11 ޖެނުއަރީ 2021 - 11:01

މެންޗެސްޓާ (ޖެނުއަރީ 11) - ކޮވިޑް-19 އަށް ޕޮޒިޓިވްވެފައިވާ މީހަކާ އެކު އުޅެފައިވާތީ މެންޗެސްޓާ ސިޓީގެ ފޯވާޑް ސާޖިއޯ އަގުއޭރޯ އެކަހެރިވާން ޖެހި އޭނާ އަށް ސިޓީގެ ކުރިއަށް އޮތް ދެ މެޗު ވެސް ގެއްލިއްޖެ އެވެ.
އެފްއޭ ކަޕްގެ ތިން ވަނަ ބުރުގައި ރޭ ބާމިންހަމް އަތުން ސިޓީ 3-0 އިން މޮޅުވި މެޗުގައި އަގުއޭރޯ ކުޅޭގޮތަށް ހަމަޖެހިފައި އޮތް ނަމަވެސް އޭނާ ނުފެނެ އެވެ. މެޗަށް ފަހު ސިޓީގެ ކޯޗު ޕެޕް ގާޑިއޯލާ ބުނީ ކޮވިޑް-19 އަށް ޕޮޒިޓިވްވި މީހަކާ އަގުއޭރޯ ކޮންޓެކްޓްވި ނަމަވެސް އޭނާ ކުރި ޓެސްޓުން ވަނީ ނެގެޓިވްވެފައި ކަމަށެވެ. އެކަމަކު އިނގިރޭސި ސަރުކާރުން ކަނޑައަޅާފައިވާ ގައިޑްލައިނުގައިވާގޮތުން ޕޮޒިޓިވްވި މީހަކާ ކޮންޓްކެޓްވި މީހެއް ނަމަ 10 ދުވަހަށް އެކަހެރިވާން ޖެހެ އެވެ.
އަގުއޭރޯ އަށް ގެއްލޭނީ ޕްރިމިއާ ލީގުގައި ބްރައިޓަން އާއި ކްރިސްޓަލް ޕެލަސްއާ ދެކޮޅަށް ކުޅޭ މެޗުތަކެވެ. މި ސީޒަނުގައި އަނިޔާގެ ސަބަބުން އަގުއޭރޯ އަށް ވަނީ ގިނަ މެޗުތަކެއް ގެއްލިފަ އެވެ.
ޕްރިމިއާ ލީގުގެ ޓީމުތަކަށް ބަލާއިރު މި ވަގުތު ކޮވިޑް-19ގެ ސަބަބުން އެންމެ ހާލަތު ގޯސް ކްލަބްތަކުގެ ތެރޭގައި ސިޓީ ހިމެނެ އެވެ. ކޮވިޑް ޖެހިގެން މިދިޔަ 15 ވަރަކަށް ދުވަސް ތެރޭ ސިޓީގެ ގިނަ ކުޅުންތެރިންތަކަކަށް ވަނީ މެޗުތަކެއް ގެއްލިފަ އެވެ. އެ މުއްދަތުގެ ތެރޭގައި ސިޓީގެ ކުޅުންތެރިންގެ ތެރެއިން ކޮވިޑް ޖެހުނީ ގަބްރިއެލް ޖީސޫސް، ކައިލް ވޯކާ، ސްކޮޓް ކާސަން، އެރިކް ގާސިއާ އަދި ކޯލް ޕާމާ އަށެވެ. މީގެ އިތުރުުން އެ ކްލަބްގެ ބައެއް ސްޓާފުން ވެސް ވަނީ ކޮވިޑް-19 އަށް ޕޮޒިޓިވްވެފަ އެވެ.
ކޮވިޑް ޕްރޮޓޮކޯލް އުސޫލުތަކާ ހިލާފުވުމުގެ ސަބަބުން އިނގިރޭސި ޕްރިމިއާ ލީގުގެ ބައެއް ކްލަބްތަކުން ވަނީ އެ ޓީމުގެ ކުޅުންތެރިންނަށް ފިޔަވަޅު އަޅައިފަ އެވެ. އެ ގޮތުން އާ އަހަރާ ދިމާކޮށް ޕާޓީ ބޭއްވި ބައެއް ކުޅުންތެރިން ޖޫރިމަނާތަކެއް ވަނީ ކޮށްފަ އެވެ. ޖޫރިމަނާކުރި ކުޅުންތެރިން ވަނީ ބައެއް މެޗުތަކުގެ ފުރަތަމަ އެގާރައިން ބޭރުކޮށްފަ އެވެ.
ކްރިސްޓަލް ޕެލަސްގެ ވިންގް އެބެރެޗީ އެޒޭ އެފްއޭ ކަޕްގައި ކުއީންސްޕާކް ރޭންޖާސް (ކިއުޕީއާރް) އާއި ފުލަމް ކުޅުނު މެޗު ބަލަން ދަނޑަށް ގޮސްފައިވާތީ އިނގިރޭސި އެފްއޭ އިން އަންނަނީ އެ މައްސަލަ ބަލަމުންނެވެ. ކިއުޕީއާރަކީ އެޒޭގެ ކުރީގެ ކްލަބް އެވެ. އޭނާ މެޗު ބަލަން ދިޔައީ އެ ޓީމުން ދިން ދައުވަތަކަށެވެ. އެކަމަކު އިނގިރޭސި އެފްއޭގެ ގައިޑްލައިނުގައިވާ ގޮތުން މެޗު ނުކުޅޭ ޓީމެއްގެ ކުޅުންތެރިއަކު ދަނޑަށް ދިއުމަކީ މަނާކަމެކެވެ.