28 ޑިސެމްބަރ 2020 - 07:53

މީގެ އަހަރުތަކެއް ކުރިން އެކްޓިންއާ ދުރަށް ދިޔަ ފަހުން ކުރީގެ ބަތަލާ އާމިރާ އިސްމާއީލް އެންމެ ފަހުން ބޮޑު ސްކްރީނުން ފެނުނީ މިދިޔަ އަހަރުގެ ފިލްމު "ލީނާ" ގެ ވަރަށް ކުޑަކުޑަ ސަޕޯޓިން ރޯލަކުންނެވެ.
އޭގެ ދުވަސްތަކެއް ފަހުން މިއޮތީ އާމިރާގެ އާ ވީޑިއޯ ލަވައެކެވެ. އަލީ ރަޝީދު (ގޮޅާ އައްޔަ) ޑައިރެކްޓްކޮށްފައިވާ މި ލަވަ އަކީ "ޔާރު ތިއޭ މި ހިތުގެ ޝިފާ" އެވެ. މިއީ ކުރީގެ ލަވަކިޔުންތެރިޔާ އަލީ ރަމީޒާއި ޝިފާ ތައުފީގް ކިޔާފައިވާ ލަވައެކެވެ.
މި ވީޑީއޯ ލަވައިން އާމިރާ އަނެއްކާ ވެސް ހަމަ ކުރީގެ ސްޓައިލްގައި ބެލުންތެރިންނާ ބައްދަލުކުރި އިރު، ލަވައިގައި އޭނާ ކޯ-ސްޓާރަކީ އަހުމަދު ޒިޔާ އެވެ.
އާމިރާ މިހާތަނަށް ވަރަށް ކާމިޔާބު ފިލްމުތަކެއް ކުޅެފައިވެ އެވެ. ފިލްމީ ދާއިރާއާ ފެއަށް ޖެހިލައި، ފަހުން ބުރުގާ ވެސް އެޅި ބަތަލާގެ ކެރިއަރުގެ އެންމެ ފާހަގަކޮށްލެވޭ އެއް ފިލްމަކީ އަމްޖަދު އިބްރާހީމް ޑައިރެކްޓްކުރި "އުދަބާނީ" އެވެ.
ދެހާސް ފަހެއްގައި ފިލްމީ ދާއިރާ އަށް ނުކުތް އާމިރާ ކުޅުނު އިތުރު ބައެއް ފިލްމުތަކުގެ ތެރޭގައި "ލަވް ސްޓޯރީ" އާއި "އާދޭސް" އާއި "ވެހޭ ވާރޭތެރެއިން" އާއި "ޖިންނި" އާއި "ލައެލާ" އާއި "އެ ބައްޕަ" އަދި "ލޫދިފާ" ފަދަ ފިލްމުތައް ހިމެނެ އެވެ.
ވަރަށް ގިނަ އަދަދެއްގެ ވީޑިއޯ ލަވަތައް ވެސް ކުޅުނު ބަތަލާ ކާމިޔާބު ސިލްސިލާތަކެއް ވެސް ކުޅެފައިވެ އެވެ. އޭގެ ތެރޭގައި "ސޫރަ" އާއި "މަގޭ ހިތަކީ ހިތެއް ނޫންހޭ؟" އާއި "ވަމޭ ކައިރީގައި ކަލާ" ފާހަގަކޮށްލެވެ އެވެ.
އާމިރާގެ އެންމެ ރަން ދުވަސްވަރު ފިލްމީ ދާއިރާގެ އެންމެ މަޝްހޫރު އެކްޓަރުންނާ އެކު ފިލްމުތައް ކުޅެފައިވެ އެވެ. އޭގެ ތެރޭގައި ޔޫސުފް ޝަފީއު (ޔޫއްޕެ) އާއި އަލީ ސީޒަން ފަދަ ތަރިން ހިމެނެ އެވެ.