އަކްޝޭ ކުމާރު ފިލްމު ކުޅޭ އަގު ބޮޑުކޮށްފި
އަކްޝޭ ކުމާރު ފިލްމު ކުޅޭ އަގު ބޮޑުކޮށްފި

މިހާރު ވެސް ބޮލީވުޑްގައި އެންމެ އަގު ބޮޑުކޮށް ފިލްމު ކުޅޭ ތަރިންގެ ތެރޭގައި ހިމޭނޭ އަކްޝޭ ކުމާރު އަނެއްކާވެސް އަގު ބޮޑުކޮށްފި އެވެ.

މި ފަހުން އޭނާ 99 ކްރޯޑް ރުޕީސް (13.5 މިލިއަން ޑޮލަރު) އަށް ވުރެ ކުޑަކޮށް ފިލްމު ނުކުޅޭ އިރު 2022 އިން ފެށިގެން 135 ކްރޯޑް ރުޕީސް (18.4 މިލިއަން ޑޮލަރު) އަށް ވުރެ ކުޑަކޮށް ފިލްމެއް ނުކުޅޭނެ އެވެ. އަކްޝޭ އެންމެ ފަހުން ސެޕްޓެމްބަރު މަހުގެ ތެރޭގައި ޝޫޓިން ނިންމައިލި "ބެލް ބޮޓަމް" އަކީ ވެސް 100 ކްރޯޑް ރުޕީސް (13.6 މިލިއަން ޑޮލަރު) އަށް ކުޅުނު ފިލްމެކެވެ.

ބޮލީވުޑްގެ އެންމެ ޑިމާންޑް ބޮޑު އެކްޓަރުންގެ ތެރޭގައި ހިމެނޭ އަކްޝޭ ފިލްމު ކުޅެދޭ އަގު ބޮޑުކުރި އިރު އޭނާ އަންނަނީ ފުލުފުލުގައި ފިލްމުތަކަށް ސޮއި ވެސް ކުރަމުންނެވެ. ބޮލީވުޑްގެ ވަރަށް ގިނަ ޑައިރެކްޓަރުންނާއި ޕްރޮޑިއުސަރުން އަބަދު ވެސް އަކްޝޭގެ ފަހަތުގައި ސޮއި ހޯދަން ކިއު ހަދާފައި އޮވެ އެވެ. ސަބަބަކީ އޭނާ އަކީ ކުޅޭ ކޮންމެ ފިލްމެއް ބޮޑު ހިޓަކަށް ހަދައިދޭނެކަމުގެ ގެރެންޓީ އޮންނަ އެކްޓަރަކަށްވުމެވެ.

އެހެންވެ އަކްޝޭ އަށް ކިތަންމެ ބޮޑު ހުށަހެޅުމަކީ ވެސް ޑައިރެކްޓަރުންނާއި ޕްރޮޑިއުސަރުން ޖެހިލުންވާ ކަމެއް ނޫނެވެ. އަކްޝޭ އަކީ އަބަދު ވެސް އޭނާ ސޮއިކުރާ ފިލްމުތައް ކުރު މުއްދަތެއްގެ ތެރޭގައި ނިންމައިދޭ އަދި އަހަރަކު މަދުވެގެން ތިން ހަތަރު ފިލްމު ގެނެސްދޭ އެކްޓަރެކެވެ.

އެކްޓަރުންގެ ތެރެއިން މުޅި ދުނިޔެއިން ވެސް އެންމެ ބޮޑު އާމްދަނީއެއް ލިބޭ އެކްޓަރުންގެ ތެރޭގައި ވެސް ހިމެނޭ އަކްޝޭގެ އަތުގައި މި ވަގުތު ވެސް ގިނަ ޕްރޮޖެކްޓްތަކެއް އެބަހުއްޓެވެ. އޭގެ ތެރޭގައި "ބެލް ބޮޓަމް" ގެ އިތުރުން "ޕްރިތުވީރާޖް"، އާއި "އަތުރަންގީ ރޭ" އާއި "ރަކްޝާބަންދަން" އާއި "ބައްޗަން ޕާންޑޭ" އާއި "ރާމް ސެތޫ" އާއި "މިޝަން ލަޔަން" ގެ އިތުރުން ޑައިރެކްޓަރު މުދައްސަރު އަޒީޒްގެ ނަން އިއުލާން ނުކުރާ ފިލްމެއް ހިމެނެ އެވެ.

މީގެ އިތުރުން އަކްޝޭގެ އަތުގައި "ދި އެންޑް" ކިޔާ އެމެޒޯން ޕްރައިމް ވީޑިއޯގެ ވެބް ސީރީޒެއް ވެސް އެބައޮތެވެ.

ފިލްމުތަކުން ބޮޑު ފީއެއް ލިބޭ އިރު އަކްޝޭ އަކީ ފިލްމުތައް އަޅުވައިގެން އޭގެ ފައިދާ އިން ބައިއަޅާ ގޮތަށް ބޮލީވުޑްގައި ފިލްމު ކުޅޭ މަދު އެކްޓަރުންގެ ތެރެއިން ވެސް އެކެކެވެ. އަނެއްކޮޅުން އަކްޝޭ އަކީ އޭނާ ކުޅޭ ބައެއް ފިލްމުތަކުގައި ޕްރޮޑިއުސަރެއްގެ ގޮތުގައި ވެސް ހިއްސާވާ އެކްޓަރެވެ.

އޭނާގެ އަމިއްލަ ފިލްމު ކުންފުންޏަކީ ކޭޕް އޮފް ގުޑް ފިލްމްސް އެވެ. އަދި އަކްޝޭ އަކީ އިޝްތިހާރު ކުޅެގެން ވެސް ބޮޑު އަގެއް ލިބޭ ފަންނާނެކެވެ.

ރިޕޯޓްތައް ބުނާގޮތުން އަކްޝޭ، 53، ފިލްމު ކުޅޭ އަގު ބޮޑުކުރި ނަމަވެސް އޭނާގެ ވަރަށް ގާތް ބައެއް ޕްރޮޑިއުސަރުންގެ ފިލްމުތައް ޑިސްކައުންޓް ރޭޓްތަކެއްގައި ކުޅެދޭނެ އެވެ. އޭގެ ތެރޭގައި އަންނަ މަހު އަކްޝޭ ޝޫޓިން ފަށާ "ބައްޗަން ޕާންޑޭ" ގެ ޕްރޮޑިއުސަރު ސާޖިދު ނަދިއަދުވާލާ ހިމެނެ އެވެ.

ސާޖިދު ޕްރޮޑިއުސްކުރި އެތައް ފިލްމެއް އަކްޝޭ މިހާތަނަށް ކުޅެފައިވެ އެވެ. އޭގެ ތެރެއިން އެންމެ ފަހުގެ ފިލްމަކީ މިދިޔަ އަހަރި ރިލީޒްކުރި "ހައުސްފުލް 4" އެވެ.

މި އަހަރު ޑިޖިޓަލްކޮށް ގެނެސްދިން "ލަކްޝީ ބޮމް" އަށް ފަހު އަކްޝޭ ދެން އެންމެ އަވަހަށް ބޮޑު ސްކްރީނުން ފެންނާނީ އަންނަ އަހަރުގެ ކުރީކޮޅު ރިލީޒްކުރާ ރޯހިތު ޝެޓީގެ "ސޫރިޔަވަންޝީ" އިންނެވެ.