27 ޑިސެމްބަރ 2020 - 22:12

ޓޫރިޒަމް ގާނޫނަށް ގެނައި އިސްލާހު ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މިއަދު ތަސްދީގު ކުރެއްވުމާ އެކު ޓޫރިޒަމްގެ ބޭނުންތަކަށް އެ ރަށަކުން ނުވަތަ ސިޓީއަކުން ބިން ކަނޑައެޅުމުގެ ބާރު ކައުންސިލްތަކަށް ލިބިއްޖެ އެވެ.
ޓޫރިޒަމް ފުޅާކުރަން ފާސްކުރި އިސްލާހުގައި ގިނަ ކަންކަން ހިމެނޭއިރު، އެންމެ މުހިއްމު އެއް ބަދަލަކީ ސިޓީތަކާއި ރަށްރަށުގެ ލޭންޑްޔޫސް ޕްލޭނާ އެއްގޮތްވާ ގޮތުގެ މަތިން ޓޫރިސްޓް ހޮޓަލާއި ޓޫރިސްޓް ގެސްޓްހައުސް ތަރައްގީކުރުމަށް ބިން އެކަށައެޅުމުގެ އިހްތިޔާރު، ކައުންސިލްތަކަށް ލިބުމެވެ.
އެކަމަކު ޓޫރިސްޓް ރިސޯޓް ހެދުމާއި އިންޓަގްރޭޓެޑް ޓޫރިޒަމް ތަރައްގީކުރުމަށާއި ސަރުކާރުގެ ޓޫރިޒަމް ރިއަލް ސްޓޭޓް ޑިވެލޮޕްމަންޓް ޕްރޮޖެކްޓް ތަރައްގީކުރުމަށާއި ޕްރައިވެޓް އައިލެންޑް ތަރައްގީކުރަން ދޫކުރާނެ ރަށްރަށާއި ބިންތަކާއި ފަޅުތައް ކަނޑައަޅާނީ އިސްލާހުގައިވާ ގޮތުން ރައީސުލް ޖުމްހޫރިއްޔާ އެވެ.
މީހުން ދިރިއުޅޭ ރަށްތަކުން ޓޫރިޒަމަށް ދޫކުރާ ބިމު ކުއްޔާއި އެ ސަރަހައްދުގެ ރިސޯޓުތައް ތަރައްގީ ކުރުމަށް ދޫކުރާ ރަށްތަކުގެ ކުލި 50 ޕަސެންޓަށް އެ އިސްލާހާ އެކު ވަނީ ކުޑަކޮށްފަ އެވެ. އެގޮތުން ޕްރައިވެޓް އައިލެންޑްތަކުން ސަރުކާރަށް ކުލި ދައްކާނީ ކޮންމެ އަހަރަކު އަކަ މީޓަރަކަށް އެއް ޑޮލަރެވެ.
ޓޫރިސްޓް ރިސޯޓުތަކުގެ ތެރެއިން 50 އަހަރަށް ވުރެ ކުރު މުއްދަތަކަށް ދީފައިވާ ތަންތަން 50 އަހަރަށް އިތުރު ކުރުމުގެ ފުރުސަތު ވެސް އިސްލާހާ އެކު ވަނީ ހުޅުވިފަ އެވެ. މި ބަދަލު ގެނައުމަށް ކުރިއަށް އޮތް ދެ އަހަރު ދުވަހުގެ ތެރޭގައި ފައިސާ ދައްކައި ހަލާސް ކުރުމަށް އެއްބަސްވާ ނަމަ، މުއްދަތު އިތުރުކުރާ ކޮންމެ އަހަރަކަށް އެއްލައްކަ ޑޮލަރު ދައްކަން ޖެހޭނެ އެވެ.
މީގެ އިތުރުން 50 އަހަރުން 99 އަހަރަށް އެގްރީމެންޓްގެ މުއްދަތު އިތުރުކުރަން ކުރިއަށް އޮތް ދެ އަހަރު ދުވަހަށް ދައްކަން ޖެހޭނީ ފަސް މިލިއަން ޑޮލަރެވެ. އަދި އެއަށް ފަހު މިގޮތަށް މުއްދަތު އިތުރު ކުރާ ނަމަ ދައްކަން ޖެހޭނީ 10 މިލިއަން ޑޮލަރެވެ.
މި އިސްލާހުގައި ޓޫރިޒަމްގެ ރިއަލް އެސްޓޭޓް ޕްރޮޖެކްޓްތަކަށް ގާނޫނީ ހައިސިއްޔަތު ދީފައިވެ އެވެ. އެގޮތުން ސަރުކާރުގެ 100 ޕަސެންޓް ހިއްސާ އޮންނަ ކުންފުނިތަކަށް ކުއްޔަށް ދޭނެ ގޮތާއި އެގޮތަށް ދޫކޮށްފައިވާ ބިންތައް އެހެން ފަރާތްތަކަށް ބަދަލު ކުރުމުގައި އަމަލުކުރާނެ ގޮތްތައް ވެސް ބަޔާންކޮށްފައިވެ އެވެ.
މީގެ އިތުރުން އިންޓަގްރޭޓެޑް ޓޫރިޒަމް ޕްރޮޖެކްޓްތަކަށް ގާނޫނީ ހައިސިއްޔަތުދީ އެފަދަ ތަންތަން ހްންގުމުގައި އަމަލުކުރާގެ ގޮތްތައް ވެސް ވަރަށް ތަފްސީލީ ގޮތެއްގައި ބަޔާންކޮށްފައިވެ އެވެ.