27 ޑިސެމްބަރ 2020 - 15:02

މާލޭގައި ކޮވިޑް ޖެހޭ މީހުންގެ އަދަދު ވަރަށް ބޮޑަށް ދަށްވެ، ދިން ލުއިތަކާ އެކު ބޭއްވި ކައިވެނި ހަފުލާއެއްގެ ތެރެއިން އެތައް ބަޔަކަށް ކޮވިޑް ޖެހި، ސަތޭކައަށް ވުރެ ގިނަ މީހުން ކަރަންޓީނުކުރަން ޖެހުމުން ފާޑުކިޔުމާއި ކަންބޮޑުވުން ވަނީ އިތުރުވެފަ އެވެ. ދިން ލުއިތަކުގެ ތެރޭގައި، ހަފުލާތައް ބޭއްވުމުގެ ހުއްދަ އޮތަސް އެއީ ރައްކާތެރިވުމުގެ ގޮތުން އެޗްޕީއޭ އިން ކަނޑައަޅާފައިވާ ފިޔަވަޅުތަކާ އެކުގައި ކުރަން ދިން ހުއްދައެކެވެ.
މި މަހުގެ 20 ވަނަ ދުވަހު ޝީ ބިލްޑިންގުގައި ބޭއްވި ކައިވެނި ޕާޓީގައި ގާތްގަނޑަކަށް 120 މީހަކު ބައިވެރިވި ކަމަށް އެޗްޕީއޭ އިން ބުނެ އެވެ. އޭގެ ތެރެއިން މިހާތަނަށް ކޮވިޑަށް ޕޮޒިޓިވް ވީ 35 މީހެކެވެ. އޭގެ ތެރޭގައި ހައި ރިސްކް މީހުން ވެސް ހިމެނޭކަން ފާހަގަކޮށް އެޗްޕީއޭ އިން އިލްތިމާސްކުރީ ހަފުލާތައް ބާއްވަން ހުއްދަ ދީފައި ވިޔަސް އެކަމުގައި އަމަލުކުރަން އެކުލަވާލާފައިވާ މިންގަނޑުތަކަށް ތަބާވުމަށެވެ.
ކޮވިޑާ ބެހޭ ގޮތުން މިހާތަނަށް ހަދާފައިވާ ދިރާސާތަކުން ދައްކާ ގޮތުން، ޕާޓީތައް ފަދަ ބަންދުކޮށް ހުންނަ ތަންތަނުގައި ބާއްވާ އެއްވުންތަކަކީ ކޮވިޑް ފެތުރިފައި އޮންނަ ހިސާބެއްގައި ކުރަން ރައްކާތެރިކަމެއް ނޫނެވެ.
ކޮވިޑް-19 ފެތުރެން ފެށީންސުރެ ވެސް ތަޖުރިބާކާރުން އިންޒާރު ދެމުން އަންނަނީ އިންޑޯ ނުވަތަ ބަންދު ތަންތަނުގައި ގިނަ މީހުން ބައިވެރިވެގެން އިވެންޓްތައް ނުބޭއްވުމަށެވެ.
ސްޓެންފަޑް ޔުނިވަސިޓީގެ ސައިންސްވެރިން މިދިޔަ މަހު "ނޭޗާ" ވެބްސައިޓްގައި ޝާއިއުކުރި ދިރާސާއެއްގައި ބުނެފައިވާ ގޮތުގައި އިންޑޯގައި ބާއްވާ އިވެންޓްތައް، ހާއްސަކޮށް ކެއިންބުއިމުގެ ހިދުމަތާ އެކު ބާއްވާ އިވެންޓްތަކަކީ ގިނަ ބަޔަކަށް އެއްފަހަރާ ކޮވިޑް ފަތުރާލާ އެންމެ މައިގަނޑު އެއް ސަބަބެވެ.
އެ ދިރާސާގައި ބުނެފައިވަނީ ކޮވިޑް ޖެހޭ މީހުންގެ ތެރެއިން 80 ޕަސެންޓް މީހުންނަށް ބައްޔާ ކުރިމަތިވަނީ އިންޑޯ އިވެންޓްތަކުގެ ތެރެއިން ކަމަށެވެ.
