ރަށްރަށުން ޓޫރިޒަމަށް ދޫކުރާ ބިމުގެ އަގު ވަރަށް ބޮޑަށް ހެޔޮކޮށްފި
ރަށްރަށުން ޓޫރިޒަމަށް ދޫކުރާ ބިމުގެ އަގު ވަރަށް ބޮޑަށް ހެޔޮކޮށްފި

ޓޫރިޒަމްގެ ބޭނުމަށް އެކި ރަށްރަށުން ދޫކުރާ ބިމުގެ އަގަށް ބޮޑެތި ބަދަލުތަކެއް ގެނެސްފި އެވެ.

ޓޫރިޒަމާ ބެހޭ ގާނޫނަށް ރައްޔިތުންގެ މަޖިލީހުން ގެނައި އިސްލާހު ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އިއްޔެ ތަސްދީގު ކުރެއްވުމާ އެކު، އައި މި ބަދަލުގައި ބިމުގެ އަގު ކަނޑައަޅާފައި ވަނީ ރާއްޖޭގެ އަތޮޅުތައް ހަތަރު ބަޔަކަށް ބަހައިލައިގެންނެވެ.

އައްޑު އާއި ފުވައްމުލަކުގައިރިސޯޓެއް ނުވަތަ ހޮޓަލެއް ތަރައްގީ ކުރާ ނަމަ އަކަމީޓަރެއް އަހަރަކު ދެ ޑޮލަރަށް ދޭ އިރު މީހުން ދިރިއުޅޭ ރަށެއްގައި ޓޫރިޒަމްގެ ބޭނުމަށް ތަނެއް ތަރައްގީ ކުރެވޭނީ އަކަމީޓަރަކަށް އެއް ޑޮލަރުގެ ރޭޓުންނެވެ. މި ދެ އަތޮޅަކީ ޓޫރިޒަމްގެ ބޭނުމަށް އެންމެ ކުޑަ އަގުގައި ބިން ދޫކުރާ ދެ އަތޮޅެވެ. އައްޑު އާއި ފުވައްމުލަކުން ދެ ލައްކަ އަކަމީޓަރަށް ވުރެ ބޮޑު ބިމެއް ނަގާ ނަމަ ރިސޯޓު ތަރައްގީ ކުރަން އަހަރަކަށް ހަތަރު ލައްކަ ޑޮލަރު ހޭދަކުރަން ޖެހެ އެވެ. މީހުން ދިރިއުޅޭ ރަށްރަށުގައި ގެސްޓް ހައުސް ތަރައްގީ ކުރާ ނަމަ ދެ ލައްކަ ޑޮލަރު ހޭދަކުރަން ޖެހޭނެ އެވެ.

ހއ، ހދ، އަދި ށ. އަތޮޅުން ރިސޯޓު ތަރައްގީ ކުރަން ހަތަރު ޑޮލަރަށް އަކަމީޓަރެއް ލިބޭ އިރު ހއ، ހދ. އަތޮޅުގެ މީހުން ދިރިއުޅޭ ރަށްތަކުން ޓޫރިޒަމްގެ ބޭނުމަށް ބިން ދޫކުރަނީ ދެ ޑޮލަރުގެ ރޭޓުންނެވެ. ރިސޯޓު ތަރައްގީ ކުރަން ދެ ލައްކަ އަކަމީޓަރަށް ވުރެ ބޮޑެތި ބިން ނަގާ ނަމަ އަހަރަށް 750،000 ޑޮލަރު ހޭދަކުރަން ޖެހޭ އިރު މީހުން ދިރިއުޅޭ ރަށްރަށުން ދެ ލައްކަ އަކަމީޓަރަށް ވުރެ ބޮޑެތި ބިންތައް ދޫކުރަނީ، 375،000 ޑޮލަރަށެވެ.

