އާ ފިލްމުގައި ސޯނަމް ކަޕޫރް "ބްލައިންޑް"
އާ ފިލްމުގައި ސޯނަމް ކަޕޫރް "ބްލައިންޑް"

މީގެ ދެ އަހަރު ކުރިން ކައިވެނިކުރި ފަހުން ފިލްމީ މަސައްކަތްތަކާ ތަންކޮޅެއް ދުރުގައި ހުރި ބަތަލާ ސޯނަމް ކަޕޫރް އާ ފިލްމެއްގެ މަސައްކަތް ފަށައިފި އެވެ.

މި ފިލްމަކީ އޭނާ ސޮއިކޮށްފައިވާ ކަމަށް މިދިޔަ އަހަރު ވެސް ރިޕޯޓްކޮށްފައިވާ "ބްލައިންޑް" އެވެ. މި ފިލްމަކީ ހަމަ އެ ނަމުގައި މީގެ ނުވަ އަހަރު ކުރިން ނެރުނު ކޮރެއާ ފިލްމު އަސްލަކަށް ބަލައިގެން ހަދާ ފިލްމެވެ.

މިދިޔަ އަހަރު އަމީތާބް ބައްޗަން އާއި ތާޕްސީ ޕައްނޫއާ އެކު "ބަދުލާ" ގެނެސްދިން ޑައިރެކްޓަރު ސުޖޯއި ގޯޝް ރައިޓްސް ހޯދައިގެން، ޝޯމް މަކީޖާ ލައްވައި ޑައިރެކްޓްކުރުވާ "ބްލައިންޑް" ގެ ޝޫޓިން މި ވަގުތު ކުރިއަށް ދަނީ ސޯނަމްގެ ފިރިމީހާ އާނަންދު އަހޫޖާއާ އެކު މިހާރު އާންމުކޮށް ދިރިއުޅޭ އިނގިރޭސިލާތުގެ ދަށުގައި އޮންނަ ސްކޮޓްލެންޑްގަ އެވެ.

ގްލަސްގޯގައި ޝޫޓިން ކުރިއަށްދާ ފިލްމުގެ ކާސްޓްގައި ޕޫރަބް ކޯލީ އާއި ލިލީތާ ޑޫބޭގެ އިތުރުން ވިނޭ ޕަތަކް ހިމެނެ އެވެ. "ބްލައިންޑް" ގެ ޝޫޓިން ހޯމަ ދުވަހު ފެށީ އެއްވާނެއްގައި ކުރިއަށް ގެންގޮސް ނިންމާލާ ގޮތަށެވެ. އެހެންވެ މުޅި ފިލްމު ޝޫޓްކުރާނީ ސްކޮޓްލެންޑްގަ އެވެ.

ދެހާސް އެގާރައިގައި ރިލީޒްކުރި "ބްލައިންޑް" އަކީ އަން ސަންގް ހޫން ޑައިރެކްޓްކޮށްފައިވާ ކްރައިމް ތުރިލާއެކެވެ. މީގެ މުހިއްމު ރޯލްތައް ކުޅެފައި ވަނީ ކިމް ހާ-ނެއުލް އާއި ޔޫ ސިއެންގް-ހޯ އެވެ.

"ބްލައިންޑް" ކިޔައި ދެނީ ގެއްލިފައިވާ ކަމަށް ބެލެވޭ މީހަކު މަސްތުވެގެން އިނދެ ދުއްވި ކާރެއް ޔުނިވަސިޓީއެއްގައި ކިޔަވާ އަންހެން ދަރިވަރެއްގެ ގައިގައި ޖެހި ހިނގާ ނުރައްކާތެރި އެކްސިޑެންޓަކާ ގުޅިގެން، އޭނާގެ ލޮލުގެ ފެނުން ގެއްލި އެ ހާދިސާގެ ހަގީގަތް ހޯދަން ކުރާ މަސައްކަތުގެ ތެރޭގައި ދިމާވާ އާދަޔާހިލާފު ކަންތައްތަކެކެވެ.

އަނިލް ކަޕޫރްގެ ދަރިފުޅު ސޯނަމް އެންމެ ފަހުން ކުޅުނު ފިލްމަކީ މިދިޔަ އަހަރު ގެނެސްދިން "ދަ ޒޯޔާ ފެކްޓާ" އެވެ. އަދި މި މަހުގެ 24 ގައި ނެޓްފްލިކްސް އިން ޕްރިމިއާކުރި ބައްޕަގެ ފިލްމު "އޭކާ ވާސަސް އޭކޭ" ހެ ހާއްސަ ފެނިލުމެއްގައި ސޯނަމް ހިއްސާވެފައިވެ އެވެ.