނާ ރަނާވަތަށް 2015 ގައި އެންމެ މޮޅު ބަތަލާގެ ނެޝަން އެވޯޑް ލިބުނު ފިލްމު "ކްއީން" ގެނެސްދިން ޑައިރެކްޓަރެވެ.

އޭނާގެ އާ ފިލްމު އަމީތާބާއު ރަޝްމިކާއާ އެކު ހަދަން ނިންމި އިރު، ރަޝްމިކާ އަކީ ކަންނާޑާ އާއި ތެލެގޫ ފިލްމުތައް ކުޅޭ ބަތަލާއެކެވެ. އޭނާ އެކްޓިން އަށް ނުކުތީ 2016 ގެ ކަންނާޑާ ފިލްމު "ކިރިކް ޕާޓީ" އިންނެވެ. "މިޝަން މަޖުނޫ" ވެގެން ދާނީ ރަޝްމިކާ ބޮލީވުޑަށް ތައާރަފުވާ ފިލްމަށެވެ.

ސޮނީ ޓީވީގެ "ކޯން ބަނޭގާ ކަރޯޑްޕަތީ" ހޯސްޓްކުރަމުން އަންނަ އަމީތާބް އެންމެ ފަހުގެ ފިލްމަކީ މި އަހަރު ރިލީޒްކުރި "ގުލާބޯ ސިތާބޯ" އެވެ. އޭނާގެ ކުރިއަށް ހުރި ފިލްމުތަކުގެ ތެރޭގައި "ޗެހެރޭ" އާއި "ބުރައްމަސްތުރާ" އާއި "ޖުންދު" އަދި "މޭޑޭ" ހިމެނެ އެވެ.