އެމްއޯސީ: މި އަހަރު ބަޖެޓް ކުޑަ، އަންނަ އަހަރު ކުރީގެ ހާލަތަށް ރުޖޫއަވާނެ
އެމްއޯސީ: މި އަހަރު ބަޖެޓް ކުޑަ، އަންނަ އަހަރު ކުރީގެ ހާލަތަށް ރުޖޫއަވާނެ

ކޮވިޑުގެ ސަބަބުން މާބޮޑު ހަރަކާތްތަކެއް ނެތުމުންނާއި އޮލިމްޕިކްސް ގޭމްސް ފަސްވެފައިވާތީ މޯލްޑިވްސް އޮލިމްޕިކް ކޮމިޓީ (އެމްއޯސީ) މި އަހަރުގެ ބަޖެޓުގެ ގޮތުގައި 3.5 މިލިއަން ރުފިޔާ ފާސްކުރި ނަމަވެސް އަންނަ އަހަރު ކުރީގެ ހާލަތަށް ރުުޖޫއަވާނެ ކަމަށް އެ ކޮމިޓީން ބުނެފި އެވެ.

ކޮވިޑުގެ ސަބަބުން، މުއްދަތު ފަހަނައަޅާ ދިޔަ ފަހުން އިއްޔެ އޮންލައިންކޮށް ބޭއްވި ކޮމިޓީގެ އަހަރީ އާއްމު ޖަލްސާގައި ފާސްކުރި 3.5 މިލިއަން ރުފިޔާ އަކީ ފަހަކަށް އައިސް އެ ކޮމިޓީން ފާސްކުރި އެންމެ ކުޑަ ބަޖެޓެވެ.

ކޮމިޓީގެ ސެކްރެޓަރީ ޖެނެރަލް އަހުމަދު މަރުޒޫގު (މަރޭ) ވިދާޅުވީ އާއްމުކޮށް އެންމެ ބޮޑު ހޭދައެއް ކުރަނީ ގޭމްސްތަކަށް ދިއުމަށް ކަމަށާއި މި އަހަރު އެއްވެސް ގޭމްސްއެއް ނެތުމުން ބަޖެޓް ކުޑަވީ ކަމަށެވެ. މީގެ އިތުރުން އާއްމުކޮށް ބައިނަލްއަގްވާމީ ޕްރޮގްރާމްތައް ފަށަނީ އޮލިމްޕިކް ގޭމްސް އަށް ފަހު ކަމަށްވާތީ، މި އަހަރުގެ ގޭމްސް އަންނަ އަހަރަށް ފަސްވުމުން މި އަހަރު އެފަދަ ހަރަކާތެއް ވެސް ނެތެވެ.

އަންނަ އަހަރުގެ ގޭމްސް އަށް ފަހު ފަށާ ހަތަރު އަހަރުގެ އާ ބުރަށް، އޮލިމްޕިކް ސޮލިޑާރިޓީ މެދުވެރިކޮށް އިންޓަނޭޝަނަލް އޮލިމްޕިކް ކޮމިޓީންދޭ ތަމްރީނާއި އެހެނިހެން ޕްރޮގްރާމްތަކުގެ ތަފްސީލް އަންނަ އަހަރުގެ އޭޕްރިލް އަށް ލިބޭނެ އެވެ. އެހެންވެ އޭޕްރިލް ނިމުމުގެ ކުރިން ބާއްވާ އަންނަ އަހަރުގެ އަހަރީ އާއްމު ޖަލްސާގައި އެ ޕްރޮގްރާމްތައް ހިމަނައިގެން ފުރިހަމަ ބަޖެޓެއް ފާސްކުރެވޭނެ ކަމަށް މަރުޒޫގު ވިދާޅުވި އެވެ.

"އަންނަ އަހަރު އާއްމު ހާލަތަކަށް ބަދަލުވެގެންދާނެ،" މަރުޒޫގު ވިދާޅުވި އެވެ.

އޮލިމްޕިކް ކޮމިޓީގެ މިދިޔަ އަހަރުގެ ހަރަދަށް ހިނގީ 16.6 މިލިއަން ރުފިޔާ އެވެ. މައިގަނޑުކޮށް އެ ހަރަދު ހިނގީ އިންޑިއަން އޯޝަން އައިލެންޑް ގޭމްސް އާއި ސައުތު އޭޝިއަން ގޭމްސްގައި ބައިވެރިވާށެވެ. އެހެންވެ އޭގެ ތެރެއިން 12 މިލިއަން ރުފިޔާ އަކީ އެ ގޭމްސްތަކުގައި ބައިވެރިވާން ސަރުކާރުން ދިން އެހީ އެވެ.

އިއްޔެގެ ޖަލްސާގައި ކޮމިޓީގެ ހުރިހާ މެމްބަރުން ބައިވެރިވި އެވެ. އަދި މިއީ އެތުލީޓުން ތަމްސީލްކުރާ މެމްބަރުން އައްޔަންކުރި ފަހުން ބޭއްވި ފުރަތަމަ ޖަލްސާ އަށް ވާތީ އެތުލީޓުން ތަމްސީލްކުރާ ދުވުންތެރިޔާ ހަސަން ސާއިދާއި ފެތުންތެރިޔާ އައިމިނަތު ސަޖަން ބައިވެރިވި އެވެ.

"އެތުލީޓުންގެ ވާހަކަ ޕޮލިސީ މޭކިން ލެވެލްގައި އަޑުއިއްވަން ލިބުނު ފުރުސަތެއް މިއީ،" މަރުޒޫގު ވިދާޅުވި އެވެ.

އޮލިމްޕިކް ކޮމިޓީން އަޅަން ރާވާފައިވާ އޮލިމްޕިކް ހައުސްއާ ބެހޭގޮތުން މަރުޒޫގު ވިދާޅުވީ އެކަމަށް ވަރަށް މަސައްކަތްކުރެއްވިއްޖެ ކަމަށާއި އެކަމަކު އަދި އަލިމަގެއް ނުފެންނަ ކަމަށެވެ.

އޮލިމްޕިކް ހައުސް އަޅަން ލިބިފައި އޮތް ބިން ކުރީގެ ސަރުކާރުން އެހެން ބަޔަކަށް ދީފައި އޮތުމުން ބަދަލުގައި ލިބުނު ދެ ބިން ވެސް އެކަށީގެންނުވާތީ ކޮމިޓީން ބޭނުމެއް ނުހިފަ އެވެ. މަރުޒޫގު ވިދާޅުވީ އޮލިމްޕިކް ހައުސް އަޅަން ބޭނުންވާ ފައިސާ ހަމަޖެހި ހުރީ އެކައުންޓުގައި ކަމަށާއި ދެން އަންނަ އެކްސްކޯ އަކުން ސަރުކާރާ ވާހަކަދައްކައިގެން ބިމެއް ހޯދާނެ ކަމަށް އުއްމީދުކުރާ ކަމަށެވެ. ކޮމިޓީގެ މިހާރުގެ ދައުރު އަންނަ އަހަރަށް ހަމަވާނެ އެވެ.