މީގެ އިތުރުން ނ، ރ، ބ، ޅ، ކ، އއ، އދ، ވ، މ، ފ، އަދި ދ. އަތޮޅުން ރިސޯޓު ތަރައްގީ ކުރަން އަކަމީޓަރަކަށް އަހަރަކަށް އަށް ޑޮލަރުގެ ރޭޓުން ޗާޖު ކުރާ އިރު މިއަތޮޅުތަކުގެ މީހުން ދިރިއުޅޭ ރަށްތަކުން ޓޫރިޒަމަށް ބިން ދޫކުރަނީ އަކަމީޓަރަކަށް ހަތަރު ޑޮލަރުގެ ރޭޓުންނެވެ. މި އަތޮޅުތަކުން ރިސޯޓުތަކަށް ދެ ލައްކަ އަކަމީޓަރަށް ވުރެ ބޮޑެތި ބިންތައް ދޫކުރަނީ އަހަރަކަށް 1.5 މިލިއަން ޑޮލަރަށެވެ. އަދި ރަށްރަށުން ދެ ލައްކަ އަކަމީޓަރަށް ވުރެ ބޮޑެތި ބިން ދޫކުރަނީ އަހަރަކަށް 750،000 ޑޮލަރު ރޭޓުންނެވެ.

އެ އަތޮޅުތަކުގެ އިތުރުން ތ، ލ، ގއ، އަދި ގދ. ގަައި ރިސޯޓު ތަރައްގީ ކުރުމަށް ނަގަނީ އަކަމީޓަރަކަށް އަހަރަކު ހަ ޑޮލަރެވެ. އަދި މި އަތޮޅުތަކުގެ މީހުން ދިރިއުޅޭ ރަށްތަކުން ޓޫރިޒަމަށް ދޫކުރާ ނަމަ އަކަމީޓަރަކަށް ތިން ޑޮލަރު ހޭދަކުރަން ޖެހެ އެވެ. ށ. އަތޮޅުގެ މީހުން ދިރިއުޅޭ ރަށްތަކުން ވެސް ބިން ދޫކުރަން ހަމަޖެހިފައިވަނީ އަކަމީޓަރަކަށް ތިން ޑޮލަރުގެ ރޭޓުންނެވެ. މިއަތޮޅުތަކުން ދެ ލައްކަ އަކަމީޓަރު ބޮޑެތި ބިންތަކުގައި ރިސޯޓު ތަރައްގީ ކުރުމަށްޓަކައި އަހަރަކަށް 1.1 މިލިއަން ޑޮލަރު ހޭދަކުރަން ޖެހޭ އިރު މީހުން ދިރިއުޅޭ ރަށްތަކުން ދެ ލައްކަ އަކަމީޓަރަށް ވުރެ ބޮޑު ބިމެއްގައި ޓޫރިޒަމްގެ ބޭނުމަށް ބިން ދޫކުރާނީ އަހަރަކަށް 562،500 ޑޮލަރަށެވެ.

މީގެ ކުރިން ޓޫރިޒަމްގެ ބޭނުންތަކަށް ބިން ދޫކުރަނީ އަކަމީޓަރެއް އަށް ޑޮލަރުގެ ރޭޓުންނެވެ. އެހެންކަމުން ޓޫރިޒަމްގެ ބޭނުންތަކަށް ދޫކޮށްފައިވާ ތަންތަނުގެ އަގުތައް މިވަނީ އެވްރެޖްކޮށް ވަރަށް ބޮޑަށް ހެޔޮކޮށްފަ އެވެ. މީހުން ދިރިއުޅޭ ރަށްރަށުން ގެސްޓްހައުސް ތަރައްގީ ކުރަން ބިން ދޫކުރާ ރޭޓް މިވަނީ ވަރަށް ބޮޑަށް ހެޔޮވެފަ އެވެ.

ޓޫރިޒަމާ ބެހޭ ގާނޫނަށް 10 ވަނަ އިސްލާހު ގެނެސް އެ އިސްލާހު ތަސްދީގު ކޮށްފައިވާ އިރު ޓޫރިޒަމްގެ ބޭނުންތަކަށް ރަށްރަށުން ބިން ކަނޑައެޅުމުގެ އިހްތިޔާރު އެރަށެއްގެ ކައުންސިލަށް މިހާރު ވަނީ ދޫކޮށްލައިފަ އެވެ.