ދެކޮޅު ހެއްދެވުމަށް ފަހު ކޮވިޑުގެ އެހީގެ ބިލްގައި އެންމެ ފަހުން ޓްރަމްޕް ސޮއިކުރައްވައިފި
ދެކޮޅު ހެއްދެވުމަށް ފަހު ކޮވިޑުގެ އެހީގެ ބިލްގައި އެންމެ ފަހުން ޓްރަމްޕް ސޮއިކުރައްވައިފި

ވޮޝިންޓަން (ޑިސެމްބަރު 28) - ކޮވިޑުގައި ގެއްލުން ލިބުނު މީހުންނަށް އެހީވުމަށް ކޮންގްރެސް އިން ފާސްކުރި ބިލް ތަސްދީގު ކުރުމަށް އެތައް ބަހަނާއެއް ދެއްކެވުމަށް ފަހު، ރައީސް ޑޮނަލްޑް ޓްރަމްޕް އެންމެ ފަހުން އެ ބިލްގައި ސޮއި ކުރައްވައިފި އެވެ.

ބިލްގައި ސޮއި ކުރައްވަން ދެކޮޅު ހެއްދެވި ސަބަބާ ބެހޭ ގޮތުން ޓްރަމްޕް ވިދާޅުވީ އެމަނިކުފާން ބޭނުންފުޅުވީ ގެއްލުން ލިބުނު މީހުންނަށް ބޮޑު އެހީއެއް ދެއްވަން ކަމަށެވެ. ބިލް ތަސްދީގު ނުކުރެއްވި ނަމަ އެމެރިކާގައި ވަޒީފާ ގެއްލުނު އެތައް މިލިއަން ބަޔަކަށް މާލީ ބޮޑެތި ދަތިތައް ކުރިމަތިވީހެވެ. ހޯމަ ދުވަހުގެ ރޭ 12 އާ ހަމައަށް އެ ބިލްގައި ޓްރަމްޕް ސޮއި ނުކުރެއްވި ނަމަ ސަރުކާރު ހިންގުމަށް ކޮންމެވެސް ވަރެއްގެ ހުއްޓުމެއް އައީހެވެ.

ހާލުގައި ޖެހުނު މީހުންނަށް ދިނުމަށް 900 ބިލިއަން ޑޮލަރުގެ ޕެކޭޖް ކޮންގްރެސް އިން ފާސްކޮށްފައި ވަނީ އެތައް ދުވަހެއްގެ ބަހުސަށް ފަހު އެވެ.

އެންމެ ފަހުން ބިލްގައި ޓްރަމްޕް ސޮއި ކުރެއްވި ސަބަބެއް ވިދާޅެއް ނުވެ އެވެ. ޓްރަމްޕް ކުރިން ވިދާޅުވަމުން ގެންދެވީ އެ ބިލް މިހާރު އޮތް ގޮތަށް ތަސްދީގުކޮށްފި ނަމަ ހާލުގައި ޖެހުނު މީހުންނަށް ލިބޭނީ ބޮލަކަށް 600 ޑޮލަރު ކަމަށެވެ. އެކަމަކު އެމަނިކުފާން ބޭނުން ވަނީ މަދުވެގެން 2،000 ޑޮލަރު ދިނުމަށް ކަމަށް ވިދާޅުވި އެވެ. ބިލްގައި ވަނީ އަހަރަކު 75،000 ޑޮލަރަށް ވުރެ މަދުން އާމްދަނީ ލިބޭ މީހުންނަށް އެހީގެ ގޮތުގައި 600 ޑޮލަރު ދިނުމަށް ހިމަނައިފަ އެވެ.

އެހީގެ ގޮތުގައި 600 ޑޮލަރު ދިނުމަށް ހަމަނައިފައި ވަނީ ޓްރަމްޕުގެ އެންމެ އިސް އިގްތިސާދީ އެޑްވައިޒަރު އަދި ޓްރެޝަރީ ސެކްރެޓަރީ ސްޓީވަން މަނޫޗިން އެވެ. އެހެންވެ ގިނަ ބަޔަކު މިހާރު ދަނީ ކޮންގްރެސް އިން ބިލް ފާސްކުރުމުން އެ އަދަދާ ޓްރަމްޕް ދެކޮޅު ހެއްދެވި ސަބަބާ މެދު ސުވާލު އުފައްދަމުންނެވެ.

ބިލް ތަސްދީގު ކުރުމަށް ޓްރަމްޕަށް ވަނީ ސިޔާސީ ގޮތުން ވެސް ފިއްތުންތައް ކުރިމަތިވެފަ އެވެ. އަންނަ މަހު 20 ގައި ރައީސްކަމުގެ މަގާމާ ހަވާލުވެވަޑައިގަންނަވާ ޖޯ ބައިޑަން ވިދާޅުވެފައި ވަނީ އެހީގެ ބިލް ޓްރަމްޕް ތަސްދީގު ނުކުރައްވައިފި ނަމަ ފޫނުބެއްދޭވަރުގެ ގެއްލުމެއް ލިބޭނެ ކަމަށެވެ.

އެމެރިކާގައި މިހާތަނަށް ވަނީ 19,573,847 މީހުން ކޮރޯނާވައިރަހަށް ޕޮޒިޓިވްވެ 341,138 މީހުން މަރުވެފަ އެވެ.