މިއީ އެޕިޑެމިއޮލޮޖިކަލް މޮޑެލްއަކަށް ހޯދި މައުލޫމާތަކުން ހާމަވި ކަމެކެވެ. އެ މޮޑެލްއަށް މައުލޫމާތު ނެގީ 98 މިލިއަން މީހުންގެ ހަރަކާތްތައް އެ މީހުންގެ މޯބައިލް ފޯނު ބޭނުންކޮށްގެން ދެނެގަތުމަށް ފަހުގަ އެވެ. އެއިން އެނގުނު ގޮތުގައި އެމެރިކާގެ ނިއު ޔޯކާއި ލޮސް އެންޖެލިސް އާއި ޝިކާގޯ ފަދަ ސިޓީތަކުގައި މާޗުން މެއި މަހުގެ ނިޔަލަށް ކޮވިޑް ޖެހުނު މީހުންގެ ތެރޭގައި ގިނައީ ބަންދު ރެސްޓޯރަންޓްތަކާއި ކެފޭތަކާއި ބާތަކަށް ދިޔަ މީހުންނެވެ.
"އަޅުގަނޑުމެންގެ މޮޑެލް އިން ދެއްކީ މި ބުނާ ކަހަލަ ބަންދު ތަންތަނުގައި އިވެންޓްތައް ބާއްވާއިރު އެ ތަންތަނުގެ ކެޕޭސިޓީގެ 20 ޕަސެންޓަށް ވުރެ ގިނަ މީހުން އެތަނަކަށް ނުވައްދާ ނަމަ ކޭސްތަކުގެ 80 ޕަސެންޓް މަދުކުރެވިދާނެކަން،" ދިރާސާގައި އިސްކޮށް ހުންނެވި ސްޓެންފަޑް ޔުނިވަސިޓީގެ އެސޯސިއޭޓް ޕްރޮފެސަ އޮފް ކޮމްޕިއުޓަ ސައިންސް، ޖޫ ލެސްކޮވެކް، ޕްރެސް ކޮންފަރެންސެއްގައި ވިދާޅުވި އެވެ.
ކޮވިޑް ފެތުރެން ފަށައި ދުނިޔެ ހާސްކޮށްލި ވަގުތު ހޮންގް ކޮންގުގެ އެޕިޑެމިއޮލޮޖިސްޓުންގެ ޓީމަކުން ކުރި ދިރާސާއެއްގައި ވެސް ހަމަ މިފަދަ ގޮތަކަށް ބުނެފައިވެ އެވެ. އޭރު ހޮންކޮންގުން ފެނުނު ކޮވިޑްގެ ކޭސްތަކަށް ބަލާއިރު ވެސް ދިރާސާގައި ބުނެފައިވަނީ އެ ގައުމުގެ 80 ޕަސެންޓް މީހުންނަށް ބަލި ޖެހުނީ، ބަލި ހުރި 20 ޕަސެންޓް މީހުންގެ ސަބަބުން ކަމަށެވެ. އަދި، ބަލި ޖެހުނު މީހުންގެ 70 ޕަސެންޓް މީހުންގެ ފަރާތުން އެހެން މީހަކަށް މި ބަލި ނުފެތުރޭކަން ވެސް ދިރާސާއިން އެނގުނެވެ. އެކަކު ނުވަތަ މަދު ބައެއްގެ ފަރާތުން އެތައް ބަޔަކަށް ބަލި ޖެހުނު ހުރިހާ ފަހަރެއްގައި ވެސް އެކަން އެގޮތަށް ދިމާވީ ބަންދު ތަންތަނުގައި ބޭއްވި އިޖުތިމާއީ އެއްވުންތައް ނުވަތަ ބައްދަލުވުންތަކުން ކަން ވެސް އެނގިފައިވެ އެވެ.
