02 ޖޫން 2016 - 19:02

މ. ބޮޑުގެ ހުރި ބިމުގައި ރޯދަމަހަށް ވަގުތީ މިސްކިތެއް އެޅުމުގެ މަސައްކަތް ފަށައިފި އެވެ.
އެތަނުގައި މިސްކިތް އެޅުމުގެ މަސައްކަތްކުރަމުން އަންނަނީ މޯލްޑިވްސް ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެމްއާރުޑީސީ) އިންނެވެ. އެ މީހުން މިހާރު އަންނަނީ ބިން އެއްވަރު ކުރުމުގެ މަސައްކަތް ކުރަމުންނެވެ.
އެ ބިމުގައި ވަގުތީ މިސްކިތެއް އަޅަނީ، މާވެޔޮ މަގުގައި ހުންނަ މަސްޖިދު ބަހާއުއްދީން ބަންދުކުރުމުން، އެ ސަރަހައްދުގައި ދިރިއުޅޭ މީހުން ދުރު މިސްކިތްތަކަށް ދާން ޖެހިފައިވާތީ އެކަން ފަސޭހަ ކޮށްދިނުމުގެ ގޮތުންނެވެ.
ބޮޑުގޭގައި އަޅަނީ ކިހާ ޖާގައިގެ މިސްކިތެއް ކަމެއް ސާފެއްނުވެ އެވެ. އަދި މިކަމާ ގުޅޭ މައުލޫމާތު އިސްލާމިކް މިނިސްޓްރީން ލިބޭ ގޮތެއް ނުވެ އެވެ.
ބަހާއުއްދީން މިސްކިތް ހުރި ތަނުގައި އަމިއްލަ މީހަކު މިސްކިތެއް ހަދަން ބޭނުންވެގެން އެ މިސްކިތް މިހާރު ހުރީ ތަޅާލައިފަ އެވެ. ނަމަވެސް މިހާތަނަށް އެ ތަނުގައި އާ މިސްކިތް އިމާރާތް ކުރާކަށް ނުފަށަ އެވެ.