ކޮވިޑް އެހީގެ ބިލްގައި ޓްރަމްޕް ސޮޔެއް ނުކުރެއްވި
ކޮވިޑް އެހީގެ ބިލްގައި ޓްރަމްޕް ސޮޔެއް ނުކުރެއްވި

ވޮޝިންޓަން (ޑިސެމްބަރު 27) - ކޮވިޑުގައި ހާލުގައި ޖެހޭ މީހުންނަށް އެހީވުމުގެ ބިލްގައި އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ސޮއިކުރައްވަން ދެކޮޅު ހެއްދެވުމުން އެތައް މިލިއަން ބަޔަކަށް އެކަމުގެ ދަތިތަކާ ކުރިމަތިލާން ޖެހިއްޖެ އެވެ.

ރައީސްކަމަށް އިންތިޚާބުކޮށްފައިވާ ޖޯ ބައިޑަން ވިދާޅުވެފައި ވަނީ ކޮވިޑުގެ އެހީގެ ބިލްގައި ޓްރަމްޕް ސޮއި ނުކުރައްވައިފި ނަމަ ފޫނުބެއްދޭވަރުގެ ގެއްލުންތައް ލިބޭނެ ކަމަށެވެ. އެކަމަކު އެ ބިލް ގާނޫނަކަށް ހެދުމަށް ޓްރަމްޕް ސޮއިކުރައްވަން ޖެހޭ ސުންގަޑި މިހާރު ވަނީ ހަމަވެފަ އެވެ.

އެހީގެ ބިލްގައި ޓްރަމްޕް ސޮއި ނުކުރެއްވުމުން ވަޒީފާ ގެއްލޭ މީހުންނަށް ދޭ އިނާޔަތްތަކުން އެތައް މިލިއަން ބަޔަކު މަހްރޫމްވާނެ އެވެ. އަދި ކުލި ނުދެއްކުނަސް ގެއިން ނުނެރެވޭ ގޮތަށް އޮތް އޮތުމަށް އަސަރުކުރާނެ އެވެ.

ކޮންގްރެސްގައި އެތައް ދުވަހެއް ވަންދެއް ބަހުސްކުރުމަށް ފަހު 900 ބިލިއަން ޑޮލަރުގެ އެހީގެ ޕެކޭޖް ވަނީ ފާސްކޮށްފަ އެވެ. އެ ބިލްގައި ވަނީ އަހަރަކު 75،000 ޑޮލަރަށް ވުރެ މަދުން އާމްދަނީ ލިބޭ މީހުންނަށް އެހީގެ ގޮތުގައި 600 ޑޮލަރު ދިނުމަށް ހިމަނައިފަ އެވެ. ޓްރަމްޕް ވިދާޅުވަނީ އެމަނިކުފާން ބޭނުން ވަނީ 2،000 ޑޮލަރު ދިނުމަށް ކަމަށެވެ. އެކަމަކު ކޮންގްރެސްގައި ހިމެނޭ ރިޕަބްލިކަން މެންބަރުން ވަނީ އެ އަދަދަށް ދެކޮޅު ހަދައިފަ އެވެ. އެހީގެ ގޮތުގައި 600 ޑޮލަރު ދިނުމަށް ހަމަނައިފައި ވަނީ ޓްރަމްޕުގެ އެންމެ އިސް އިގްތިސާދީ އެޑްވައިޒަރު އަދި ޓްރެޝަރީ ސެކްރެޓަރީ ސްޓީވަން މަނޫޗިން އެވެ. އެހެންވެ ގިނަ ބަޔަކު މިހާރު ދަނީ ކޮންގްރެސް އިން ބިލް ފާސްކުރުމުން އެ އަދަދާ ޓްރަމްޕް ދެކޮޅު ހައްދަވާ ސަބަބާ މެދު ސުވާލު އުފައްދަމުންނެވެ.