ނުވަ މަސްތެރޭ ފުރަތަމަ ފަހަރަށް ލަންކާ އަށް ޓޫރިސްޓުން
ނުވަ މަސްތެރޭ ފުރަތަމަ ފަހަރަށް ލަންކާ އަށް ޓޫރިސްޓުން

ކޮލަމްބޯ (ޑިސެމްބަރު 28) - ކޮރޯނާވައިރަސް ފެތުރޭތީ ސްރީ ލަންކާގެ ބޯޑަރުތައް ބަންދުކުރިތާ ނުވަ މަސް ދުވަސް ފަހުން ޓޫރިސްޓުންގެ ފުރަތަމަ ގްރޫޕަށް އެ ގައުމުން މިއަދު މަރުހަބާ ކިޔައިފި އެވެ.

ޔޫކްރޭނުން 185 ފަސިންޖަރުންނާ އެކު ދަތުރުކުރި ޗާޓަރު ފްލައިޓް ޖައްސާފައި ވަނީ ވެރިރަށް ކޮލަމްބޯގެ ދެކުނުން އޮންނަ މައްތަލަ އިންޓަނޭޝަނަލް އެއާޕޯޓަށެވެ.

ސްރީ ލަންކާގެ ކަމާބެހޭ ފަރާތްތަކުން ލަފާކުރަނީ ޔޫކްރޭނުގެ ޓޫރިސްޓް ގްރޫޕާ އެކު އިތުރު ގައުމުތަކުގެ ޓޫރިސްޓުން ވެސް އެ ގައުމަށް ދަތުރު ކުރާނެ ކަމަށެވެ. މާޗް މަހު ލަންކާ ބަންދު ކުރި ނަމަވެސް، ޓޫރިޒަމަށް އިގްތިސާދުގެ ބޮޑު ބައެއް ބިނާވެފައިވާ ލަންކާ އިން މިހާރު ދަނީ އަލުން ޓޫރިޒަމް ފަށަން މަސައްކަތް ކުރަމުންނެވެ. ނަމަވެސް ދަތުރުގެ ކުރިން ނެގެޓިވް ޓެސްޓަކާ އެކު ދަތުރުކުރާ ޓޫރިސްޓުން މައްތަލަ އިންޓަނޭޝަނަލް އެއާޕޯޓުން ވެސް ޓެސްޓް ކުރެ އެވެ. ޗުއްޓީގެ މުއްދަތުގައި ޓޫރިސްޓުން ތިބެން ޖެހޭނީ އެ މީހުންގެ ހޮޓަލުގަ އެވެ.

"މިއީ ލަންކާގެ ޓޫރިޒަމް ފަށަން ހިންގާ ޕައިލެޓް ޕްރޮޖެކްޓެއް،" ސަރުކާރުގެ ތަރުޖަމާން ރަމޭޝް ޕަތިރާނާ ވިދާޅުވި އެވެ. "އެއް މަސް ދުވަހަށް ފަހު އަނެއްކާ ވެސް ބަދަލުތައް ގެންނާނެ."

ލަންކާގެ ބޯޑަރުތައް ބަންދުކޮށްފައިވީ ނަމަވެސް ބޭރުން މީހުން ގެންނަ ފްލައިޓްތަކަށާއި ޗާޓަރު ފްލައިޓްތަކަށް ހުއްދަ ދެ އެވެ.

ލަންކާގައި ކޮރޯނާވައިރަހުގެ ކޭސްތައް ފަހަކަށް އައިސް ވަނީ ވަރަށް ބޮޑަށް އިތުރުވެފަ އެވެ. ތިން މަސް ދުވަސްތެރޭ ވަނީ 3،300 އިން 41،000 އަށް ކޭސްތައް އިތުރުވެފަ އެވެ. ކޮވިޑުގައި މަރުވި މީހުން ވެސް ވަނީ އެ މުއްދަތުގައި 13 އިން 191 އަށް އިތުރުވެފަ އެވެ.