ކޮރޯނާވައިރަސްގެ ސުޕަސުޕްރެޑާ އިވެންޓްތަކުގައި މައިގަނޑު ދެތިން ކަމެއް ތަޖުރިބާކާރުންނަށް ފާހަގަވެފައިވެ އެވެ. އެއީ އެކި ގޭބިސީތަކުން މީހުން އެއްވުމާއި ބަންދު ތަނަކަށް ވުމާއި ގައިގޯޅިކޮށް ގިނައިރު ތިބުމެވެ. އެހެންވެ އޮފީސްތަކާއި ކެފޭ/ރެސްޓޯރަންޓްތަކަކީ ބަލި އެންމެ ބޮޑަށް ފެތުރޭ ތަންތަނަށް ވާނެ އެވެ. އެހެންވެ މިފަދަ ކަންކަން ހިނގިޔަ ނުދީ ހިފެހެއްޓިގެން ނޫނީ ލޮކްޑައުންތަކަށް ވެސް ލުޔެއް ނުދެވޭނެ އެވެ.
ޝީ ބިލްޑިންގައި ހުންނަ ހޯލަކީ އެފަދަ ތަނެކެވެ. ގިނަ ބަޔަކު އެއްވެއްޖެ ނަމަ ހާސްކަން ބޮޑުވާ ފަދަ ނިސްބަތުން ކުޑަ ހޯލެކެވެ. އަދި އެތަނަށް އަރައި ފޭބުމުގައި ވެސް، ގައިގޯޅިކަން ބޮޑުކޮށް އުޅެން ޖެހޭ ފަދަ، ލިފްޓް ކުޑަވެފައި، ސިޑި ވެސް ހަނި ތަނެކެވެ.
އެޗްޕީއޭ އިން ކެނޑިނޭޅި އިރުޝާދު ދެމުން އަންނަނީ، މާލޭގައި ޕާޓީތަކާއި ބަައްދަލުވުންތައް ބާއްވަން ލިބެން ހުންނަ ތަންތަނުގެ ހާލަތަށް ވެސް ވިސްނާފައި ކަމަށް ބެލެވެ އެވެ.
"ހަފްލާތައް ބާއްވާއިރު އެޗްޕީއޭގެ ގައިޑްލައިންތަކާ އެއްގޮތަށް އަމަލުކުރުމަށް ސަމާލުކަން ދިނުން މުހިންމު. ބަލީގެ އަލާމާތްތައް ހުރި މީހުން ހަފްލާތަކަށް ނުދިއުމާއި، ހާޒިރުވާ ފަރާތްތައް މާސްކް އެޅުމާއި، ހަފްލާތަކުގައި ގައިދުރުކަން ކަށަވަރުކުރެވެން ވާނެ،" ޝީ ބިލްޑިންގައި ބޭއްވި ޕާޓީގެ ތެރެއިން ކޮވިޑް ކޭސްތަައް ފެނުމުން އެޗްޕީއޭއިން އާންމުންނަށް ހަނދާންކޮށްދެމުން ބުންޏެވެ.
އެ ޕާޓީއަށް ދިޔަ މީހުންގެ ތެރޭގައި ކޮވިޑްގެ އަލާމާތްތަައް ހުރި މީހުން ހިމެނެ އެވެ. އެހެންކަމުން ކޮވިޑަށް ވެދާނެ ފަދަ އަލާމާތްތައް ހުއްޓަސް، ބައެއް މީހުން ފަރުވާކުޑަކުރާކަން، އެ ޕާޓީން އެނގެ އެވެ.
ރާއްޖޭގައި ވެސް ކޮވިޑް ވަރަށް ބޮޑަށް ކޮންޓްރޯލްކުރެވިފައިވާ މި ވަގުތު، ފަރުވާ ކުޑަކޮށްލައި، ކޮވިޑް އެންމެ ފަސޭހައިން ފެތުރޭ ގޮތަށް އިވެންޓްތައް ބާއްވަން ދޫކޮށްލައިފި ނަމަ އަނެއްކާވެސް ހާލަތު ގޯސްވުމުގެ ކަންބޮޑުވުން ކުޑައެއް ނޫނެވެ.