27 ޑިސެމްބަރ 2020 - 16:25

ރިސޯޓުތައް ތަރައްގީކުރުމަށް ތިން ރަށަކާއި ފަޅެއް ދޫކުރަން ޓޫރިޒަމް މިނިސްޓްރީން އިއުލާނުކޮށްފި އެވެ.
ޓޫރިޒަމް މިނިސްޓްރީން ކޮށްފައިވާ އިއުލާނުގައި ރިސޯޓުގޮތުގައި ތަރައްގީކުރަން ދޫކޮށްފައިވަނީ ހއ. އަލިދުއްފަރު ފިނޮޅާއި ހދ. ވައިކަރަމުރައިދޫ އާއި ށ. ކުޑަޅައިމެންދޫ ގެ އިތުރުން ނ. ކުންނަމެލައި އެވެ.
އަންނަ އަހަރަށް ލަފާކޮށްފައިވާ ބަޖެޓުގައި 10 ރަށެއް ރިސޯޓު ގޮތުގައި ތަރައްގީކުރަން ދޫކުރެވޭނެ ކަމަށް ވަނީ ލަފާކޮށްފަ އެވެ. އަދި އެރަށްތަކުން 130 މިލިއަން ރުފިޔާ ލިބޭނެ ކަމަށް އަންދާޒާކޮށްފައިވެ އެވެ.
ސަރުކާރުން މި ތިން ރަށާއި ފަޅު ދޫކުރުމަށް ކޮށްފައިވާ އިއުލާނުގައި ބުނެފައިވަނީ މިކަމަށް ޝައުގުވެރިވާ ފަރާތްތަކުން އަންނަ ޖެނުއަރީ މަހުގެ 14 ގެ މެންދުރު ފަހު 1:00 ގެ ކުރިން، ޒޫމް މެދުވެރިކޮށް ބާއްވާ މަޢުލޫމާތު ސާފުކުރުމުގެ ބައްދަލުވުމުގައި ބައިވެރިވެ، އަންނަ އަހަރުގެ މާޗް 7 ގެ ހެނދުނު 10:00 އަށް ބީލަން ހުށަހަޅަން ޖެހޭނެ ކަމަށެވެ.
މައުލޫމާތު ސާފުކުރުމުގެ ބައްދަލުވުމުގައި ބައިވެރިވުމަށްޓަކައި ޖެނުއަރީ މަހުގެ 13 ގެ ކުރިން މިނިސްޓްރީގެ އީމެއިލް[email protected]އަށް ބައިވެރިވުމަށް އެދި ނަމާއި، އީމެއިލް އެޑްރެސް، އަދި ފޯން ނަންބަރު އީމެއިލް ކުރުމަށް ޓޫރިޒަމް މިނިސްޓްރީން ވަނީ އެދިފަ އެވެ.
ސަރުކާރުން މީގެ ކުރިން ބުނެފައިވަނީ "ވަން އައިލެންޑް ވަން ރިސޯޓް" ކޮންސެޕްޓްގެ ދަށުން 29 ރަށެއް ރިސޯޓުގެ ގޮތުގައި ދޫކުރުމަށް ވަނީ ނިންމައިފަ އެވެ. މި ތަންތަނުން 18،000 އަށް ވުރެ ވަޒީފާ އުފެއްދޭނެ ކަމަށް ވަނީ ލަފާކޮށްފަ އެވެ. މީގެ އިތުރުން މީހުން ދިރިއުޅޭ ހަތް ރަށަކުން ޓޫރިޒަމްގެ ބޭނުމަށް ބިން ދޫކުރަން ވެސް ސަރުކާރުން ނިންމާފައިވެ އެވެ. އެއީ އައްޑޫ ސިޓީ އާއި ފުވައްމުލަކާއި ލ.ގަން އާއި ގދ. ވާދޫ އާއި ހދ.ނޮޅިވަރަންފަރުގެ އިތުރުން ހއ. ކެލާ އާއި ހއ.އުލިގަމެވެ. މިކަން ސަރުކާރުން އިއުލާނު ކުރީ މިދިޔަ އަހަރުގެ ޑިސެންބަރު މަހު އެވެ.