29 ޑިސެމްބަރ 2020 - 20:03

ތެހެރާން (ޑިސެމްބަރު 29)- އެމެރިކާ އިން އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތަކާ ގުޅިގެން އީރާނަށް އެކަށީގެންވާ މިންވަރަށް ކޮރޯނާވައިރަހުގެ ވެކްސިން އެތެރެނުކުރެވޭތީ އެ ގައުމުން އަމިއްލަ އަށް ވެކްސިނެއް އުފައްދާ ޓެސްޓް ކުރަން ފަށައިފި އެވެ.
އީރާނުން އުފެއްދި ވެކްސިން ޖަނަވާރުން ބޭނުންކޮށްގެން ޓެސްޓް ކުރުމަށް ފަހު މިހާރު ވަނީ އިންސާނުންނަށް ދޭން ފަށައިފަ އެވެ. ކޯވް-އީރާންބްލެސިންގެ ނަންދީފައިވާ ވެކްސިންގެ ފުރަތަމަ ޑޯޒް މިއަދު ދީފައި ވަނީ އީރާނުގެ ސީނިއާ އޮފިޝަލެއް ކަމަށްވާ މުހައްމަދު މަޚްބަރުގެ ދަރިކަނބަލުން ތައްޔިބާ މަޚްބަރަށެވެ.
"އީރާނުގެ ރައްޔިތުންނަށް ދޭން ބޭނުންވާ މެސެޖަކީ އީރާނުން އެ ގައުމުގެ ރައްޔިތުންނަށް ވެކްސިން ދޭނެކަން،" ހެލްތު މިނިސްޓަރު ސައީދު ނަމާކީ ވިދާޅުވި އެވެ.
ސީނިއާ އޮފިޝަލް މަޚްބަތު ވިދާޅުވީ ކުރިއަށް އޮތް ދުވަސްތަކުގައި އީރާނުން މަހަކު 1.5 މިލިއަން ޑޯޒުގެ ވެކްސިން އުފައްދާނެ ކަމަށެވެ.
އީރާނުގެ އޮފިޝަލުން ވިދާޅުވަމުން ގެންދަވަނީ އެމެރިކާގެ ދަތިކުރުމުގެ ފިޔަވަޅުތަކުގެ ސަބަބުން އެ ގައުމަށް ވެކްސިން ހޯދުމަށް ދަތިވެފައިވާ ކަމަށެވެ. ނަމަވެސް ދަތިކުރުމުގެ ފިޔަވަޅު އެޅި ނަމަވެސް ބޭހާއި އިންސާނީ އެހީ އީރާނަށް ފޯރުކޮށްދިނުން މަނަލެއް ނޫނެވެ.
އީރާނުން ވަނީ، ހުރިހާ ގައުމަކަށް ވެސް ވެކްސިން ފޯރުކޮށްދޭ ޑަބްލިއުއެޗްއޯގެ ކޮވެކްސް ސްކީމްގައި ސޮއިކޮށްފަ އެވެ.
ކޮވިޑް ޖެހިގެން އީރާނުން 54,946 މީހުން މަރުވެފައިވާ އިރު އެ ގައުމުން މިހާތަނަށް ވަނީ 1,212,481 މީހުން ޕޮޒިޓިވްވެފަ އެވެ.